އިންޑިއާގެ ކަރަންޓީން ފެސިލިޓީއެއްގައި ކަރަންޓީން ކޮށްފައިވާ ހުރި މީހަކު އަނބިމީހާ ބޭވަފާތެރިވެދާނެ ކަމުގެ ބިރުން އެތަނުން ފިލައިގެން ގެއަށް ގޮސް، އަނބިމީހާގެ އަތް ބުރިކޮށްލައިފިއެވެ.

އޭނާއަކީ ވަޒީފާ އަދާ ކުރުމަށް އެހެން ގައުމެއްގައި އުޅެމުން ދިޔަ މީހެއް ކަމަށް ވެއެވެ. އޭނާ އެނބުރި އިންޑިއާ އައުމުން ހުރީ ޖަޝްޕޫރް ޑިސްޓްރިކްޓުގައި ހުރި ކަރަންޓީން ފެސިލިޓީއެއްގައެެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އޭނާ އަނބިމީހާ ބޭވަފާތެރިވެދާނެ ކަމުގެ ބިރަށް އެތަނުން ފިލައިގެން ގެއަށް ދިޔައިރު، އަނބީމީހާ ހުރީ ފޯނެއްގައި މީހަކާއި ވާހަކަދައްކާށެވެ. އެކަމާއި އޭނާ ރުޅިއައިސްގެން އަނބިމީހާގެ އަތް ބުރިކޮށްލީ ކަމަށް ވެއެވެ.

އަދި އޭނާ ވަނީ އަނބިމީހާގެ އަތް ބުރިކޮށްލުމަށްފަހު އެތަނުންވެސް ފިލާފައެެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ މީހާ އެގެއިން ފިލާފައި ވަނީ އަނބިމީހާ އެހީތެރިކަމަށް އެދި ގޮވަމުން ދަނިކޮށެވެ.

މި ދެމަފިރިންގެ ދެ އަހަރުގެ ފިރިހެން ކުއްޖަކުވެސް ހުރެއެވެ.

މިކަންކަން ހިނގާދިޔަ ފަހުން އެ މީހާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މާ ލަހުންނެވެ. އެހެންވެ އެ އަންހެން މީހާގެ އަތް ގުޅުވޭ ގޮތްވެސް ވަނީ ނުވެފައެވެ. ޑޮކްޓަރުން ބުނެފައި ވަނީ، އޮޕަރޭޝަން ކޮށްގެންވެސް ދެން އޭނާގެ އަތް ނުގުޅުވޭނެ ކަމަށެވެ.

އެ ފިރިހެން މީހާއާ ހަވާލާދީ ފުލުހުން ބުނީ، އެ އަންހެން މީހާ އެހެން މީހަކާއި ލޯބީގެ ގުޅުމެއް ބާއްވާކަން އޭނާއަށް އެނގުނީ، އޭނާ ގުޅާ ކޮންމެ ފަހަރަކު އަންހެން މީހާގެ ފޯނު ބިޒީވާތީއެވެ.

އެގޮތުން ކަރަންޓީން ފެސިލިޓީގައި ހުރެ މިދިޔަ ބުދަ ދުވަހުގެ ރޭ އަނބިމީހާ އަށް ގުޅާ ކޮންމެ ފަހަރަކު ފޯނު ބިޒީވާތީ އެ ކަރަންޓީން ފެސިލިޓީގެ ޓެރަސް މަތިން ފުންމާލައިގެން އޭނާ ގެއަށް ދިޔައިރު އަނބިމީހާ ފޯނުގައި އިންތަން އޭނާއަށް ވަނީ ފެނިފައެވެ.

ވަގުތުން އޭނާ ވަނީ ފުރޯއެއް ނަގައި އަނބިމީހާގެ އަތް ބުރިކޮށްލާފައެެވެ.

އިންޑިއާ ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.