އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ އަމިއްލަ މީމް އެއް ހަދައި އެ މީމް އޭނާގެ ޓްވިޓާ އެކައުންޓުގައި ހިއްސާ ކޮށްފިއެވެ.

މިއަދު ޓްރަމްޕް ޓްވިޓާގައި ހިއްސާ ކޮށްފައި ވަނީ 1996 ވަނަ އަހަރު ކުޅެފައިވާ ފިލްމެއް ކަމުގައިވާ ”އިންޑެޕެންޑެންސް ޑޭ“ ގެ ތަންކޮޅެކެވެ. ނަމަވެސް ޓްރަމްޕް އެ ފިލްމުގެ ތަރީގެ މޫނު މައްޗައް އޭނާގެ އަމިއްލަ މޫނު ވަނީ އަރުވާފައެވެ.

އެ ފިލްމުގައި ދައްކުވައިދެނީ އޭލިއަނުންތަކެއް އިންސާނުންނާއި ހަނގުރާމަ ކުރާ މަންޒަރެވެ. އެމެރިކާގެ ސިފައިން މި ހަނގުރާމާގައި އުޅޭއިރު އެ ގައުމުގެ މިނިވަން ދުވަސް (ޖުލައި 4) އައި އިރުވެސް ހަނގުރާމަ ކުރިއަށް ދިޔައެވެ.

މިއާއިއެކު އެ ފިލްމުން ދައްކުވައިދޭ އެމެރިކާގެ ރައީސް ވަނީ ސިފައިންނާއި މުޙާތަބުކޮށް ހިތްވަރު ދެއްވާފައެވެ. އެ ފިލްމުގެ މި މަންޒަރަށް ޓްރަމްޕުގެ މޫނު އަރުވާފައި އޭނާ އަމިއްލަ އަށް މީސް މީޑިއާގައި ހިއްސާ ކޮށްފައި ވަނީ ކޮރޯނާވައިރަސް އާއި ދެކޮޅަށް ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ކަމަށް ބެލެވެއެެވެ.

މި ވީޑިއޯ މީމް އެންމެ ފުރަތަމަ ހަދާފައި ވަނީ ޓްރަމްޕަށް ތާއިދުކޮށް އަބަދުވެސް މީމްތައްް ހަދާ ބައެކެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުން ޓްރަމްޕް އެމީހުންނަށް ފަންޑުވެސް ކުރެއެވެ. މި ވީޑިއޯ ވައިރަލް ވީ ޓްރަމްޕް އޭނާގެ ޓްވިޓާގައި ވީޑިއޯ ހިއްސާ ކުރުމުންނެވެ.