މުސަޅެއްގެ ކަރުބުރިކޮށްލި މީހަކު ދެއަހަރަށް ޖަލަށްލާ އެމެރިކާގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އަޔޯވާގައި މި މައްސަލައިގައި ދެ އަހަރަށް ޖަލަށްލާ ޙުކުމްކޮށްފައި ވަނީ އުމުރުން 64 އަހަރުގެ ފިރިހެނެކެވެ. މި މައްސަލައިގައި އޭނާ ޖަލަށްލާން ކޯޓުން ހުކުމްކޮށްފައި ވަނީ، ކަރުބުރިކޮށްލައިގެން މުސަޅެއް މަރާލިކަމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވުމުންނެވެ.

ނޫސްތައް ބުނާގޮތުގައި އޭނާ މި އަމަލު ހިންގާފައިވަނީ އަޔޯވާގެ ސިޓީއެއް ކަމަށްވާ ޑެސް މޮއިނެސްގެ "އެނިމަލް ރެސްކިއު ލީގް"ގެ ސެންޓަރަކަށް ދިޔަ ފަހަރެއްގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އޭނާ އެތަނުގެ ތެރޭގައި ގެންގުޅުނު މުސަޅެއްގެ ކަރުބުރިކޮށްލީ އެ ސެންޓަރު ބަންދުކުރި ވަގުތާއި ދިމާކޮށް ކަމަށް ނޫސްތައް ބުނެއެވެ. މި މައްސަލައިގައި ހަމަ އެދުވަހު އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން އޭނާ ހައްޔަރުކޮށް ސުވާލު ކުރުމުން އޭނާ ވަނީ މުސަޅު މަރާލިކަމަށް އިއުތިރާފްވެ އޭނާ އެކަން ކުރިގޮތް ތަފްސީލުކޮށް ތަހުގީގަށް ކިޔައިދީފައެވެ. ނަމަވެސް އެކަން ކުރީ ކީއްވެކަމެއް އޭނާ ބުނެފައެއް ނުވެއެވެ.

އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި ޖަނަވާރުންނަށް ގޯނާ ކުރުމާއި ޖަނަވާރުން މެރުމަކީ ހަރުކަށި އަދަބު ކަނޑައަޅާފައިވާ ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލްޖިބްރާ

    އެކަމަކު އެމެރިކާމީހުންނަށް މުސްލިމުން މެރުމަކީ މާބޮޑުކަމެއް ނޫން ! ދޭނެ އަދަބެއްވެސް ނުވޭ !

    10
    1
  2. މުސްލިމް

    އެމެރިކާއެއް ނޫން މުސްލިމުން މުސްލިމުން މަރަނީ. ކޮންމެހެން އެމެރިކާ މަތިކުރަން އުޅޭނެ ކަމެއް ނެތް.

    3
    4