މުހައްމަދު ސައިފް ޒާހިރު އާންމުންގެ ތެރެއަށް ތައާރަފްވީ ރެޑްބުލް ސްޓްރީޓް ސްޓައިލްގައި ދައްކާލި މޮޅު ހުނަރުންނެވެ. ސައިފްއާ ވާދަކޮށްލުމަކީ އެހެން މީހުންނަށް އޭރުގައި އުނދަގޫ ކަމެކެވެ. ހަމައެކަނި ބޯޅައެއް ބޭނުންކޮށްގެން ދިވެހި އެތައް ބަޔަކު ހައިރާންކޮށްލިއެވެ. ފަހުން ބޮޑުބެރުގެ ތެރެއަށް ވަދެ ނެށުމުގެ ހުނަރު ވެސް ދައްކާލިއެވެ. މިހާރު އޭނާ ފެންނަނީ ޓީވީއެމްގައި ޕްރެޒެންޓަރެއްގެ ގޮތުގައެވެ.

އެހެންވެ، ސައިފަކީ "އޯލް އިން ވަން" އެއް ކަމަށް ބައެއް މީހުން ސިފަކޮށްފާނެއެވެ.

ޒަވާޖީ ހަޔާތެއް ފަށައިގެން ހުޅުމާލޭގައި ދިރިއުޅެމުން އަންނަ ސައިފަކީ ސްކޫލްގައި އުޅުނު އިރު، ކިޔެވުމަށް މޮޅު ދަރިވަރެކެވެ. އިސްކަންދަރު ސްކޫލާއި ދަރުމަވަންތަ ސްކޫލުން ތައުލީމް ހާސިލްކޮށް، އޯލެވެލް ފުރިހަމަ ކުރުމަށް ފަހު، އިތުރަށް ކިޔަވަން މަސައްކަތްކޮށްފައެއް ނުވެއެވެ. އޯލެވެލް ނިންމާފައި އޭނާ ނުކުތީ ކޮންސްޓްރަކްޝަން ކުންފުންޏެއްގެ ވަޒީފާ އަދާ ކުރާށެވެ. އެތަނުގައި އޭނާ ކުރީ ލޭބަ ރިލޭޓެޑް ހިއުމަން ރިސޯސް މަސައްކަތެވެ.

ސައިފް ވަޒީފާއަކާ ފުރަތަމަ ގުޅުނު އިރު، އޭނާގެ އުމުރުން އެންމެ 16 އަހަރެވެ.

ސައިފް "ވަގުތު"އަށް އިންޓަވިއު ދެނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

"އިމިގްރޭޝަނަށް ގޮސް، އެއާޕޯޓަށް ލޭބަރުން ބަލާ ގޮސް، އެ ހުރިހާ ކަމެއް ކުރިއިރު 16 އަހަރު ވާނީ އުމުރުން، ދެން އެތަނުގައި އެހާ ގިނަ ދުވަހު މަސައްކަތެއް ނުކުރަން، ގާތްގަނޑަކަށް ފަސް ވަރަކަށް މަހު މަސައްކަތްކޮށްފައި ދޫކޮށްލީ، ތަންކޮޅެއް ބުރައީ އަސްލު އޭރު އުމުރާއި އަޅާ ބަލާފައި، ވެހިކަލް އާއި އެއްޗެހި ނުދުއްވާތީ އާއި އެހާ ދުރަށް ހިނގާފައި ދާން ޖެހޭތީ އެ ވަޒީފާ ދޫކޮށްލީ،" ސައިފް ބުންޏެވެ.

ސައިފް ބުނި ގޮތުގައި އެ ވަޒީފާ އޭނާ ދޫކޮށްލީ ރޯދަ މަހާއި ދިމާކޮށެވެ. އަދި އީދުގެ ފަހުން އެހެން ކުންފުންޏަކަށް ވަޒީފާއަށް ނުކުތެވެ. އެއީ ދިރްހަމްއަށެވެ. އެތަނަކީ މިހާތަނަށް އޭނާ އެންމެ ގިނަ ދުވަސްވަންދެން މަސައްކަތް ކުރި ތަނެވެ.

ސައިފް ދިރްހަމް އޮފީހުގައި މަސައްކަތް ކުރީ ކާގޯ އޮފިސަރެއްގެ ގޮތުގައެވެ. އެތަނުގައި އޭނާ ހަ އަހަރު ވަންދެން މަސައްކަތް ކޮށްފައިވާ އިރު، މިހާރު އޭނާ މަސައްކަތް ކުރަމުން ދަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައެވެ. މިއީ އެތަނުގައި މަސައްކަތް ކުރާތާ ފަސް ވަނަ އަހަރެވެ.

ސައިފަށް އާންމުންގެ ސަމާލުކަން ލިިބުނީ ފްރީ ސްޓައިލް 2010 އަދި 2012 ގައި ކާމިޔާބު ކުރި ފަހުންނެވެ. ސައިފްއަކީ ރާއްޖެ އިން ބޭރުގައި އެ ހުނަރު އެންމެ ފުރަތަމަ ދައްކާލަ ދިވެހި ޒުވާނާއެވެ. އަދި 2011 ގައި ސައިފް ބޮޑުބެރުގެ ތެރެއަށް ވަދެ، އިތުރަށް މަގުބޫލުކަން ހޯދިއެވެ.

ރެޑްބުލް ސްޓްރީޓް ސްޓައިލް ޕާފޯމްންސްއިން މަޝްހޫރުވި ސައިފް

"އެ ދެ މުބާރާތުގެ ޗެމްޕިއަންކަން ލިބުނު ފަހުން އާއްމުންގެ ތެރޭގައި ސައިފް، ސައިފްގެ ގޮތުގައި މަޝްހޫރުވެގެން ދިޔައީ، ދެން އެ ދޭތެރެއިން 2011 ވަނަ އަހަރު ސައިފް ބޮޑު ބެރު ތެރެއަށް ވަދެގެން އައީ، އެ ހަބޭސް އުފެދިގެން،" ސައިފް ބުންޏެވެ.

ފްރީ ސްޓައިލް އަށް ޝައުގުވެރިކަން އުފެދުނު ގޮތް ހިއްސާ ކުރަމުން ސައިފް ބުނީ އެ ހުނަރު ދަސް ކުރުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ރޮނާލްޑީނިއޯގެ ޗަރުކޭސް ވީޑިއޯތައް ބަލައިގެން ކަމަށެވެ.

"ފުރަތަމަ އެ ވީޑިއޯ ބެލި އިރު، ހިތަށް އެރި ސައިފްމެންގެ އުމުރުން 25، 26 ވާއިރު މިކަމެއް ނުވާނެއޭ. ވަރަށް ޓްރެއިނިންއޭ މިއީ. އެކަމަކު އެންމެ ފުރަތަމަ މަސައްކަތް ކުރި ދުވަހު ވެސް ފުރަތަމަ ފެނުނު ސިމްޕަލް ޓްރިކް ހަދާލެވުނު. ދެން ހިތަށް އެރީ މިއީ ވެދާނެ ކަމެކޭ. އެއީ 2005 ހިސާބުގައި އެއްވެސް މީހަކު ނުވެސް ދެކެން އަނެއްހެން ބޯޅައިގެ މާމޮޅު ޗަރުކޭސްތަކެއް ހަދާ ތަނެއް. އޭގެ ފަހުން މަޑުމަޑުން ފެންނަން ފެށީ،" ސައިފް ބުންޏެވެ.

"އޭގެ ފަހުން ބޯޅައިން ފުދޭ ވަރަކަށް ގިނައިން ޕްރެކްޓިސްކޮށްފައި، ދުރުވެލާފައި 2010 ވަނަ އަހަރު ޓީވީން ފެންނަނީ ރެޑްބުލް ސްޓްރީޓް ސްޓައިލް ރާއްޖެއަށް އައިސްގެން މުބާރާތުގައި ބައިވެރިވާން އެސްއެމްއެސް ކުރަން،"

ސައިފް އެ މުބާރާތުގައި ބައިވެރިވާން އެސްއެމްއެސް ކުރިއިރު، އެ މުބާރާތުގައި ބައިވެރިވީ ރަހްމަތްތެރިއަކާ އެއްބަސް ކިޔައިގެންނެވެ. އެ މުބާރާތުގެ ޕްރެކްޓިސް ސެޝަންތައް ކުރިއަށް ދިޔަ އިރު، މުބާރާތުން ވަނައެއް ލިބިދާނެ ކަމަށް އޭނާ ހުރީ ވިސްނަގައިގެންނެވެ. ދެ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދައިގެން ރާއްޖެ ތަމްސީލް ކުރަން އިޓަލީއަށާއި ސައުތު އެފްރިކާ އަށް ދިއުމުގެ ފުރުސަތު ވެސް އޭނާ އަށް ލިބުނެވެ.

ސައިފް ބައެއް އިސް ބޭފުޅުންނާއެކު

ސައިފް ބޮޑު ބެރަށް ދެވުނު ގޮތް ކިޔައި ދެމުން އޭނާ ބުނީ، ސްކޫލް ނިމުނު ފަހުން ލިބުނު ރަހުމަތްތެރިންނާއެކު ބޮޑުބެރު ބަލާލަން ދިޔަ ފަހުން، އޭނާ އެއަށް ބޮޑު ޝައުގުވެރިކަމެއް އުފެދުނު ކަމަށެވެ. އެހާ ހިސާބުން ނަށަން ފެށީ ކަމަށް އޭނާ ބުންޏެވެ.

"2011 ވަނަ އަހަރު ގްރޫޕެއް ރަޖިސްޓްރީ ކުރަންވެގެން ހަބޭސް ކިއާފައި އާ ބޮޑުބެރު ގްރޫޕެއް ހިންގަން ފެށީ،" ސައިފް ކިޔައިދިނެވެ.

ސައިފް ވަނީ 2011 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ހަމައަށް ހަބޭސް ބޮޑު ބެރު ގްރޫޕްގައި މަސައްކަތްކޮށްފައެވެ.

"އޭރު ރާއްޖޭގެ ބޮޑުބެރު ގްރޫޕެއް ދާނެ އެންމެ ކުރިއަކަށް ހަބޭސް ދިޔަ، އޭރު މަސައްކަތް ކުރި ހުރިހާ ކުދިންނަކީވެސް ސައިފް ގަބޫލު ކުރާގޮތުގައި، ގްރޫޕެއް ގޮތަށް މިހާތަނަށް ރާއްޖޭގެ ފެނުނު އެންމެ މަސައްކަތް ވެސް ރަނގަޅު އެންމެ، އެންމެ އަވަހަށް ކުރިއެރި އެއް ގްރޫޕް،" ސައިފް ބުންޏެވެ.

ސައިފް ވަނީ ހަބޭސްއަކީ އޭނާގެ ބޮޑުބެރުގެ ކެރިއާގެ ފެށުން އަދި، އެ ކަމުގެ އެއްބައިގެ ގޮތުގައި ސިފަކޮށްފައެވެ.

ސައިފް ބޮޑުބެރުގެ ކަންތަކުގައިވެސް އަހަރުތަކެއް ވަންދެން އުޅުނު

"2016 ވަނަ އަހަރު ގްރޫޕް ތެރޭގައި ދިމާވި ކުޑަކުޑަ މައްސަލައަކާއި ހެދި ގްރޫޕުން ގިނަ އަދަދެއްގެ ކުދިން ކެނޑިގެން އައިސް 1438 ކިޔާ ގްރޫޕެއް އުފެއްދިއިރުވެސް ސައިފް އެކަމުގައި ވަރަށް އިސްވެ އުޅުނިން، އެ ދުވަހުން ފައްޓައިގެން 1438 ގެ މެނޭޖަރެއްގެ ގޮތުން މަސައްކަތް ކުރަމުން އައީ 2018 ގެ މެދު ތެރެއާއި ހަމައަށް، ދެން ސައިފް ދިރިއުމެއް ފައްޓައިގެން، އަންހެނުން ބަނޑުބޮޑުވި ހިސާބުން އާއިލާއަށް ވަގުތު ދިނުމުގެ ގޮތުން ބޮޑު ބެރުގެ މެނޭޖްމެންޓާއި ކުޑަކޮށް ދުރަށް ޖެހިލީ. އެ ކުދިންނާ ގުޅުން އޮވޭ މިހާރު ވެސް" ސައިފް ބުންޏެވެ.

ސައިފް ޕްރެޒެންޓް ކުރަން ފެށީ 2018 ވަނަ އަހަރުގެ މެދު ތެރޭގައެެވެ. ސައިފް ބުނީ، ޓީވީއެމްގެ ދެ ޕްރޮޑިއުސަރަކު ޕްރެޒެންޓް ކުރަން ހުށަހެޅި ރޯދަ މަސް އަންނަން ކައިރިވެފައި ހުއްޓާ ކަމަށެވެ. އޭގެ ކުރިން އޭނާއަކީ އެއްވެސް ވަރަކަށް ޕްރެޒެންޓިންއަށް ޝައުގުވެރިކަން ހުރި މީހެއް ނޫނަސް، ބޮޑުބެރު ކަންތަކުގައި އުޅުނުއިރު، ޝޯތައް ހުށަހަޅާ ދީފައިވާނެ ކަަމަށް ސައިފް ބުނެފައި ވެއެވެ.

ސައިފް ޝޯވއެއްގެ ތެރެއިން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފްއާއެކު

"މި ބުނި ދެ ޕްރޮޑިއުސަރުންނަށް ސައިފްގެ އެކަހަލަ ކަންތައްތައް ފާހަގަކުރެވިގެން ދިން އޮފައެއް އެއީ ޓީވީ ޕްރެޒެންޓަރަކަށް ވާން ޓްރައި ކުރަން ވީ ނޫން ހޭ، ދެން ސައިފް އޭރުގައި އިތުރު ލާރި ހޯދަން ބޭނުންވެފައި ހުރީމައާއެކު ހިތަށް އެރީ މައްސަލައެއް ނޫނޭ، އާ ކަމެއް ޓްރައި ކުރުމަކީ ލައިފްގެ ވަރަށް ބައިވަރު އާ ކަންތައްތަކެއް ކުރަމުން އައީ އަނެއްކާވެސް އާ ކަމެއް ޓްރައި ކޮށްލާނީ ހިތައް އަރާފައި އެ އަހަރުގެ ރޯދަ މަހުގެ މިވަގުތު ޕްރޮގްރާމަށް އައުޓް ޑޯ ސެގްމެންޓްތަކެއް ފުރަތަމަ ނެގީ، ރެކޯޑިންގހެދީ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން، ދެން ޕްރޮޑިއުސަރުން އެ މަސައްކަތާއި މެދު ވަރަށް ހިތްހަމަ ޖެހުނު، ދެން ހިތަށް އެރީ މިއީވެސް ކުރެވިދާނެ މަސައްކަތެކޭ ކުރާނީއޭ،" ސައިފް ޕްރެޒެންޓިން ދާއިރާ ފެށުނު ގޮތް ކިޔައިދެމުން ބުންޏެވެ.

ސައިފް އެންމެ ފުރަތަމަ ލައިވް ޝޯއަކަށް އަރާފައި ވަނީވެސް "މިވަގުތު" ޕްރޮގްރާމަށެވެ. އޭގެ ފަހުން ލިބުނު ބޮޑު އެއްބާރުލުމާއި، ތަރުހީބާއެކު ތަފާތު ނުވަ ޕްރޮގްރާމެެއްގެ ބައިވަރު އެޕިސޯޑްތައް ހުށަހަޅައިދީފައިވާނެ ކަމަށް ސައިފް ބުންޏެވެ.

ސައިފް ޝޯވއެއްގެ ތެރެއިން

ސައިފް ބުނެފައި ވަނީ، އޭނާ މިހާތަނަށް ހުށަހެޅި ޝޯތަކުގެ ތެރެއިން ހާއްސަ ލޯތްބެއް ދެވިފައި ވަނީ "މިވަގުތު" ޝޯއަށް ކަމަށެވެ.

އޭނާ ޕާރެޒެންޓިންގ ދާއިރާއަށް ވަން ފަހުން، ޕްރެޒެންޓަރުންގެ ބޮޑު އެހީތެރިކަމާއެކު ލައިވް ޝޯތަކަށް އެރުމުގެ ބިރު ފިލައިފިއެވެ. އަދި ދުވާލަކު ހަތަރު ލައިވް ޝޯއަށް އަރަން ޖެހުނަސް އޭނާ މިހާރު ހުރީ ހޭނިފައެވެ.

ސައިފް ހަމައެކަނި މޮޅީ ފުޓްބޯޅައިގެ ފްރީ ސްޓައިލް ދައްކާލަން އެކަންޏެެއް ނޫނެވެ. މިހާރު އޭނާ ޕްރެޒެންޓް ކުރުމަށް ވެސް އެހާމެ މޮޅެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވިސްނާލުމަށް އެދެމޭ

    ކޮބާ އަހަ މާ ބަހަ މާ...

    10
    3
  2. މުހަންމަދު

    ދުނިޔޭގެ އުމުރު ހެޔޮކަންކަމުގައި ހީވާގިކޮއް ތަގްވާވެރިކަމާއި އަދި މާތް ރަސްކަލާނގެ ރުއްސުވުން ލިބޭ ކަންކަމުގައި ވޭތިކޮއް ޚަލާސް ކޮއްލުމަކީ އެތައްއެތައް ހާސް ޓަނުގެ ރަނާއި ޖަވާހިރުންވެސް އަދަދު ނުކުރެވޭނެހައި އަގުހުރި އެއްޗެއް.. އެެއީ އެއެއްޗެއްގެ އަގު ނުކުރެވޭނެ މަތިވެރި ސުވަރުގޭގެ ޖަޒާ.. ޒުވާން އުމުރު އިސްލާމީ ހެޔޮ އަދަބާއި ތަގްވާވެރިކަމާއި އަޅުކަމުގައި ހޭދަކުރާ މީހާއަކީ އަލިފާނުގައި ނައަނދާ ހުންނަފަދަ މީހެއް.. އެއީ މާތް ރަސްކަލާނގެ އެބަޔަކައް އެއްވެސް ހިޔަލެއް ނުވާ ދުވަހު ހިތާވަހިކަން ދެއްވާ މީހުންގެ ތެރެއިން މީހުން. ލަވަޔާއި ނެށުމާއި އަދި މިނޫންވެސް ޣައިރު މުސްލިމުންގެ އަމަލުތަކާއި ދުރުވަމާ.

    45
  3. އަރުސަ

    މާޝާﷲ ސައިފް ތީ ހަމަ އެއްވަނައުގެ ޕުރެޒެންޓަރެއް ފަހުގެ ކުދިންތަކުގެ ތެރެއިން އެއްވަނަ އަކީ ހަމަސައިފް

    15
    7