ކޮވިޑް-19 އާއި ގުޅިގެން އޮކްސްފޯޑް ޔުނިވާސިޓީން ތައްޔާރުކުރާ ވެކްސިންގެ ކާމިޔާބުކަން އަންނަ ޖޫން މަހުގެ ތެރޭގައި އެނގިގެންދާނެ ކަމަށް އެ ޔުނިވާސިޓީން ހާމަކޮށްފި އެވެ.

އެ ޔުނިވާސިޓީ އާއި ގުޅިގެން މި މަސައްކަތް ކުރަމުންދާ އިނގިރޭސިވިލާތުގެ ބޭސް އުފައްދާ ކުންފުނި، އަސްޓްރާޒެނެސާގެ ވެރިޔާ، ޕާސްކަލް ސޯރިއޮޓް ނޫސްތަކުގައި މިކަން ހާމަކޮށް ވިދާޅުވެފައި ވަނީ، ކޮވިޑް-19 އަށް ފަރުވާއެއް ހޯދުމަށް އޮކްސްފޯޑާއި އެ ކުންފުނިން ގުޅިގެން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ. މިގޮތުން އުފައްދާ ވެކްސިނެއް ތައްޔާރުކޮށް ޓެސްޓު ކުރުމުގެ މަސައްކަތަށް ތައްޔާރުވަމުންދާއިރު، މި ޓެސްޓުތަކުގައި އިންސާނުން ބޭނުންކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކާމިޔާބު ވެކްސިނެއް އުފެއްދުމަށް ގިނަ ތަހުލީލުތަކާއި އެނޫންވެސް ގިނަ މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އެ ވެކްސިނަކީ ބައްޔާއި އެންމެ އެކަށީގެންވާ ރައްކާތެރި ވެކްސިނެއްތޯ ބެލުމަށް ދުވަސް ބޭނުންވާނެ ކަމަށާއި، މިހާރު ކުރެވެމުންދަނީ އެ މަސައްކަތް ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ސޯރިއޮޓް އިތުރަށް ވިދާޅުވެފައި ވަނީ އެ ކުންފުނިން އޮކްސްފޯޑާއި ގުޅިގެން އުފައްދާ ވެކްސިން ކާމިޔާބުވެއްޖެ ނަމަ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވެކްސިން ފޮނުވުމަށްވެސް ގިނަ މަސައްކަތްތައް ކުރަން ތައްޔާރުވަމުންދާ ކަމަށެވެ. އެގޮތުން އޮކްޓޫބަރު މަހާއި ހަމައަށް ގިނަ ޤައުމުތަކުން ވެކްސިން ލިބޭނެ މަގު ފަހި ކުރުމަށް އަމާޒު ހިފާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޮކްސްފޯޑުން ތައްޔާރުކުރާ ވެކްސިނަކީ ކޮވިޑް-19 އަށް ފަރުވާ ކުރުމަށް އެންމެ އެކަށީގެންވާ ވެންސިންތޯ އަންނަ ޖޫން މަހު ދެނެގަނެވޭނެކަން އެ ޔުނިވާސިޓީން ހާމަކޮށްފައި ވާއިރު، ޔުނިވަސިޓީން މި ވައިރަސް އަށް އުފެއްދި ވެކްސިން ރާމާމަކުނުތައް ބޭނުން ކޮށްގެން ޓެސްޓްކޮށް، ކާމިޔާބުވެފައިވާ ކަން ކުރިން ހާމަކޮށްފައި ވެއެވެ.

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތުގައި އެންމެ ބޮޑެތި ކުރިއެރުންތަކެއް މިހާތަނަށް ހޯދާފައި ވަނީ އޮކްސްފޯޑް ޔުނިވަސިޓީންނެވެ. އޮކްސްފޯޑްގެ ވެކްސިން އުފައްދަން އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ 25 މިލިއަން ޑޮލަރު ދީފައެވެ.

ކޮވިޑް-19 އަށް ކާމިޔާބު ވެކްސިނެއް އުފެއްދި، އިންސާނުންނަށް ވެކްސިން ބޭނުން ކުރަން ހުއްދަ ލިބިއްޖެނަމަ ވަރަށް އަވަހަށް ގިނަ ބަޔަކަށް ވެކްސިން ލިބުމުގެ ފުރުސަތު އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަލީ

    حسبنا الله ونعم الوكيل
    ޔާﷲ އަޅަމެންނަށް ރައްކާތެ ރިކަން މިންވަ ރު ކު ރައްވާ ދޭ?

    18
  2. ކިޔުންތެރިޔާ

    ޔާ ﷲ، އަޅަމެންނަށް ރަހުމަތެއްކަމުގައި ތި ވެކްސިން ލައްވައިފާނދޭވެ. ރޯދަމަހެއްގަ މިއަޅާ މިކުރާ ދުޢާ އިޖާބަކޮށްދެއްވައިފާނދޭވެ. އަޅަމެންގެ ފާފަ ފުއްސަވައިފާނދޭވެ. މި މުސީބާތުން އަވަހަށް މިންޖުވެވޭނެ ތަނަވަސް މަގެއް އަޅަމެންނަށް ދައްކުވައިފާންދޭވެ!

    20