ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް ފައްސި ވެފައިވާ އެންމެ މީހެއްގެ ފަރާތުން ދިހަ ދުވަސް ތެރޭ ބައިލައްކަ މީހުންނަށް ވެސް ބަލި ޖެހުމުގެ ފުރުސަތު އޮންނަ ކަމަށް އިނގިރޭސިވިލާތުގެ ތަޖުރިބާކާރު ޑޮކްޓަރަކު ބުނެފިއެވެ.

ޔުނިވާސިޓޯ ކޮލެޖް ލަންޑަންގެ އިންޓެންސިވް ކެއާ މެޑިސިން ޕްރޮފެސަރެއް ކަމަށްވާ، ޑރ. ހާގް މޮންޓޮމެރީ ބުނެފައިވާ ގޮތުގައި ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަކީ، އާންމުކޮށް ފެތުރޭ އެނޫން ވައިރަސް ތަކާއި ބަލާއިރު ތިންގުނަ ނުރައްކާ އިތުރު ވައިރަސްއެއް ކަމަށެވެ.

"އާންމު ގޮތެއްގައި ގައިންގަޔަށް ފެތުރޭ ބަލިތައް އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ފެތުރޭ މިންވަރު ކޮވިޑް-19 އާއި އަޅާބަލާއިރު ވަރަށް ދަށް. އެގޮތުން އެފަދަ ވައިރަސްއެއް ޖެހިފައިވާ މީހެއްގެ ގައިން އާންމު ގޮތެއްގައި އެންމެ ފުރަތަމަ ވައިރަސް އަރާނީ އެކެއް ނުވަތަ ދެމީހުންގެ ގަޔަށް. އެއަށްފަހު އެމީހުންގެ ގައިން އިތުރު މީހުންގެ ގަޔަށް. ވައިރަސް ފެތުރިދަނީ މިގޮތަށް،" ޑރ. ހާގް ބުންޏެވެ.

ކޮވިޑް-19 އާއި ގުޅޭގޮތުން ޑރ. ހާގް ހެދި ދިރާސާތަކަށް ފަހު އޭނާ ބުނެފައިވަނީ، މި ވައިރަސް އެކެއްގެ ގައިން އެންމެ ފުރަތަމަ ވެސް ތިން މީހެއްގެ ގަޔަށް އެރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. އަދި އިތުރަށް ވައިރަސް ޖެހޭ ތިން މީހުންގެ ފަރާތުން ވެސް އިތުރު 9 މީހެއްގެ ގަޔަށް ބަލި ފެތުރުމުގެ ފުރުސަތު އޮންނައިރު، ދިހަ ދުވަސް ތެރޭ އެ އަދަދު 50000 އަށްވުރެ އިތުރުވެގެންދިއުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ބުންޏެވެ.

މިހާތަނަށް އަދި ފަރުވާއެއް ހޯދިފައި ނެތް ކޮވިޑް-19 އަކީ މިހައި ނުރައްކާތެރި ވައިރަސް އަކަށް ވާއިރު، މިވަގުތު އޮތް ހަމަ އެކަނި ހައްލަކީ ބޭރުތެރެއަށް ގޮސް ނޫޅުން ކަމަށް ޑރ. ހާގް ބުންޏެވެ. އަދި މުޅި ދުނިޔޭގައި ވެސް މި ވައިރަސް ފެތުރެމުންދާ ދިއުން ކޮންޓްރޯލް ކުރެވެން އޮތް ހަމަ އެކަނި ގޮތަކީވެސް އެއީ ކަމަށާއި، އެފަދަ ފިޔަވަޅުތަކެއް އަވަހަށް ނޭޅިއްޖެ ނަމަ ދުނިޔެއަށް އަރައި ނުގަނެވޭ ވަރުގެ ނުރައްކަލަކަށް ކޮވިޑް-19 ވެގެން ގޮސްދާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

ކޮވިޑް-19 ގެ ނުރައްކާތެރިކަން ހާމަކޮށް ޑރ. ހާގް އިތުރަށް ބުނެފައިވަނީ، މި ވައިރަސް ހިފެހެއްޓުމެއް ނެތި ފެތުރެން ފަށައިފި ނަމަ މިވަގުތު ދެމުންދާ ފަރުވާތަކަށް ވެސް ބުރޫ އަރާނެއެވެ. އެގޮތުން ހޮސްޕިޓަލްތައް ފުރި ބާރުވުމާއެކު ފަރުވާ ހޯދަންދާ އެތައް ބަޔަކަށް ފަރުވާ ނުލިބި މަރާއި ކުރިމަތިވުމުގެ ފުރުސަތު ބޮޑުވާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދީފައެވެ.

ޑރ. ހާގް ނިސްބަތްވާ އިނގިރޭސިވިލާތަކީ ދުނިޔޭގައި ތިންވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ޤައުމެވެ. އެޤައުމުން މިހާތަނަށް 219,183 އަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާއިރު 31,855 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިމިލިއަނެއްހައި މީހުންނަށް މި ވައިރަސް ޖެހިފައިވާއިރު، މިހާތަނަށް އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ އެމެރިކާއިންނެވެ. އެޤައުމަކީ މިހާތަނަށް ދުނިޔެއިން އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވި ޤައުމުވެސް މެއެވެ.

ކޮވިޑް-19 އަކީ ފަހުގެ ތާރީޚެއްގައި ވެސް ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ބަލިމަޑުކަމެވެ. މި ބަލި ކޮންޓްރޯލް ނުވެ ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުންދާއިރު، މިހާތަނަށް 212 ޤައުމަކަށް ނުވަތަ ސަރަޙައްދަކުން ބަލި ފެނިފައި ވެއެވެ. މި ވައިރަސްގެ ނުރައްކަލާއި ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވަނީ މުޅި ދުނިޔެއަށް ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ.