މާގިނައިން ބޭނުން ކުރުމަކީ ސިއްޙީގޮތުން ނުރައްކާތެރި ކަމެކެވެ. މިގޮތުން ދުވާލެއްގެ މައްޗަށް ކެއުމަށް ޑޮކްޓަރުން ލަފާދީފައިވާ ވަރަށްވުރެ ގިނައިން ލޮނު ބޭނުންކޮށްފިނަމަ ގިނަ އުނދަގޫ ތަކެއް ހަށިގަނޑަށް ކުރިމަތިވާނެއެވެ.

މާގިނައިން ލޮނު ބޭނުން ކުރުމުގެ ސަބަބުން ދިމާވެދާނެ ބައެއް ކަންކަން ތިރީގައި މިވަނީއެވެ.

މާގިނައިން ކުޑަކަމު ދެވުން

މާގިނައިން ކުޑަކަމުދެވޭނީ ހަމައެކަނި ގިނައިން ފެން ބުއިމަކުން ނޫނެވެ. މާގިނައިން ލޮނުގެ ބޭނުން ކުރާނަމަވެސް ކުޑަކަމުދިއުން ގިނަވާނެއެވެ. މާގިނައިން ލޮނު ބޭނުން ކުރުމުގެ ސަބަބުން ލޭގެ ތެރެއިން ލޮނު ބޭރުކުރުމަށް ކިޑްނީ ގިނަ އިރު މަސައްކަތް ކުރަންޖެހެއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން މާގިނައިން ކުޑަކަމުދެވޭ ގޮތްވެއެވެ.

މާގިނައިން ފެން ބޮވުން

މާގިނައިން ފެންބޮވާ ގޮތް އިޙްސާސް ކުރުވުމަކީވެސް މާގިނައިން ލޮނު ބޭނުން ކުރެވިއްޖެކަމުގެ ނިޝާނެކެވެ. މާގިނައިން ލޮނު ބޭނުން ކުރެވިއްޖެނަމަ ހަށިގަނޑުގައި ސޯޑިއަމް އަދި ފެނުގެ ނިސްބަތަށް ބުރޫއަރާ، ކަރުހިއްކުމުގެ އިޙްސާސްކުރެވެއެވެ. މިފަދަ ހާލަތުގައި އެންމެ ރަނގަޅު ގޮތަކީ އަވަހަށް ގިނައިން ފެން ބުއިމެވެ.

ކިޑްނީގައި ހިލަޖެހުން

މާގިނައިން ލޮނުބޭނުން ކުރުމަކީ ކިޑްނީގައި ހިލަޖެހުމަށް މަގުފަހު ކުރުވާ ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މާގިނައިން ލޮނުގެ ބޭނުން ކުރުމަކީ ކުޑަކަމުދާ ތަކެތީގައި ޕުރޮޓީންގެ މިންވަރު އިތުރުކޮށްދޭ ކަމެކެވެ. މިކަމުގެ ސަބަބުން ކިޑްނީގެ މައްސަލަތަށްޖެހެއެވެ. އަދި ގިނައިން ލޮނު ބޭނުން ކުރުމަކީ ކިޑްނީގައި ހިލަ ޖެހުމަށް މެދުވެރިވާ ކަމެއްކަމަށްވެސް ދިރާސާތަކުންވަނީ ދައްކާފައެވެ.

ދުވާލެއްގެ މައްޗަށް ކެޔުމަށް އެންމެ އެކަށީގެންވަނީ 1500 މގ އާއި 3500 މގ އާ ދެމެދުގެ މިންވަރަށް ލޮނެވެ. މިއަށްވުރެ އިތުރު ނުވަތަ ދަށްވެއްޖެނަމަ ސިއްޙީ މައްސަލަތަކާއި ކުރިމަތިވެދާނެއެވެ.