ދުނިޔެ ހިމެނޭ ސޫރުދަ ނިޒާމު (ސޯލާ ސިސްޓަމް)ގެ އެންމެ ބޮޑު ގުރަހަ (ޕްލެނެޓް) އަކީ މުޝްތަރީ (ޖުޕިޓާ) އެވެ. މި ގުރަހައަކީ މި ސޫރުދަ ނިޒާމުގެ އެންމެ ބިޔަ ގުރަހަވެސް މެއެވެ. ހިތަށް ނުގަނެވޭފަދަ ތަފާތު މާޙައުލެއް އޮންނަ މި ގުރަހައަކީ ބިންފަދަ ފަށަލައެއް އޮތް ތަނެއް ނޫނެވެ. ނަމަވެސް ދުނިޔެ އަދާއިހަމައަށްވެސް ރައްކާތެރިކޮށް ދިނުމުގައި މި ބިޔަ ގުރަހަ، ފެށުނީއްސުރެ އޭގެ ދައުރު އަދާކުރެއެވެ.

ކައުނުގެ ކަންކަން ހޯދުމަށް ސައިންސްވެރިން ކުރާ މަސައްކަތަކީ ކޮޅެއްގައި ޖެހެން އޮތް މަސައްކަތެއް ނޫނެވެ. ގުނައި އަދަދު ނުކުރެވޭހައި ގިނަ ގުރަހަ އާއި އިރުފަދަ ތަރިއާއި ހަނދާއި އެނޫންވެސް ކިތަންމެ އެއްޗެއް ކައުނުގައި ވެއެވެ. ނަމަވެސް މިހާތަނަށް ސައިންސްގެ އަލީގައިވެސް ހޯދިފައިވަނީ މިއިން މަދު އެއްޗެއް ނުވަތަ ތަނެއްގެ މަޢުލޫމާތެވެ.

ދުނިޔެ ކުރިއަރަމުންދާ ދިއުމާއެކު ޓެކްނޮލޮޖީގެ ޒަރިއްޔާއިން ދުނިޔެ ހިމެނޭ ސޫރުދަ ނިޒާމުގެ ހޯދުންތައް ސައިންސްވެރިންނަށް ހޯދަން ގިނަ ފަސޭހަތަކެއް ލިބިދީފައި ވާއިރު، އެންމެ ޚާއްސަ އިސްކަމެއް ދީގެން ސައިންސްވެރިން މަޢުލޫމާތު އެއްކުރާ އެއް ގުރަހައަކީ މުޝްތަރީއެވެ. މި ގުރަހައިގެ ތަފާތުކަމާއި އޭގެ ބިޔަކަމާއިއެކު ގުރަހައިން ފެނިގެންދާ އާދަޔާއި ޚިލަފު އެތައް މަންޒަރެއް މީގެ ކުރިން އެތައް ބައެއްގެ ލޮލުގައި ވަނީ އަޅައިގެންފައެވެ.

މުޝްތަރީގެ ހޯދުންތައް އެންމެ ފުރަތަމަ ހޯދަން ފަށާފައި ވަނީ އެ ގުރަހައަށް ފޮނުވާލި ޖައްވީ އުޅަނދު، "ގެލީލިއޯއޯ" މެދުވެރިކޮށެވެ. އޭގެ ފަހުން ޖައްވަށް ފޮނުވާލި ބާރުގަދަ ޖައްވީ ޓެލެސްކޯޕް، "ހަބްލް" އިންވެސް ވަނީ މި ގުރަހައިގެ ގިނަ މައުލޫމާތުތަކާއި ފޮޓޯތައް ދުނިޔެއާއި ހަމައަށް ފޮނުވައިދީ، ސައިންސްވެރިން އަންތަރީސްކޮށްލާފައެވެ. މީގެ އިތުރުން މުޝްތަރީގެ ހޯދުންތަކަށް ޚާއްސަކޮށްގެން ފޮނުވާފައިވާ "ޖޫނޯ" ނަމަކަށްކިޔާ ބާރުގަދަ ޖައްވީ އުޅަނދެއް ވެސް އެ ގުރަހަ ހިމެނޭ ސަރަޙައްދުގައި ދައުރު ކުރަމުން ދެއެވެ.

މި އުޅަނދުތައް މެދުވެރިކޮށް ދާދިފަހުން ވެސް ދުނިޔެއަށް ވަނީ މުޝަތަރީގެ ސާފު ފޮޓޯތަކެއް ފޮނުވާފައެވެ. އިންފްރާރެޑް މި ފޮޓޯތަކުން މުޝްތަރީގެ އެތެރޭގައި ކަންކަން ހިނގާ ގޮތް ކޮންމެވެސް ވަރަކަށް ދެނެގަނެވެއެވެ. މިގޮތުން އެ ގުރަހައިގައި އުފެދި ދައުރުވަމުންދާ މާސިންގާ ކޮޅިގަނޑުތަކާއި ގޮތްނޭނގޭ ކިތަންމެ ގޭހެއް ދައުރުވަމުންދާ ގޮތާއި އޭގެ ހަލުވިކަން މި ފޮޓޯތަކުން ސައިންސްވެރިން ދެނެގަނެފައި ވެއެވެ. މިއީ މިހާތަނަށް ނަގާފައިވާ މުޝްތަރީގެ ފޮޓޯތަކުގެ އެންމެ ސާފުކޮށް އެ ގުރަހަ ފެނިގެންދާ ފޮޓޯ ކަމަށް ސައިންސްވެރިން ބުނެއެވެ.

މުޝްތަރީގެ މި ހޯދުންތައް ހޯދާ ފަރާތްތަކުން އެއްކޮށްފައިވާ މަޢުލޫމާތުތަކުގެ އަލީގައި އެފަރާތްތަކުން ބުނެފައިވާ ގޮތުގައި، މި ގުރަހައިގައި ހުރިހާ ކަމެއްވެސް ހިނގަމުންދަނީ ދުނިޔެއާއި އިންތިހާއަށް ތަފާތުކޮށް ކަމަށެވެ. މިގޮތުން މުޝްތަރީގެ އެންމެ އާދައިގެ ވިލާގަނޑެއްގެ އުސްމިނުގައި ވެސް 64 ކިލޯމީޓަރު ބޯމިން ހުންނާނެ ކަމަށާއި، ދުނިޔެ ދެކޭ ވަރުގަދަ ތޫފާންތަނަށްވުރެ މި ގުރަހައިގައި ތާ އަބަދަށް ދައުރުވަމުންދާ ތޫފާންތައް އެތައް ގުނައެއް ބާރުގަދަވެފައި ބޮޑުވާނެ ކަމަށް އެފަރާތްތަކުން ބުނެއެވެ..

މުޝްތަރީ އަކީ ދުނިޔެއަށްވުރެ 318 ގުނަ ބޮޑު ގުރަހައެކެވެ. މި ސޫރުދަ ނިޒާމުގައި ދައުރުވާ ހުރިހާ ގުރަހައެއް އެއްކޮށްލި ނަމަވެސް މުޝްތަރީހައި ބޮޑުނުވާނެ ކަމަށް ސައިންސްވެރިން ބުނެއެވެ. މި ގުރަހައަކީ ސޫރުދަ ނިޒާމުގެ އިރު ވަށައިގެން ދައުރުވާ އެހެން ގުރަހަތަކާއި އަޅާ ބަލާއިރު އެންމެ ބާރަށް ދައުރުކުރާ ގުރަހައެވެ. މިގޮތުން މުޝްތަރީ ދައުރުވާ ބާރުމިން ގަޑިއަކު 45300 ކިލޯމީޓަރަށްވުރެ ބާރުވާނެކަން އެނގިފައި ވެއެވެ. މި ގުރަގައިގައި ދުވަހެއްގެ ދިގުމިނަކީ 9 ގަޑިއިރާއި 55 މިނެޓެވެ.

މުޝްތަރީއަކީ މި ސޫރުދަ ނިޒާމުގައި ދައުރުވާ ނުރައްކާތެރި ބޮޑެތި ގިނިހިލަތަކުން ދުނިޔެ ރައްކާތެރި ކުރުމުގައި މުޙިންމު ދައުރެއް އަދާކުރާ ގުރަހައެކެވެ. މި ގުރަހައިގެ ދަގައްފާނީ ބާރުގެ ސަބަބުން ދުނިޔެއާއި ދިމާލަށް ބޭރުން އަންނަ ގިނަ ގިނިހިލަތައް ގުރަހައިގެ ތެރެއަށް ދަމައިގަނެއެވެ. ދުނިޔޭގެ ބިމަށްދަމާ ބާރާއި އަޅާބަލާއިރު، މުޝްތަރީގެ ދަގައްފާނީ ބާރު 14 ގުނަ އިތުރުވާނެ ކަމަށް ވެއެވެ.

ދުނިޔޭގައިވާ ދިރުމަކަށް ހިނދުކޮޅަކަށްވެސް ދިރުއުޅެވޭނެ ފަދަ މާޙައުލެއްނެތް މުޝްތަރީގައި މައިގަނޑު ގޮތެއްގައި ހުންނަނީ ހައިޑްރޮޖެން ގޭހެވެ. އަދި އެ ގުރަހައިގެ ދިހައެއް އިންސައްތަ ޙިއްސާކުރަނީ ހީލިއަމް އެވެ. މި ގުރަހައިގައި ނިސްބަތުން މަދު މިންވަރަކަށް އެމޯނިއާ އާއި މީތޭންގެ އިތުރުން ފެން އެކުލެވޭ ކަމަށް ސައިންސްވެރިން ބުނެއެވެ. މި ގުރަހައިގެ އާންމު ފިނިހޫނުމިނަކީ 145 ޑިގްރީ ސެލްޝިއަށް އެވެ. އަދި ގުރަގައިގެ ބޭރުން ފެންނާން ހުންނަ ބިޔަ ވިލާގަނޑުތަކުގެ އަޑީގައި ވަނީ ކެކިކެކި ހުންނަ އަލިފާނެވެ.

މުޝްތަރީގެ ބިޔަކަމާއި އޭގެ އަލިގަދަކަމުން ދުނިޔެއިން ހަމަލޮލަށްވެސް މި ގުރަހަ ފެންނާން ހުރެއެވެ. ދުނިޔެ އާއި ޖެހިގެން އޮންނަ ޒުހުރަތު (ވީނަސް) ފިޔަވައި ރޭގަނޑުގެ ވަގުތުތަކުގައި އެންމެ އަލިގަދަކޮށް ތަރިއެއް ފަދައިން ފެންނަނީ މުޝްތަރީއެވެ. މި ގުރަހަ އޮންނަނީ ދުނިޔެއާއި 698.42 މިލިއަން ކިލޯމީޓަރު ދުރުގައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހުސެން

    ޥ ޝައުޤުވެރިވާ ކަހަލަ އާޓިކަލްއެއް.... ގިނަގިނައިން މިކަހަލަ އާޓިކަލް ޝާއިރުކޮއްލަބަ. ފާރޮށިބޯކިބާ އަޅާފަ ހަދިޔާ ކޮށްދޭނަން....ހެހެހެ

    58
    1
    • ޢަލީ

      ޝާއިޢު*

  2. އައްޔަ

    ފަސް ވަނަ އަށް އިން ފޮޓޯޯގައި އަރަބިން ލިޔެވިފަ ހުރިހއެއްޗެއް ފާހަގައެއް ނުވޭތަ.

    28
  3. އިއްބެ

    ޔާﷲ އަޅަމެންނަށް ސީދާވެގެންވާ ތެދުމަގު ދަށްކަވާފާންދޭވެ.

  4. ސެލް

    'ސެލްސިއަސް' އަށް ކިޔާ ދިވެހި ބަހެއް ނެތް ތަ؟

    3
    1
  5. ކޮވިޑު

    ސައެންސާ އިސްލާމާ ގުޅޭ ދޯ؟

  6. ކޮވިޑް

    ފާހަގަވޭ ފުރަތަމަ ފެށޭތާގައި ލާމު ރަނގަޅަށް ފެނޭ

  7. ނަކްމީ

    ވީނަސްއަށް ފަހު ރޭގަނޑު އެންމެ އަލިގަދަކޮށް ފެންނާނީ ޖުޕިޓަރއެއް ނޫން.. އެއީ ސިރިއަސް ކިޔާ ފުލެނެޓް ކޭނިސް މޭޖަރގަ ހިމެނޭ އެންމެ ބޮޑު ޕުލެނެޓް..

    3
    3