ޤިބްލަ ހައްޖު އެންޑް އުމްރާ ގުރޫޕް އިން އާންމުކުރަމުންދާ ވީޑިއޯ ސީރީޒްއެއްގައި ޝައިޚް ޝަފީޢު ޢަބުދުﷲ ވަނީ މައްކާގައި ހުންނަވާ މައްކާގެ ހާލަތު ކިޔައިދީފައެވެ. މިވީޑިއޯގައި ޝެއިޚް ޝަފީއު ބުނެފައިވަނީ "އެހެން ގައުމުތަކެކޭ އެއްފަދައިން ސައޫދީއަށް ވެސް ކޮރޯނާ ވައިރަހުގެ ބިރުވެރިކަން ބޮޑުކަމަށާއި މައްކާއިން އެތައް ބަޔަކު ވައިރަހަށް ފައްސިވަމުންދާ"ކަމަށެވެ.

ޝެއިޚް ޝަފީއު އިތުރަށް ވިދާޅުވީ "އެގައުމުގެ ސަރުކާރުން ވެސް ވަނީ ރަނގަޅު ފިޔަވަޅު ތަކެއް އަޅާފައި ކަމަށާއި ބޭރަށް ދިޔުމަށް ހުއްދަ އޮންނަނީ ހަމައެކަނި ޒަރޫރީ ބޭނުމެއްގައި އެކަނި."ކަމަށެވެ. "އެނޫން ގޮތަކަށް ބޭރަށް ދާނަމަ ޖޫރިމަނާ އާއި ޖަލުގެ އަދަބު ވެސް ދޭ" ކަމަށް ޝައިޚް ވިދާޅުވިއެވެ.

ރަމަޟާން މަހު މައްކާގެ ހަނދާންތައް އާކުރަމުން ޝެއިޚް ޝަފީއު ވިދާޅުވީ "ރަމަޟާންމަހަކީ މުސްލިމުންނަށް ޚާއްޞަ މައްސަރަކަށްވުމާއެކު މުޅި އިސްލާމީ އުއްމަތް އޮތީ ހިތާމަވެރި ޙާލަތެއްގައި. ވަކިން ޚާއްޞަކޮށް ޢުމްރާގެ އަޅުކަމަށް އެތައްލައްކަ މީހުންނެއް ޒިޔާރަތް ކުރާ މައްކާއަށް ވެރިވެފައި އޮތް ހަމަހިމޭން ކަމާއެކު މިވަގުތަކީ މުސްލިމުންނަށް ހިތްދަތިކަމާއި ކުރިމަތިލާން ޖެހިފައިވާ ވަގުތެއް." ކަމަށެވެ.

މައްކާގެ އެންމެ މާތްބިމުގައި، އެންމެ މާތް މައްސަރުގެ ހެޔޮކަން ހޯދުމަށް ރަމަޟާންމަސް ފެށެން މަހެއްހާ ދުވަސް ވުމާއެކު ދުނިޔޭގެ އެކި ހިސާބުތަކުން މައްކާއަށް މީސްތަކުން ދާން ފަށާކަމަށާއި އަދި މި ރަމަޟާންމަހުގައި ހުރިހާ މުސްލިމުންނަށް ވެސް އޮތް އެންމެ ހިތްދަތިކަމަކީ މިސްކިތާއި ވަކިން ދުވަސްތައް ހޭދަ ކުރަން ޖެހުން ކަމަށް ޝެއިޚް ޝަފީއު ވިދާޅުވިއެވެ. އަދި ދެޙަރަމް ވެސް ބަންދުކޮށްފައިވުމާއެކު އެތަނުގައި ނަމާދުކޮށް އެހެން އަޅުކަންތަކުގައި މަޑުކޮށްލަން ތިބުމުގެ ފުރުސަތު ލިބެނީ އެތަންތަނުގެ މުވައްޒަފުންގެ އިތުރުން މަދުބަޔަކަށް ކަމަށް ފާހަކުރިއެވެ.

މީގެ 13 އަހަރު ކުރިން ލިބުނު ސްކޯލާޝިޕެއްގައި ސަޢުދީއަށް ދިރިއުޅުން ބަދަލުކުރި ޝެއިޚް ޝަފީއު ވިދާޅުވީ "ރަމަޟާންމަސް ޖެހެން ގާތްގަނޑަކަށް އެއްމަހަށްވާއިރު ދުނިޔޭގެ އެތަން މިތަނުން ޖަމާވާން ފަށާނެކަމަށާއި މުސްލިމް އަޚުންނާއި އުޚުތުން ރަމަޟާންމަހުގެ މަތިވެރިކަން މި މާތްބިމުގައި ހޭދަކުރުމުގެ ގޮތުން ޖަމާވާން ފަށާނެ، ޓްރެފިކް ބޮޑުވެގެންދާނެ، ރޯދަވީއްލާ ގަޑިއަށް ޙަރަމްފުޅަށް ދާން ބައެއް ފަހަރު އެއްގަޑިއިރު ދެގަޑިއިރު ކުރިން ގެއިން ނުކުންނަށް ޖެހޭ"ކަމަށެވެ.

 

Furabandhaai eku Meccah in, Ramadan mahu... - Sheikh Shafeeu Abdullah

Posted by Qibla Hajj & Umrah on Wednesday, May 6, 2020

"އެހެން އަހަރުތަކުގައި ރޯދަ ވީއްލާ ގަޑިއަށް އާއިލާތަކުން އެކީގައި ކާރުގައި އައިސް ފެނާއި ކަދުރުފަދަ ތަކެތި ބަހާކަމަށާއި އުފާވެރިކަން އިހްސާސްވާ އެމަންޒަރު މިއަހަރު ނުފެނުމާއި ޙަރަމްފުޅަށް ނުދެވުމުގެ ހިތްދަތިކަން މިއަހަރު ވަރަށް ބޮޑަށް އެބައޮތް" ކަމަށްވެސް ޝެއިޚް ޝަފީއު ވިދާޅުވިއެވެ.

ޝެއިޚް ޝަފީޢު އަކީ ރޯދަމަސްތަކުގައި ދިވެހި އުމްރާ ވެރީންނަށް ނަސޭޙަތްދިނުމާއި ވަރަށް ބޮޑަށް ހަރަކާތްތެރިވާ ޝެއިޚްއެކެވެ. އެކަމަށް އިޝާރާތްކޮށް ޝެއިޚް ޝަފީއު ވިދާޅުވީ "މަދީނާއަށާއި ޤުބާ މިސްކިތާއި ތާއިފް ފަދަ ތަންތަނަށް ހޭދަ ކުރި ވަގުތުތަކުން މިއަހަރު މަޙުރޫމް ވުމަކީ ލިބޭ ވަރަށް ބޮޑު ފަޅު ކަމެއް" ކަމަށެވެ.