ކޮވިޑް-19 ފެތުރެން ފެށުމުން ދުނިޔޭގެ ބޮޑެތި ގިނަ ގައުމުތަކުގެ ސްޕަމާކެޓްތައް ވެސް ހުސްވިއެވެ. ސަބަބަކަށްވީ ކުރިއަށް އޮތްތަނުގައި ކާބޯތަކެތި ނުލިބިދާނެ ކަމުގެ ބިރު ހީވެގެން ބައެއް މީހުން މާގިނައިން އެއްޗެހި ގަތުމެވެ.

ކާބޯތަކެތި ހުސްވެދާނެތީ އާއްމުކޮށް ކަންބޮޑުވެ ހާސްވަނީ އުމުރުން ދޮށީ މީހުންނެވެ. ނަމަވެސް އިނގިރޭސިވިލާތުގެ އުމުރުން އެންމެ ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު މިވަނީ އަމިއްލައަށް އޮންލައިންކޮށް 849 އެމެރިކާ ޑޮލަރު (ދިވެހި ރުފިޔާ އިން ބަލާނަމަ 13000 ރުފިޔާގެ) ތަކެތި ގަނެފައެވެ.

މަންމަގެ ފޯނުން އޮންލައިންކޮށް ތަކެތިގަތް ކުއްޖާ އެއްޗެހި ގަތީ ގެއިން ކާތަކެތި ހުސްވެދާނެތީ އެކަމާ ކަންބޮޑުވެގެން ކަމެއް މުޅިން ކަށަވަރެއް ނުވެއެވެ. ނަމަވެސް ކުއްޖާގެ މަންމަ އާއި ބައްޕަ މީޑިއާ އަށް މައުލޫމާތު ދިން ގޮތުގައި ކާތަކެތި ހުސްވެދާނެތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ދެމަފިރިން މަޝްވަރާކުރި އަޑު ދަރިފުޅަށް ވަނީ އިވިފައެވެ.

ފިރިހެން ކުއްޖާ ގަނެފައިވާ ތަކެތީގެ ތެރޭގައި 900 އަށް ވުރެ ގިނަ ސޮސެޖާއި، ގެރިމަސް ދަޅުތަކަކާއި 180 އަށް ވުރެ ގިނަ އޮރެންޖާއި އަށް ކޭކާއި، އަދިވެސް އެހެނިހެން ތަކެތި ހިމެނެއެވެ.

"އަހަރެން ދަރިފުޅާއި ސުވާލު ކުރުމުން ބުނި އެހެން އެންމެނަށް ވުރެ ގިނައިން ތިމަންނަ ކާއެއްޗެހި ބޭނުމޭ. މި ކުރެވެނީ ކީއްކަން އެނގިގެން އޭނާ ކުރިކަމެއް ކަމަށް އަހަރެމެންނަށް ފާހަގަ ކުރެވުނީ. ވަރަށް ބޮޑު އެއްޗެއް މިދަނޑިވަޅުގައި ކްރެޑިޓް ކާޑުން ކެނޑިގެން ދިޔައީ. ނަމަވެސް މިހާރު އަހަރެމެން އާއިލާ އެންމެނަށް މިކަންވެފައި ވަނީ ވަރަށް މަޖާ ކަމަކަށް." ކުއްޖާގެ ބައްޕަ ބުންޏެވެ.

އޮންލައިންކޮށް ވިޔަފާރި ކުރުން އާއްމު ވަމުން އަންނައިރު މައިންބަފައިންގެ ޑިވައިސްތަކުން ކުޑަކުދިން ވިޔަފާރިކޮށް، އަގުބޮޑެތި އެއްޗެހި ގަތުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އާއްމުވެފައެވެ. އެހެންކަމުން އެފަދަ ކަންކަމަށް ސަމާލުވުމަށް މައިންބަފައިންނަށް ތަޖުރިބާކާރުން އިރުޝާދު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު