ނުރައްކާތެރި ކޮވިޑް-19 ޖެހިފައިވާ މީހުން ދެނެގަނެވޭނެ ފޭސް މާސްކެއް އުފެއްދުމުގެ މަސައްކަތް ހާވާޑް ޔުނިވާސިޓީގެ ތަޖުރިބާކާރުންގެ ޓީމަކުން ފަށާއިފިއެވެ.

މީގެ ކުރިން ދުނިޔެއަށް ނުރައްކާ ކުރިމަތިކުރުވި ޒިކާ އާއި އެބޯލާފަދަ ބަލިތައްވެސް ދެނެގަތުމުގެ ޤާބިލްކަން ލިބިފައިވާ މާސްކު، އުފައްފާއިވާ މި ޓީމުން ކޮވިޑް-19 އަށް މިފަދަ މާސްކެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކޮށްފައި ވާއިރު، މިއީ ބަލީގެ ސަބަބުން ދުނިޔެ ހުއްޓުމަކަށް އައިސްފައިވާ މި ހާލަތަށް ރަނގަޅު ބަދަލެއް ގެންނާނެ އުފެއްދުމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ހާވާޑްގެ ޓީމުން ބުނާގޮތުން، އެ ޓީމުން މިހާރު އުފެއްދުމަށް މަސައްކަތް ކުރާ މާސްކަކީ ކޮވިޑް-19 ޖެހިފައިވާ މީހުން އެޅުމުން އޭފައިވާ ސެންސަރެއް މެދުވެރިކޮށް އަމިއްލައަށް ސްކްރީން ކުރުމުގެ ޤާބިލްކަން ލިބިފައިވާ މާސްކެކެވެ. މިގޮތުން މި ބަލި ޖެހިފައިވާ މީހަކު ނޭވާލުމުންނާއި، ކެއްސާ ކިނބިހި އެޅުމުން މާސްކުން "ފްލޮރިޒެންޓް އައްޔެއް" ގޮތަށް ސިގްނަލެއް ދޭނެ ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

"މި އުފެއްދުން ކާމިޔާބު ވެއްޖެނަމަ އޭގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ މި ހާލަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ. އަދި އާންމު ހާލަތަކަށް ދިއުމަށް އެހީއަކަށް ވެގެންދާނެ. އެގޮތުން ޚާއްސަ ގޮތެއްގައި އެއާޕޯޓާއި ފްލައިޓް ފަދަ މީހުން އެއްތަންވާ ތަންތަނުގައި މި މާސްކު އަޅައިގެން އުޅުމުން، ބަލި ޖެހިފައިވާ މީހުން ދެނެގަނެ، ބަލި އިތުރަށް ފެތުރުން ކުޑަކުރެވިދާނެ،" ހާވާޑް ޓީމުގެ ތަޖުރިބާކާރަކު ބުނެފައި ވެއެވެ.

އެ ޓީމުން އުންމީދު ކުރާ ގޮތުގައި މި މާސްކަކީ ކުރިޔަށް އޮތް ތަނުގައި ހޮސްޕިޓަލްތަކަށްދާ ބަލި މީހުންވެސް އަޅަން ބޭނުންކުރެވިދާނެ މާސްކެކެވެ. އަދި ބަލި ޖެހިފައިވާކަން ނޭނގި، އެހެން މީހުންގެ ގަޔަށް މި ބަލީގެ އަސަރު ކުރުވުން ކުޑަވެގެންދާނެ ކަމަށާއި، ލެބޯޓްރީތަކުގައި ޓެސްޓުތައް ކުރިޔަށް ގެންދިއުމުގެ މަސައްކަތަށްވެސް މިކަމުން ލުއިތަކެއް ލިބިގެންދާނެ ކަމަށް ތަޖުރިބާކާރުން ބުނެފައި ވެއެވެ.

ހާވާޑްގެ ޓީމުން ބުނާގޮތުން، މި މާސްކު އުފެއްދުމުގެ މަސައްކަތް މިހާރު އެ ޓީމުން ހަލުވިކަމާއެކު ކުރަމުން އަންނައިރު، މިހާތަނަށް ކުރެވުނު މަސައްކަތް ކާމިޔާބު ކަމަށެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި މި މާސްކުގެ މަސައްކަތް ނިމި ބޭނުންކުރެވެން ފެށޭނެކަމުގެ އުންމީދު އޮތް ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

މީގެ ކުރިން ދުނިޔޭގައި ފެތުރުނު ސާސް ވައިރަސް އާއި، އިންފްލުއެންޒާ އާއި ހެޕަޓައިޓިސް ސީ ފަދަ ބަލިތައްވެސް ކުރީބައިގައި ދެނެގަތުމަށް މިފަދަ މާސްކު ބޭނުންކޮށްފައި ވެއެވެ.