ބޮލުގައި ކަރާ ފަޅިއެއް އަޅައިގެން އެމެރިކާގެ ވާގިނިއާގެ ފިހާރައަކުން ވައްކަން ކުރަން ދިޔަ ބަޔަކު ހައްޔަރުކޮށްފިއެވެ.

ލުއީސާގެ ފުލުހުން ބުނެފައިވަނީ އެ މީހުން އެ ފިހާރައިން ވައްކަން ކުރަން ގޮސްފައިވަނީ ޓޮޔޯޓާ ވެހިކަލެއްގައި ބޮލުގައި ކަރާ ފަޅިއެއް އަޅައިގެން ކަމަށެވެ. ބޮލުގައި ކަރާ ފަޅި އަޅާފައި ހުރި އިރު ދެ ލޮލާ ދިމާލުން ވަނީ ދެ ބާ ކަނޑާފައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި ދެމީހުން ފެންނަ ފޮޓޯއެއް މީސް މީޑިއާގައި މިހާރު ފުލުހުން ވަނީ އާންމު ކޮށްފައެވެ.

މި ދެމީހުން ފިހާރައިން ވައްކަން ކޮށްފައިވާ ވަގުތަކީ އެ ފިހާރަ ހުޅުވާފައި ހުރި ގަޑިއެއް ކަމުން ވިޔަފާރި ކުރަން މީހުން ވަދެ ތިއްބެވެ.

އެހެންވެ ބޮލަށް ކަރާ ތޮށިގަނޑު ފައްތާފައި ތިބި ދެ މީހަކު ވަދެގެން އަންނަން ފެށުމުން ވަރަށް ގިނަ ބައެއްގެ ސަމާލުކަން މި މީހުންނަށް ފުރަތަމަ ވެސް ލިބުނު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ގިނަ ބައެއްގެ ސަމާލު ކަން އެމީހުން ލިބިފައިވާއިރު އެއްވެސް ބަޔަކަށް އެމީހުން އައީ ވައްކަން ކުރަން ކަމައް ނޭނގެއެވެ. އެހެން ކަމުން ގިނަ ބަޔަކު ވަނީ އެމީހުންނާއި އެކީ ފޮޓޯވެސް ނަގައިފައެވެ. އެގޮތަށް ނަގާފައިވަނީ އެއީ ފަހުގެ ފެޝަނެއް ކަމެއް ހީކޮށެވެ.

މި މީހުންނާ އެކީ ފޮޓޯ ނެގި މީހުން ބުނެފައިވަނީ އެގޮތަށް ބޮލުގައި ކަރާ ފަޅި އަޅައިގެން ތިބި ބަޔަކު އެހެން ފިހާރައަކަށްވެސް ވަދެފައިވާ ކަމަށެވެ. އެހެން ކަމުން މިހާރު ބެލެވޭ ގޮތުގައި އެހެން ފިހާރައަކަށްވެސް ވަދެފައިވަނީ އެ ދެމީހުންނެވެ.

މިގޮތަށް އެތަކެއް ފިހާރަތަކަކަށް މި މީހުން ވަދެފައިވާއިރު ވެސް ފުލުހުން މި މީހުން ހައްޔަރު ކޮށްފައިވަނީ ވައްކަން ކުރާނެ ފުރުސަތެއް ނުލިބިފައި ވަނިކޮށެވެ. އެމީހުން ހައްޔަރު ކޮށްފައިވަނީ މަސްތުގެ ހާލަތުގައި ވައްކަން ކުރަން އުޅުނު ކަމުގެ ތުހުމަތުގައެވެ.