ކޮވިޑް-19: "ގޭގައި އޮވެ އޮވެ ފަލަވެއްޖެދޯ؟" މި ސުވާލު ކުރުން ހުއްޓާލާ!

ކޮވިޑް-19 އާ ގުޅިގެން އެއް ބަޔަކު ވަރަށް ގިނަ ވަގުތު ވަޒީފާގައި އުޅެމުންދާ އިރު އަނެއް ބަޔަކު ތިބީ އެއްގޮތަކަށް ވެސް ގެއިން ބޭރަށް ނުނިކުމެވި ގޭގައި ތާށިވެފައެވެ. ހަޔާތަށް މިފަދަ ބޮޑު ބަދަލެއް އައުމުން، ކުރިން ކުރި ވަރަށް ކަސްރަތު ނުކުރެވުމާ ހެލި ފެލިވެ އުޅުން އިތުރުވުމުގެ އިތުރުން ގޭގައި ގިނަ ވަގުތު ހޭދަ ކުރަން ޖެހުމާއި ފޫހިވުން ފަދަ އެތައް ކަމެއްގެ ސަބަބުން ކެއުމުގައި ގެންގުޅޭ އާދަތަކަށް ބަދަލު އާދެއެވެ.

އަދި މާބޮޑަށް ވިސްނުމާއި ގޭގައި ކަސްރަތު ކުރާނެ މާހައުލެއް ނެތުމާއި މާބޮޑަށް ވިސްނުމުގެ ސަބަބުން މީީހާގެ ބަރުދަން އިތުރުވުމަކީ ވަރަށް އާންމު ކަމެކެވެ. ކަން މިހެން އޮތް އޮރު މި ދުވަސްކޮޅު އެންމެ ގިނައިން އޮންލައިންކޮށް އެންމެ ގިނަ މީމް ފެންނަނީ ކަރަންޓީނަށް ފަހު މީހުން ނުކުންނަ އިރު ފަލަވާނެ ވާހަކައެވެ. ބައެއް މީހުން ބަދިގެ އާއި ގައިދުރުކަން ބަހައްޓަން ޖެހޭ ވާހަކަ ސަމާސާ ރާގަކަށް ބުނެފައިވާ އިރު، ކަރަންޓިންގެ ކުރިންނާއި ފަހުން ހުންނާނެ ގޮތް ކަމަށް ބުނެ ޖޯކު ޖަހާފައިވާ ޕޯސްޓްތައް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ފަލަވުމަށް ނިސްބަތްކޮށް ކުރާ މިފަދަ ކޮމެންޓްތަކުގެ ސަބަބުން ނޭނގި ނަމަވެސް މީހުންނަށް ވަރަށް ބޮޑެތި އަސަރުތައް ކުރެއެވެ.

ބައެއް މީހުންނަކީ ކަސްރަތު ކުރަން އެހެން ބައެއްގެ އެއްބާރުލުން ބޭނުންވާ މީހުންނެވެ. އަދި ޕީސީއޯޑީ އާއި ތައިރޮއިޑް ފަދަ ބަލިތައް ހުންނަ މީހުން ގޭގައި ތިބެން ޖެހުމުން ހެލިފެލިވާ މިންވަރު މަދުވެ ފަސޭހަ އިން ފަލަވެއެވެ. އަދި ކަންބޮޑުވެ ހާސްވުމަކީ ކޮވިޑް-19 ފަދަ ބަލިމަޑުކަމެއްގައި އާއްމުކަމަކަށް ވާއިރު މިއީ ވެސް ފަލަވާ ކަމެކެވެ.

އެމެރިކާގެ ނޭޝަނަލް އީޓިން ޑިސްއޯޑަ އެސޯސިއޭޝަނުގެ ސީއީއޯ ކްލެއަ މައިސްކޯ ބުނީ ބަރުދަން އިތުރުވުމާ މެދު ޖަހާ މިކަހަލަ ޖޯކުތަކުގެ ސަބަބުން، ބަރުދަން އިތުރުވާ މީހުންނަށް ނޭދެވޭ އަސަރު ކުރާ ކަމަށެވެ.

"މި ދުވަސްކޮޅު މީހުންނާ މުއާމަލާތް ކުރުން ވަރަށް މުހިންމު. އެކަމަކު ގުޅާ އިރަށް ގޭގައި އޮވެ އޮވެ ފަލަވެއްޖެ ދޯއޭ އެ ކުރާ ސުވާލު އާއްމުވާ ނަމަ އެއްވެސް މީހަކު އެހެން މީހަކަށް ގުޅަަން ބޭނުމެއް ނުވާނެ. އެހެންވީމަ ބަރުދަން އިތުރުވާ ވާހަކަ ދެއްކުން އެއީ މިހާރު ނެގެޓިވް ކަމެއް. މި ފަދަ ހާލަތުގައި އިތުރަށް ކެވުމަކީ ވަރަށް އާއްމުކޮށް ދިމާވާ ކަމެއް،" އޭނާ ކިޔާ ދިނެވެ.

ކަރަންޓީނުގައި ފަލަވުމާ މެދު މިފަދަ އިން ހަޖޫ ޖަހާ ނަމަ ސްޓްރޯކް އެންޒެއިޓީ ބޮޑުވުމާއި ސިއްހަތާ މެދު މާ ބޮޑަށް ވިސްނުމަކީ އެފަދަ މީހުންގެ ނަފްސާނީ ދުޅަހެޔޮކަން ވަރަށް ބޮޑަށް ހީނަރުކޮށްލާ ކަމެއް ކަމަށް އޭނާ ބުނެއެވެ.

އެމެރިކާގައި 30 މިލިއަނަށް ވުރެ ގިނަ މީހުންނަށް އާންމުކޮށް ކާ ވަރަށް ވުރެ ގިނަ އިން މިދުވަސްކޮޅު ކެވޭ ކަމަށް އެ އެސޯސިއޭޝަނުން ކުރި ދިރާސާއަކުން ދައްކައެވެ. އަދި ކޮންމެ 62 މިނިޓަކުން އީޓިން ޑިސްއޯޑަގައި މީހަކު މަރުވާ ކަމަށް އެ ދިރާސާއިން ދައްކައެވެ. މަދުން ކާން މީހުންނަށް މަޖުބޫރު ވަނީ ފަލަވެދާނެ ކަމުގެ ބިރަށެވެ. ނަމަވެސް އެކަމުގެ ސަބަބުން ސިއްހީ ބަލިމަޑުކަމާ މެދު ވިސްނުމަށް ވުރެ ބޮޑަށް ނަފްސާނީ ސިއްހަތަށް އަސަރު ކުރާ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

އެފަދަ ކޮމެންޓްތަކުގެ ސަބަބުން ތިމާގެ ހަށިގަނޑާ މެދު އެހާ ޕޮޒިޓިވްކޮށް ނުވިސްނާ މީހުންނަށް އަދި ވަކިން ބޮޑަށް އަސަރު ކުރާ ކަމަށް ވެއެވެ. ޑައިޓީޝަން ޖެނިފަ ރޯލިން ބުނީ ބައެއް ފަހަރު މީރުކޮށް ކެއުމަކީ ހިތްހަމަ ޖެހޭ ކަމެއް ކަމަށެވެ. އަދި ފަލަވެދާނެ ކަމުގެ ބިރަށް ކިތަންމެ ބަނޑުހައި ވިޔަސް ނުކާން އަޒުމު ކަނޑައަޅާ ނަމަ އެއީ މީހާ ދެރަވާން މެދުވެރިވާ ކަމަކަށް ވެދާނެ ކަމަށް ބުންޏެވެ.

މި ދުވަސްކޮޅު މީހުންގެ ބަރުދަނާ މެދު އެއްޗެއް ބުނާ އިރު ވިސްނަން ޖެހޭ ކަމަށް އޭނާ ވަނީ ބުނެފައެވެ. އެކަމުގެ ސަބަބުން ފަލަ މީހުންނާއި ފަސޭހައިން ފަލަވާ މީހުންނަށް ކުރާ ނޭދެވޭ އަސަރު އެނގޭ ނަމަ އެހެން ނުބުނާނެ ކަމަށް ވެސް ޖެނިފަ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު