ބަޣުދާދުގެ ސަރަހައްދެއްގައި ހަރުކޮށްފައި ހުރި ކެމްޕޭން ޕޯސްޓަރެއް
ބަޣުދާދުގެ ސަރަހައްދެއްގައި ހަރުކޮށްފައި ހުރި ކެމްޕޭން ޕޯސްޓަރެއް

ލޯބިވާ މީހަކު ނުލިބުމަކީ ކިހައި ބޮޑު ހިތާމައެއް ކަން އެނގޭނީ ވެސް އެފަދަ ކަމެއް ތަަޖުރިބާ ކުރަން ޖެހިފައިވާ މީހަކަށެވެ. އިރާޤުގެ މިޒުވާނާ އަކީ އެފަދަ މީހެކެވެ.

އުމުރުން 32 އަހަރުގެ އިންޖިނިއަރެއް ކަމަށްވާ ހައިދޫސް ނިސްބަތް ވަނީ އިރާޤުގެ ބަޣުދާދަށެވެ. މެއި މަހުގެ 12 ވަނަ ދުވަހު އިރާޤުގައި އޮންނަ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބާއި ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ކެމްޕޭން އިރާޤުގައި ވަރަށް ފޯރި އާއި އެކު ކުރިއަށް އެބަދެއެވެ. މިކެމްޕޭންގެ ފައިދާ ހައިދޫސް ވެސް ދަނީ ތަފާތު ގޮތަކަށް ނެގޭތޯ ބަލަމުންނެވެ.

ހައިދޫސް ލޯބިވި އަންހެނަކާއި ކައިވެނި ކުރަން ހުރިހާ ތައްޔާރެއް ވެފައި ވަނިކޮށް އަންހެން މީހާ ވަނީ ހައިދޫސް އެހެން އަންހެނަކާއި ގުޅުން ބާއްވާ ކަމަށް ބުނެ އޭނާ ދޫކޮށްލާފައި ގޮސްފައެވެ.

އެހެންކަމުން ހައިދޫސް މިހާރު ކުރާ ކަމަކީ ކުރީގެ ލޯބިވެރިޔާ ހޯދަން ކެމްޕޭން ކުރުމެވެ. ރައްކާ ކޮށްފައި ހުރި ފައިސާ އާއި ރަހުމަތްތެރިންގެ އަތުން ހޯދި ފައިސާ އިން ޖުމްލަ 1700 އެމެރިކާ ޑޮލަރު ހަމަކޮށް އޭނާ މިހާރު ވަނީ ލޯބިވެރިޔާ ހޯދަން ކެމްޕޭން ފަށާފައެވެ.

ބަޣުދާދުގެ ވަރަށް ގިނަ ސަރަހައްދުތަކުގައި ލޯބިވެރިޔާ ހޯދަން އޭނާ ދަނީ ޕޯސްޓަރުތައް ހަރު ކުރަމުންނެވެ. ޕޯސްޓަރުތަކުގައި އަނބިމީހާ އަށް ދީފައި ވަނީ ކެންޑިޑޭޓް ނަމްބަރު -01 ކަމަށް ވެއެެވެ.

ކެމްޕޭން ޕޯސްޓަރުތަކުގައި "ލޯތްބަކީ ތެދުވެރިކަން – މިއީ ތެދުވެރިއެއް" ފަދަ އިބާރާތްތައް ޖަހާފައި ވެއެވެ. އަދި "ތިއީ ހަމައެކަނި އަންހެނެއް ނޫން. ތިއީ އަހަރެން އުޅެން ބޭނުންވާ ގެ" ކަމަށް ވެސް ޕޯސްޓަރުތަކުގައި ޖަހާފައިވެއެވެ.

ހައިދޫސް އަށް އަދި އަންހެން މީހާގެ ޚަބަރެއް ނުވެއެވެ. ނަމަވެސް އޭނާ ބުނީ އަންހެން މީހާގެ ހިތުން ޖާގައެއް ނުލިބެނީސް ދެން މަސައްކަތް ހުއްޓާލުމެއް ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު