އެ ދުވަހަކީ މުޅި ރަށް ސިއްސުވާލައި ހިތާމައިން ފުރުވާލި ދުވަހެކެވެ. ރަށުގެ އެންމެންވެސް ފަހުރުވެރިވާނެ ފަދަ ދަރިއެއް ކުއްލިއަކަށް ކަނޑަށް ގެއްލުނު ދުވަހެވެ. މުޅި މީސް މީޑިޔާގައި އަޅުގަނޑުގެ އެ އެކުވެރިޔާގެ ވާހަކަ އޮތެވެ. އޭނާ ފެންނާނެ ދުވަހެއްގެ އިންތިޒާރުގައި އަދިވެސް އޭނާގެ ރަހުމަތްތެރިން އެ ތިބީ ދުއާކޮށްލަކޮށްލާއެވެ.

މި ހިތާމަވެރި ހާދިސާއަށް މިއަދު ފަސް އަހަރު ވީ އެވެ.

އެއީ ގއ. ކޮލަމާފުށީ ކުނާވިޔާގޭ، މުހައްމަދު ޝަމްއޫން ޝަރީފްއެވެ. އޭނާ ގެއްލިފައި ވަނީ ފަރުމައްޗަށް ރާޅާ އަޅަން ނިކުމެ އުޅެނިކޮށް، 2013 ވަނަ އަހަރުގެ މެއި މަހުގެ ހަތަރު ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އޭނާ ގެއްލުނު ފަހުން އެއްވެސް ހިލަމެއްވެފައެއް ނުވެއެވެ. މިއަދާއި ހަމައަށްވެސް އޭނާއަށް ވީގޮތެއް ވަނީ ނޭނގިފައެވެ.

ޝަމްއޫން ގެއްލުނު ސަރަޙައްދު - ފޮޓޯ: މީސްމީޑިއާ

އެ ޒުވާނާ މޫދަށް ގޮސް އުޅުނީ އިތުރު ދެ ރަހުމަތްތެރިއަކާއި ވެސް އެކުގައެވެ. އޭނާ ގެއްލުނުއިރު، އޭނާގެ އަތުގައި ރާޅާ އާޅާ ބޯޑެއް ވެސް އޮތެވެ. އެ ކުދިން ބުނިގޮތުގައި، ޝަމްއޫން އޮޔާ ދަމައިގަތީ ތަންކޮޅެއް ބޭރަށް ދެވިގެން ކަމަށެވެ. ބިޔަ ރާޅުތަކެއްގެ ތެރެއަށް ގެއްލެމުން ދިޔަ އެ ބިރުވެރި ވަގުތުގައި، އޭނާ އަތް ހޫރާލި މަންޒަރު އެ އެކުވެރިން ވަނީ ދެކެފައެވެ. ނަމަވެސް އެވަގުތު އޭނާ ސަމާލާމަތްކުރަން ދާން ބޭނުންވި ނަމަވެސް، ގަދަ އޮއިގެ ސަބަބުން ކުރިއަށް ނުދެވުނުއިރު، އެ ސަރަޙައްދުގައި ވެސް އިތުރު މީހަކު ފެންނަ ހިސާބުގައި ނެތީއެވެ.

ޝަމްއޫން ހޯދުމުގެ މަސައްކަތް ކުރިއަށް ދަނީ - ފޮޓޯ: މީސް މީޑިއާ

އެއީ މޫސުން ރަނގަޅު ދުވަހެއް ނޫން އިރު، އެ ދުވަހަކީ ވައިވެސް ބާރު ދުވަހެއް ކަމަށް އެ ދުވަހުގެ ހަނދާންތައް ހުރި މީހުން ބުނެއެވެ. އެ ދުވަހުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ކޮލަމާފުށި ރައްޔިތުންނާއި އެމްއެންޑީއެފް ގުޅިގެން ކުރިއެވެ. އަދި ހެލިކަޕްޓަރުގެ އެހީގައިވެސް އެ ސަރަހައްދު ބަލައި ހޯދިއެވެ.

އެކުވެރިޔާ ގެއްލުނު ދުވަހުން ފެށިގެން އޭނާގެ ގާތް ރަހުމަތްތެރިން ކޮންމެ ދުވަހަކު އޭނާ ގެއްލުނު ސަރަހައްދަށް ދާކަމަށްވެސް ވެއެވެ. އެ އެކުވެރިޔާ ފެންނާނެ ކަމުގެ އުންމީދުގައެވެ. އޭނާ އެނބުރި އައިސްދާނެ ކަމަށް ދެކެމުންނެވެ.

ޝަމްއޫން ހޯދުމުގެ މަސައްކަތް ކުރިއަށް ދަނީ - ފޮޓޯ: މީސް މީޑިއާ

އެ އެކުވެރިޔާ އަޅުގަނޑާއި ބައްދަލުވީ 2012 ވަނަ އަހަރުއެވެ. މަޑުމައިތި އަހުލާގު ރަނގަޅު ހިތްހެޔޮ ރަހުމަތްތެރިއެކެވެ. ސާނަވީ ތައުލީމީ ހަޔާތް ނިންމާލީ އެކުގައެވެ. ހަނދާނުން ފިލާ ނުދާނެ ފަދަ އެތައް ދުވަސްތަކެއް އޭނާއާއި އެކު ހޭދަ ކުރެވުނެވެ. ޝަމްއޫންގެ ހަނދާންތައް އަބަދުވެސް އަޅުގަނޑުގެ ހިތުގައި ވާނެއެވެ.

އަޅުގަނޑާއި ހެޔޮއެދޭ އެންމެންގެ ދުޢާއަކީވެސް އޭނާއަށް ހެޔޮގޮތް މެދުވެރި ކުރެއްވުމެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ާވަތުބަތާނަ

    އާމީން.

  2. ރާމިޒު

    ކޮއްކޮގެ ފާފަ ފުއްސަވައި ދެއްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި.

    • ީަީެީަީeeނaަ

      އާމީން

  3. ީަީެީަީeeނaަ

    އާމީން