ކޮވިޑް-19 އާއި އެކު ދުނިޔެ ހުއްޓުމަކަށް އައިސް، އާއްމު ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައި ވާއިރު ގަވައިދުން ކޮންމެ އަހަރަކު ކުރަމުން އައި އެތައް ކަމެއް ވެސް މިވަނީ ކުރިއަށް ނުގެންދެވޭ ހާލަތެއް ކުރިމަތިވެފައެވެ. ނަމަވެސް އެޕަލް ކުންފުނިން ކޮންމެ އަހަރަކު ނެރެމުން އަންނަ އާއައިފޯން ނެރުމަށް މަޑުޖެހުމެއް އަންނާނެ ހެނެއް ހިޔެއް ނުވެއެވެ.

އެޕަލް އިން ފެށުނީއްސުރެ ވެސް އައިފޯން މާކެޓް ކުރަން ގެންގުޅޭ އުކުޅެއް އޮވެއެވެ. އެއީ ބްލޮގަރުންނަށް ފޯނުގެ މައުލޫމާތު ފޯރުކޮށްދީގެން އެމައުލޫމާތު "ލީކް" ކުރުމެވެ. މިފަދަ ލީކްތަކާއި ގުޅިގެން އެޕަލް އިން އާއްމު ގޮތެއްގައި އެއްވެސް ވާހަކައެއް ނުދައްކައެވެ. ފޯނު ނެރޭއިރު ލީކްތަކުގައި ހުންނަ މައުލޫމާތުތައް ގިނަ ފަހަރަށް ދިމާވެއެވެ.

ކޮންމެއަކަސް މިފަހަރު ވެސް މިއޮތީ އައިފޯންގެ މައުލޫމާތުތަކެއް ލީކް ވެފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މިއަހަރު ނެރޭ އައިފޯންގެ ނަމަކަށް އޮތީ އައިފޯން-12 ޕްރޯ އެވެ. މި ފޯނުގެ ސިފައަށް މާބޮޑު ބަދަލެއް ނުގެންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންކަމުން ބަލާ ބެލުމަށް އައިފޯން 11 އާއި އައިފޯން 12 ގެ ދެމެދުގައި މާބޮޑު ތަފާތެއް ނުހުންނާނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އަލަށް ނެރޭ އައިފޯންގައި ބެޓެރީގެ ބާރު ވަރަށް ގަދަކޮށްފައި ވާނެއެވެ. މީގެ އިތުރުން ފޭސް އައިޑީ އާއި ކެމެރާ އަށް އިތުރު ކުޅަދާނެ ކަމެއް ދީފައި ވާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. ހާއްސަކޮށް ކެމެރާ އޮޓޯ ފޯކަލް ކުރުމުގައި މިހާރު އައިފޯނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރާނެއެވެ. އަދި ކެމެރާގެ ޒޫމް އިތުރު ކުރާނެއެވެ.

އައިފޯން ނެރުމުގެ މަސައްކަތް އެޕަލް އިން ކުރަމުން ގެންދިޔަ ނަމަވެސް ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި ދުނިޔޭގެ އިޤުތިޞާދަށް ދިމާވެފައިވާ ދަތިތަކުގެ ސަބަބުން މިއަހަރު އައިފޯން ވިކޭ މިންވަރު މަދުވެގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ޅަބޭ

  ތި ފޯނުގެ އަގު 2000 ޑޮލަރައް ހަދާލައްޗޭ. އޭރުން ތީ މޮޅުފޯނަކައް ވާނީ.

  6
  1
 2. ބަކަރި

  ނުވިކޭނެ

  3
  1