ކުއްތާ ބޭނުންކޮށްގެން ކޮވިޑް-19 އިން އިންފެކްޓުވެފައިވާ މީހުން ދެނެގަނެވޭނެތޯ ބެލުމުގެ މަސައްކަތް ތަޖުރިބާކާރުންގެ ޓީމަކުން ފަށައިފިއެވެ.

އިނގިރޭސިވިލާތުގެ "ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިން" ގެ ތަޖުރިބާކާރުން މި މަސައްކަތް ފަށާފައިވަނީ، ކޮވިޑް-19 އާއި ގުޅިގެން ޤައުމުތައް އާންމު ހާލަތަކަށް ރުޖޫޢަވުމަށް އެހީތެރިވުމުގެ ގޮތުންނެވެ.

މި މަސައްކަތް މި ޓީމުން އިއުލާނުކޮށްފައި ވާއިރު، އެކަމަށްޓަކައި ކުރިޔަށްގެންދަން ޖެހޭ ދިރާސާތައް ހެދުމަށްޓަކައި އިނގިރޭސި ސަރުކާރުން ވަނީ ފަސްލައްކަ ޕައުންޑުގެ ފަންޑެއްވެސް އެފަރާތްތަކަށް ދީފައެވެ.

"މި މަސައްކަތް ކާމިޔާބުވެއްޖެ ނަމަ، ބަލި ޖެހިފައިވާ މީހުން ދެނެގަތުމަށް ކުރެވޭ މަސައްކަތް މިހާރާއި އަޅާބަލާއިރު ދެގުނައަށް ފަސޭހަވެފައި އަވަސް ވެގެންދާނެ. އަދި ގިނަ މީހުން އެއްވެ އުޅޭ އެއާޕޯޓް ފަދަ ތަންތަނުގައި ސްކްރީން ކުރުމަށް ކުއްތާ ބޭނުންކުރެވޭނެ،" ޓީމުގެ އިސް ތަޖުރިބާކާރު، ޖޭމްސް ލޯގަން ބުނެފައި ވެއެވެ.

ކުއްތާ ބޭނުންކޮށްގެން ސްކްރީން ކުރުމުގެ ކަންކަން ފުޅާ ދާއިރާއެއްގައި ކުރިޔަށް ގެންދެވިދާނެ ކަމަށް މި ޓީމުގެ ތަޖުރިބާކާރުން ޤަބޫލުކުރާއިރު، އެފަރާތްތަކުން ބުނެފައިވަނީ އެކަން ކާމިޔާބުވެއްޖެ ނަމަ ކުރިޔަށް އޮތް ހަމަހެއްހާ ދުވަސް ތެރޭގައި އެއާޕޯޓްތަކުގައި ކޮވިޑް-19 ހުރި މީހުން ދެނެގަތުމަށް ކުއްތާ ބޭނުންކުރެވެން ފަށާނެ ކަމަށެވެ.

މި ޓީމަކީ މީގެ ކުރިން، މެލޭރިއާގެ އިންފެކްޝަން ޖެހިފައިވާ މީހުން ވެސް ކުއްތާތައް ބޭނުންކޮށްގެން ދެނެގަނެވިދާނެކަން ހޯދާފައިވާ ޓީމެވެ. އެގޮތުން އެ ޓީމުން މީގެ ކުރިން، މެލޭރިއާ ޖެހިފައިވާ މީހުން ދެނެގަތުމަށް ކުއްތާތަކަށް ޚާއްސަ ތަމްރީނުތަކެއްދީ ތައްޔާރުވެސް ކޮށްފައި ވެއެވެ.