އެމެރިކާ އަށް ނިސްބަތްވާ ޒުވާން އެކްޓަރ ގްރެގޮރީ ޓައިރީ ބޮއިސް އާއި އޭނާގެ ލޯބިވެރިޔާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މަޝްހޫރު ”ޓްވިލައިޓް“ ގައިވެސް އެކްޓު ކޮށްފައިވާ ގްރެގޮރީ އޭނާގެ ލޯބިވެރިޔާ އާއިއެކު މަރުވެފައި އޮއްވާ ފެނުނީ ލަސް ވޭގަސް ގައި އެމީހުން ދިރިއުޅެމުން އައި ގޭގެ ތެރެއިންނެވެ.

އުމުރުން 30 އަހަރުގެ ގްރެގޮރީ އާއި 27 އަހަރުގެ ނޭޓަލީ އަޑެޕޮޖޫ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަހަރަކަށް ވުރެން ގިނަ ދުވަސް ވެފައި ވާއިރު، މި މަހުގެ 13 ވަނަ ދުވަހު މި ދެމީހުން އެކުގައި މަރުވެފައި ތިއްބާ ފެނުނީ ގްރެގޮރީގެ ތިމާގެ ކުއްޖަކަށެވެ.

އެ ކުއްޖާ ތެދުވި އިރު ބޭރުގައި ގްރެގޮރީގެ ކާރު އޮތެވެ. އެ ދުވަހު ހެނދުނު ގްރެގޮރީ ލޮސް އެންޖެލެސް އަށް ދާން އޮތުމުން އޭނާ އަށް ގޮވަން ދިޔައިރު ދެމީހުންވެސް ވަނީ މަރުވެފައި ކަމަށް ގްރެގޮރީގެ ތިމާގެ ކުއްޖާ އާއި ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

މި ދެމީހުން މަރުވި ސަބަބު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު، ބައެއް ފަރާތްތަކުން ބުނަމުން ދަނީ އެމީހުން މަސްތުވާތަކެތީގެ އޯވަޑޯޒް އެއް ވީކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. އެއީ ގްރެގޮރޯ ވަރަށް ގިނައިން ޕާޓީކޮށް ހަދައިވެސް އުޅޭތީއެވެ.

ގްރެގޮރީ މަރުވިއިރު އެހެން މީހަކާއި އެކު އޭނާ އަށް ލިބުނު 10 އަހަރުގެ އަންޙެން ދަރިފުޅަކު އަދި އެބަހުއްޓެވެ.