ބައެއް މީހުން ދެކޭ ގޮތުގައި އަހަރެން މިއީ އެކަނިވެރިއެކެވެ. އެހެނަސް އެއީ ކުށްހީއެކެވެ. ލޯބިވެރިއެއް ނެތަސް، "ސައިޑު ބިޓުން" ނެތަސް، އަހަރެން އެކަނިވެރިއެއް ނޫނެވެ. އަހަރެންނާއިއެކު އަބަދުވެސް އަހަރެންގެ ކަރުނަތައް ވެއެވެ. ދެގޮތެއް ނުވެ، އަހަރެންގެ ހުރިހާ ހިތާމަ ތަކެއްގައި ބައިވެރިވެ މި ހިތުގެ މިތުރަކަށް ވަނީ ވެސް އެ ކަރުނަތަކެވެ.

ވަޒީފާގެ މާހައުލުގައިވެސް ނުވަތަ ސްކޫލް ދައުރުއްސުރެވެސް އެކުގައި އުޅޭ ރައްޓެހިން މަދެއް ނޫނެވެ. އަހަރެންގެ ލޯތްބަށް އެދި އާދޭސް ކޮށް މުގޯލި އަޅަމުން ދުވާ ފިރިހެނުންނެއްވެސް މަދެއް ނޫނެވެ. ދެ ފަރާތު އާއިލާގެ މީހުންގެ އަދަދުވެސް މަދެއް ނޫނެވެ. ނުވިތާކު އަހަރެން ދަންނަ މީހުންވެސް މަދެއް ނޫނެވެ. ވަޒީފާގެ ގޮތުން ގިނަ ބަޔަކާއި ފެނިދެނިވި ހަދަން ޖެހުމާއިއެކު، ކޮންމެ ދުވަހަކުހެން ގިނަ ބަޔަކު ދަނީ އަހަރެން "ދަންނަ" މީހުންގެ ލިސްޓުގައި ހިމެނެމުންނެވެ. އެހެނަސް އަބަދު ދެރަވެފައި މި ހުންނަން ޖެހެނީ ކީއްވެ ހެއްޔެވެ؟ މި ހިތުގެ ވޭނީ އުދާސްތައް އަޑުއަހާނޭ ކަންފަތެއް ނެތީ ކީއްވެ ހެއްޔެވެ؟ މި ހިތުގެ ޒަޚަމް ތަކަށް ފަރުވާ ކޮށްދޭނޭ ފަރާތެއް ނެތީ ކީއްވެ ހެއްޔެވެ؟ ދުވަހަކުވެސް އުފަލެއް ނެތި މިހެން އުޅެން މި ޖެހެނީ އަހަރެންގެ ކޮން ކުށެއް އޮވެގެން ހެއްޔެވެ؟

ޖަވާބު ވަރަށް ވެސް ކުރުވެފައި ހިއްޗެވެ. އާނއެކެވެ. ޖަވާބަކީ ލޯބި ނުވާން ޖެހޭ ވަރު މީހެއް ދެކެ ހިތުގެ އެންމެ ފުން މިނުން ހަޤީޤީ ލޯބިވެވުމެވެ. ޤަބޫލު ކުރިޔަސް ނުކުރިޔަސް އެއީ ބަދަލުނުވާނޭ ހަޤީޤަތެވެ. ކިތަންމެ ހިތް ނުރުހުނަސް އެއީ ކަން އޮތް ގޮތްވެސް މެއެވެ.

މުޅި ހަޔާތުގައިވެސް އަހަރެންނަށް ލޯބިވެވުނީ މިހާތަނަށްވެސް އެންމެ މީހެއް ދެކެއެވެ. ކޮންމެ މެހްމާނަކަށް ދިއްކޮށްލާ ކޮފީ ތައްޓެއްހެން، އަހަރެންނަކީ ފެންނަހާ މީހަކަށް އަހަރެންގެ އަގުހުރި ހިތް ހަދިޔާ ކުރާ މީހެއް ނޫނެވެ.

ގަޔާވާ ގޮތެއް ހުއްޓަސް ލޯބި ނުވެވިދާނެއެވެ. އަހަރެންނަށްވެސް ވީ އެހެންވިއްޔާއެވެ. މަގުމަތިން ފެންނަ މީހެއް ދެކެވެސް އަހަރެންނަށް ގަޔާވެވިދާނެއެވެ. އަމުދުން ސިފަ ރީތި ފިރިހެނުން ދެކެއެވެ. އެކަމަކު މި ހުރިހާ ދުވަސްވެ ދިޔައިރުވެސް އަހަރެންގެ ހިތުގެ މިލްކުވެރިޔާ ބަދަލެއް ނުވެއެވެ. މިކަމާ ޚުދު އަހަރެންވެސް އަޖައިބުވަމެވެ. ކިތަންމެ ރީތި، ޚުލްޤު ހެޔޮ ފިރިހެން ކުއްޖަކު އަހަރެން "ލިބޭތޯ" ނުވަތަ "ސެޓުވޭތޯ" ފަހަތުން އުޅުނު ކަމުގައިވެސް އޭގެން މީހެއްގެ އިޝާރާތަކަށް މި ހިތް އިޖާބަ ނުދެނީ އެހެން ފަރާތެއް ދެކެ ވެވުނު މަތިވެރި ލޯބިން ކަމުގައިވާތީއެވެ.

ސަހަރޯ ހީވެއެވެ! މިއޮތީ ވާ މީހެއް ދެކެ ލޯބިވެވިފަ ވިއްޔާއެވެ. ލިބުނު މޮޅެއް ވީ އުފަލެއް ވަކި އޮތީކީވެސް ނޫނެވެ. ބަދަލުގައި ހިތާމައާއި މޮޅިވެރިކަން މިދަނީ ވަށައިގެންވާ "ގާޑުން" ތަކެއްހެން ހަޔާތުން ނުނެއްޓި ފާރަލަމުންނެވެ. އުފަލެއް މި ހިތަށް ނުދީ ވޭތޯ މަސައްކަތް ކުރާ ފަދައަކުންނެވެ.

ކާއެއްޗެއް ކެޔަސް ނުކެޔަސް ކަރުބުޑުގައި ލާ ރަހަ ތަފާތެއް ނުވެއެވެ. މުޅިންވެސް ކަރުބުޑުގައި ލަނީ ބޭވަފާތެރިކަމުގެ ހިތި ރަހައެވެ. ސިކުނޑީގައި އަބަދާއި އަބަދުހެން އެނބުރެނީ އަހަރެންގެ ލޯބިވެރިޔާ މިހިތަށް ސަޒާ ދިން ގޮތެވެ. އަނިޔާވެރި ގޮތަކަށް އިންސާފުގެ ސަފުން އެއްކިބާކޮށް، އޭނާގެ ލޯބިން މަޙްރޫމް ކޮށްލި ރަޙްމު ކުޑަ ގޮތެވެ.

ލޯބިވެޔޭ ކިޔައި ދަޅަދައްކައި، ނުފުއްދޭ އަހުދުތައްކޮށް، މާފޮޅުވިއިރު، އޭނާގެ ނުނިޔަތް އެނގުނު ނަމައޭ މިހާރު ހިތަށް އަރައެވެ. ނަމަވެސް ނަމަ ނަމައަކުން ކެއްކޭނެ ރިހައެއް ނޯންނާނޭ ބުނާ ފަދައިން މިހާރު ކުރެވޭނެ ކަމެއް ނޯންނާނެތާއެވެ. މިއަދު ވަގުތު މިވަނީ ފާއިތުވެފައެވެ. އެ ރަންޒަމާނުގެ ހަނދާންތައް މިއަދު އެވަނީ މާޒީއާއިއެކުވެ ފަހަނާ އަޅާ ގޮސްފައެވެ. އަލުން އަނބުރާ އެދުވަސް ގެނައުމުގެ ކުޅަދާނަކަން ލިބޭނަމަ، ހަމަގައިމުވެސް އަހަރެންނެއް އޭނަގެ ލޯތްބަށް އިޖާބައެއް ނުދޭނަމެވެ. ހިތާ ދެކޮޅަށް ކިތަންމެ ވަރުގަދަ ހަމަލާ ބަދަލުވުން ތަކެއް ބަދަލުކޮށްގެން ވިޔަސް، އަހަރެންގެ ޖަޖުބާތުތައް ކޮންޓްރޯލްކުރީސްއެވެ.

އަހަރެންނަށް އަބަދުވެސް ރީތި މީހުން ފެނެއެވެ. އެކަމަކު އޭގެން މީހެއް ފެނި އޮބި ނޯންނަ ވަރަކަށް ހިތެއް ނުތެޅެއެވެ. ލޯތްބަކީ މިއީ ކިހާ ވަރެއްގެ އެއްޗެއް ކަމެއް އޭރު އަދި ނޭނގެނީ ކަންނޭނެގެއެވެ. އެހެންވީރު، އަހަރެންނަށް ލޯބި ދަސްކޮށްދިނީ ވެސް އަހަރެންގެ ހިތް މިލްކުކުރެވުނު ހަމަ އެކަނި ފަރާތްތާއެވެ. އެއީ އަހަރެންގެ ހިތް އޮބި ނޯންނަ ވަރަށް ތެޅެނީ ހަމައެކަނި މިހިތުގެ ރާޖާ ފެނުމުން އެކަނި ކަމުގައި ވާތީއެވެ. ބުނެދޭން ނޭނގޭ އިހްސާސްތަކެއްވެސް ކުރެވެނީ ހަމައެކަނި އޭނާ ފެނުމުން ވިއްޔާއެވެ. ބޭއިޚްތިޔާރުގައި ހިނިތުންވުން މޫނު މައްޗަށް ވެރިވަނީ ވެސް ހަމައެކަނި އޭނަގެ ނަން އަޑު އިވުމުން ވިއަޔާއެވެ.

އޭނާއަކީ ބަލާލަންވެސް މާކަ ސިފަ ރީތި މީހެއް ނޫނެވެ. ފިރިހެން ވަންތަ ގޮތެއް ނެތެކޭ ނުބުނަމެވެ. އެކަމަކު "ހޮޓް" ވެގެން މޮޔަވާވަރެއް ނުވާނެއެވެ. އެހެންވީރު އަހަރެންނަށް ލޯބިވެވިގެން މިއުޅެނީ އޭނަގެ ސިފަ ދެކެ އެއް ނޫން ކަން މިއޮށް ޔަޤީން ވީ ނޫން ހެއްޔެވެ؟

އެއީ މާ ތަނަވަސް މީހެއްވެސް ނޫނެވެ. ކިރިޔާ ލިބޭ ލާރިކޮޅުން ދެކޮޅު ޖެހޭ ވަރު ވާ މީހެކެވެ. ގިނަފަހަރު ލާރީގެ ދަތިކަމާއިހުރެ އަހަރެމެން އެއްކޮށް އުޅުނުއިރު އެއްކޮށް ތަންތަނަށް ކާންވެސް ނުދަމެވެ. އެކަމަކު އެންމެ ފަހަރަކުވެސް އަހަރެން ޝަކުވާ ކޮށްފައިއެއް ނޯންނާނެއެވެ. އެއީ ތަނަވަސް ކަމަކީ އަހަރެން ބޭނުން އެއްޗަކަށް ނުވާތީއެވެ. ލޯތްބާއި އަޅާލުމާއި ވަގުތު ދިނުމުން އަހަރެންނަށް ފުދެއެވެ. އެޔަށް ވުރެ ފަސޭހައިން ޚަރަދަކައި ނުލައި ދެވޭނެ އެއްޗެއް ވަކި އޮންނާނެ ހެއްޔެވެ؟ ނޫނެކެވެ. އެކަމަކު އެކަންވެސް އޭނާއަށް ނުކޮށްދެވުނެވެ. ދެއްކީ ހުސް ބަހަނާއެވެ. އެހެންވީމައި، އަހަރެންނަށް ލޯބިވެވުނީ އޭނާގެ ތަނަވަސް ކަމުގައި ނޫން ކަން ވެސް ސާފު ދޯއެވެ!

ޤަބޫލުކުރާށެވެ! އަހަރެންނަށް އޭނާ ދެކެ ވެވުނީ މަތިވެރި ސާފު ތެދުވެރި ލޯތްބެވެ. ބަދަލުގައި އެއްވެސް އެއްޗަކަށް ނޭދޭ ހާލުގައި އޭނާ ދެކެ ލޯބިވީ ހިތުގެ އެންމެ އަޑިންނެވެ. އެކަމަކު.. އެކަމަކު "އުޅޭ ހިތެއް ނެތޭ" ބުނެ އަހަރެން އާދޭސް ކޮށްކޮށް ހުއްޓާ ދޫކޮށްދިޔައީ ބީރު ކަންފަތެއް ދީފައެވެ. އަހަރެންގެ ކުށެއްވެސް ނެތް ކަމަށް ބުނުމުން އިތުރަށް އަހަރެންވީ ދެރައެވެ. ކުށެއް ކުރެވިފައިވާނަމަ މިފަދަ ގޮތަކަށް ސަޒާ ލިބެން މައްސަލައެއް ނެތެވެ. އެކަމަކު އެއްވެސް ކުށަކާއި ނުލާ މިފަދަ ގޮތަކަށް ކަންތައްތައް ވުމުން ދެރަ ނުވާނީ ކޮން އިންސާނެއް ހެއްޔެވެ؟

ލޯބި ވުމަކީ ކުށެއް ނޫންކަމަށް އަހަރެންގެ ރައްޓެހިން އަބަދުވެސް ބުނެ ހިތްވަރު ދޭނެއެވެ. އެކަމަކު އެއީ މުޅިން ބޭކާރު ހަޤީޤަތެއް ނެތް ވާހަކައެއްކަން މިހާރު އަހަރެން ޤަބޫލުކުރަމެވެ. އެއީ ލޯބިވުމަކީ ކުށަކަށް ނުވާނަމަ، މިހާލުގައި އަހަރެންނަށް އުޅެން މި ޖެހެނީ ކީއްވެ ހެއްޔެވެ؟ މި ވޭން ތަހައްމަލު ކުރަން މިޖެހެނީ ކީއްވެ ހެއްޔެވެ؟

އެފަދަ ގޮތަކަށް އަހަރެން އޭނަގެ ހަޔާތުން ނެރެ އެއްލާލިއިރު، މި ހިތަށް ކުރާނެ އަސަރު އަޅެ އޭނައަށް ނުވިސްނެނީ ބާއޭ އަހަރެންގެ ހިތަށް އެރި އަދަދެއް ބުނެދޭން ވެސް ނޭނގެއެވެ. ކުޑަމިނުން ހިތުގައި ޖެހޭނެކަން އެނގެން ވާނެ ނޫން ހެއްޔެވެ؟ ގައިމުވެސް އަހަރެން މިއީ ހިތްބަލި އަންހެނެއްކަން އޭނައަށް އެނގޭނެއެވެ. ވީއިރު އަހަރެންނަށް މިފަދަ ގޮތަކަށް ސަޒާ އެ ދެނީ ކީއްވެ ހެއްޔެވެ؟ ރަހުމެއް ކުލުނެއް ކުޑަކޮށްވެސް ނެތީ ހެއްޔެވެ؟

މި ލޯބީގެ އަނދަވަޅުން އަރައިގަތުމަށް ކޮންމެ ދުވަހަކު އަހަރެން މަސައްކަތް ކުރަމެވެ. އޭނާގެ ކެހިވެރިކަން ހަނދާން ނައްތާލާ، ހަޔާތާއިގެން ކުރިއަށް ދެވޭތޯ އަބަދުވެސް މަސައްކަތް ކުރަމެވެ. މި ތެދުވެރި ލޯބީގެ ސަޒާއިން މި ނިކަމެތި ހިތް ސަލާމަތް ކުރޭތޯ ހެއްދެވި ފަރާތަށް ދުއާ ކުރާ ހާލުގައެވެ.