ބޮލީވުޑްގެ އެކްޓަރ އިރުފާން ޚާން މަރުވެއްޖެއެވެ.
އުމުރުން 54 އަހަރުގައި އިރުފާން ޚާން މަރުވީ ހާލު ދެރަވެގެން މުމްބާއީގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. އިރުފާން ޚާން ހޮސްޕިޓަލްގައި އެޑްމިޓްކޮށް އައިސީޔޫގައި ފަރުވާ ދޭން ފެށީ އިއްޔެގެ ވަގުތެއްގައެވެ.
އިރުފާން ޚާން މަރުވުމާއި ގުޅިގެން ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުންނާއި އޭނާގެ ސަޕޯޓަރުން ގެންދަނީ މީސް މީޑިއާގައި ހިތާމަފާޅު ކުރަމުންނެވެ. އިރުފާން ޚާން މަރުވުމުން މީސް މީޑިއާގައި ހިތާމަފާޅުކޮށްފައިވާ ފަންނާނުންގެ ތެރޭގައި އަމީތާބު ބަޗަން، ސޯނަމް ކަޕޫރު، ކަރަން ޖޯހަރު ފަދަ އެތައް ފަންނާނުންނެއް ހިމެނެއެވެ.
އިރުފާން ޚާން މަރުވިއިރު އޭނާގެ އަނބިމީހާ އާއި ދެދަރިން ދުނިޔޭގައި އެބަތިއްބެވެ.
ނިއުރޯއެންޑޮކްރިން ކެންސަރު ޖެހިފައި ހުރިކަން އިރުފާން ޚާން މީޑިއާ އަށް ކަށަވަރު ކޮށްދިނީ 2018 ވަނަ އަހަރުގެ މާޗް މަހުއެވެ. އޭގެ ފަހުން އޭނާ ވަނީ އެކި ގައުމުތަކުން ފަރުވާ ހޯދާފައެވެ.
1988 ވަނަ އަހަރުން ފެށިގެން ފިލްމީ ދާއިރާގައި ހަރަކާތްތެރިވަމުން އައި އިރުފާން ޚާން ވަނީ އިނގިރޭސިވިލާތުގެ ބައެއް ފިލްމުތަކާއި، ހޮލީވުޑްގެ ބައެއް ފިލްމުތައް ވެސް ކުޅެފައެވެ. އޭނާ އެންމެ ފަހުން ކުޅުނު ފިލްމަކީ މިއަހަރު ރިލީޒް ކުރި "އަންގްރެޒީ މީޑިއަމް" އެވެ.
އިރުފާން ޚާނަށް ލިބިފައިވާ އެވޯޑްތަކުގެ ތެރޭގައި 2012 ވަނަ އަހަރު ސީއެންއެން އިން ހޮވި އިންޑިއާގެ އެންމެ މޮޅު އެކްޓަރުގެ މަގާމާއި 2017 ވަނަ އަހަރު ދުބާއީ އިން ދިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ފާހަގަ ކޮށްލެވެއެވެ. އޭގެ އިތުރުން އޭނާ ވަނީ ހިންދީ ފިލްމުތަކުގެ ބެސްޓް އެކްޓަރުގެ މަގާއި، ބެސްޓް ސަޕޯޓިން އެކްޓަރުގެ މަގާމާއި އަދި ފިލްމްފެއާ ކްރިޓިކްސް އެވޯޑްގައި އެންމެ މޮޅު އެކްޓަރުގެ މަގާމު ވެސް އެތައް ފަހަރަކު ހޯދާފައެވެ.
ވަރަށް ކުޅަދާނަ އެކްޓަރެއް.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
ދެތިން ދުވަސް ކުރިން އިރުފާންގެ މަންމަ ވެސް ވަނީ ނިޔާވެފައި. އާއިލާއަށް ކެތްތެރިކަން ދެއްވާށި.