ނުރައްކާތެރި ކޮވިޑް-19 ގެ 102 ވެކްސިނެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަހުލީލު ކުރެވެމުންދާ ކަމަށް، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ، މި އަދަދަށް ވެކްސިންތަކުގެ ތަހުލީލު ކުރެވެމުންދާކަން އެ ޖަމިއްޔާއިން ހޯދާފައި ވަނީ ވެކްސިން އުފެއްދުމުގެ މަސައްކަތްކުރާ ކުންފުނިތަކުން އާންމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލައިގެން ކަމަށެވެ.

މިހާތަނަށް ކޮވިޑް-19 އަށް ޚާއްސަކޮށް ތަހުލީލުކުރާ 102 ވެކްސިންގެ ތެރެއިން 8 ވެކްސިނެއްގެ ކްލިނިކަލް ޓްރަޔަލްގެ މަސައްކަތަށް ހުއްދަ ދީފައިވާ ކަމަށް ވެސް ޑަބްލިއުއެޗްއޯ އިން ބުނެފައި ވެއެވެ. މީގެ ތެރެއިން ހަތް ވެކްސިނެއްގެ ކްލިނިކަލް ޓްރަޔަލްއަށް ހުއްދަ ދީފައިވަނީ މިދިޔަ ހަތަރު ދުވަސް ތެރޭގައި ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ، މިހާތަނަށް ކްލިނިކަލް ޓްރަޔަލް ކުރިޔަށް ގެންދިއުމުގެ ހުއްދަ ދީފައިވާ 8 ވެކްސިންގެ ތެރެއިން ޗައިނާގެ ހަތަރު ކުންފުންޏަކާއި އިންގްލޭންޑުގެ ކުންފުންޏަކުން ތަހުލީލުކުރާ ވެކްސިނެއް، އިންސާނުން ބޭނުންކޮށްގެން ޓެސްޓު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެންމެ ފުރަތަމަ އިންސާނުން ބޭނުންކޮށްގެން ކޮވިޑް-19 ގެ ވެކްސިނެއްގެ ޓެސްޓުތައް ކުރިޔަށްގެންދާން ފަށާފައިވަނީ އެމެރިކާގައެވެ. އެޤައުމުން މި މަސައްކަތް ފަށާފައިވާކަން ހާމަކުރީ މިދިޔަ މާރިޗު މަހުގެ 16 ވަނަ ދުވަހުއެވެ.

ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ޤައުމުތަކުން އުންމީދުކުރާ ގޮތުގައި މިއަހަރުގެ ތެރޭގައި ކޮވިޑް-19 އަށް ކާމިޔާބު ވެކްސިނެއް އުފެއްދޭނެއެވެ. އަދި މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ދުނިޔޭގެ އެކި ހިސާބުތަކަށް ވެކްސިން ފޮނުވޭނެ ކަމަށްވެސް މި މަސައްކަތް ކުރިޔަށްގެންދާ ބައެއް ކުންފުނިތަކުން ބުނެފައި ވެއެވެ.

މިހާތަނަށް ދުނިޔޭގެ 212 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައި ވާއިރު، މި ވައިރަސް އަދިވެސް ދަނީ ކޮންޓްރޯލްނުވެ ފެތުރެމުންނެވެ. މި ވައިރަސްގެ ނުރައްކާ މިވަގުތު އެންމެ ބޮޑުވެފައިވަނީ އެމެރިކާއަށެވެ. އެޤައުމުން އެކަނިވެސް މިހާތަނަށް މިލިއަނަކަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައި ވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް 3.3 މިލިއަންއަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހި، އޭގެތެރެއިން 233686 މީހަކު ވަނީ މަރުވެފައެވެ. މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ އެއް މިލިއަން މީހުންނެވެ.