އިނގިރޭސިވިލާތުގައި 2500 ޕައުންޑްގެ މާސްކާއި، ޝީލްޑް ގަތް އަންހެނަކު އިދާރާތަކަށް އެތަކެތި ފޯރުކޮށްދޭން ދެކޮޅު ހަދައިފިއެވެ.

އިންގްލޭންޑްގެ ޕޯޓްސްމައުތަށް ނިސްބަތްވާ ބެކާ ބްރައުން ވަނީ މާސްކާއި، ފޭސް ޝީލްޑާއި، އަންގި އަދި ކާނާ ގަނޑުކޮށް ގިނަ އަދަކަށް ގަނެފައެވެ. އޭނާ ވަނީ ޕީޕީއީ ނުވަތަ ޕާރސަނމަލް ޕްރޮޓެކްޝަން އިކުއިޕްމެމްޓް ގަންނަން އިތުރު 700 ޕައުންޑްގެ ދަރަންޏެއްވެސް ނަގާފައެވެ.

އޭނާ ވަނީ ކަމާއި ބެހޭ ސިއްހީ އިދާރާއަކަށް އެއިން އެއްވެސް އެއްޗެއް ފޯރުކޮށްދިނުމަށް ދެކޮޅު ހަދާފައެވެ.

އޭނާ ވަނީ އިދާރާތަކުން ތައްޔާރުވާން ޖެހޭ ވަރަށް ތައްޔާރުނުވުމަކީ އޭނާގެ މައްސަލައެއް ނޫން ކަމަށާ، އެކަމުގެ ޒިންމާ އިދާރާތަކުން ނަގަން ޖެހޭނެ ކަމަށް ބުނެފައެވެ.

އުމުރުން 33 އަހަރުގެ ބެކާ ވަނީ ކޮވިޑް 19 ޖެހުނު މީހުން ތެރެއިން އެހީ ބޭނުންވާ އެތައް ބަޔަކަށް މާސްކާއި އަންގި ފަދަ ތަކެތި ފޯރުކޮށްދީފައެވެ. އޭނާ އެހީދޭން ބޭނުން ނުވާ ހަމައެކަނި ބަޔަކީ ސިއްހީ މަސައްކަތްތެރިންނެވެ.

ބެކާ ވަނީ ކިރާއި، ދަޅު ކާނާގެ އިތުރުން ޕެރަސެޓިމޮލް އާއި ތްރޯޓް ސްޕްރޭ ފަދަ ބޭސްތައް ގަތުމަށް 600 ޕައުންޑް ހޭދަކޮށްފައެވެ.

ބެކާ ބުނީ ގަނޑުކޮށް އެއްޗެހި ގަންނަން ފެށީ، އޭނާ އަކީ އުމުރުން ދުވަސްވީ ބަލި ބޮޑު ދައިތައެއް ގޮވައިގެން އުޅޭ މީހަކަށް ވެފައި ބޭކާރު ގޮތުގައި ފިހާރައަށް އިރުއިރުކޮޅާ ދިއުމުން ނުރައްކާ ބޮޑުވާތީ ކަމަށެވެ.

އޭނާ ބުނީ ސިއްހީ މަސައްކަތްތެރިންނަށް އޭނާ އެހީވާން ބޭނުން ނުވަނީ ކަމާއި ބެހޭ ފަރާތްތަކުން ތައްޔާރު ނުވެ ތިބުމުން އެކަމުގެ ޒިންމާ އެނާ ނަގަން ޖެހޭނެ ކަމަށް ޤަބޫލު ނުކުރާތީ ކަމަށެވެ.

އަދި ޕީޕީއީ ކިޓް އޭނާ ގަނެފައި ވަނީ އާޓް އެގްޒިބިޝަންއަކަށް ކަމަށާ، އެ އެގްޒިބިޝަންގައި އޭނާ ބަހައްޓާނީ ކޮރޯނާ ވައިރަސް އާއި ގުޅޭ އެކި އައިޓެމްތައް ކަމަށް ވެސް އޭނާ ވަނީ ބުނެފައެެވެ.

ބެކާ ދަނީ މާސްކާއި އަންގި ބޭނުންކޮށްގެން އޭނާގެ އެގްޒިބިޝަން އަށް 3ޑީ ކުރެހުންވެސް ތައްޔާރުލުރަމުންނެވެ.

އެއީ އޭނާ އަމިއްލަ އެދުން ބޮޑުވެގެން ކުރާކަމެއް ކަމަށް ޤަބޫލު ނުކުރާ ކަމަށާ މިކަހަލަ ވަގުތެއްގައި އާރޓްގެ ބޭނުން އިތުރަށް ޖެހިފައިވާކަމަށް ވެސް އޭނާ ބުންޏެވެ.