ކޮވިޑް-19 އާއި ގުޅިގެން ގިނަ މީހުންގެ އާއްމު ދިރިއުޅުމުގެ ބަޔަކަށް މާސްކް އެޅުން ވެއްޖެއެވެ. ކޮވިޑް-19 އާއި ގުޅިގެން ފުރަބަންދު ކޮށްފައިވާ ގައުމުތަކުގައި ލުއިތައް ދެމުން އަންނައިރު މިހާރު އާއާއްމު ހާލަތަކަށް ތައްޔާރު ވުމަށް ތަފާތު އުފެއްދުންތައް ދަނީ އުފައްދަމުންނެވެ. އޭގެ ތެރޭގައި މާސްކްގެ ޑިޒައިނަށް އަންނަ ބަދަލުތައް ވަކިން ހާއްސައެވެ.

އާއާއްމު ހާލަތައް ދާއިރު ރެސްޓޯރެންޓްތައް ވެސް ހުޅުވާނެއެވެ. ނަމަވެސް މާސްކް އަޅައިގެން ރެސްޓޯރެންޓްތަކުގައި ކާން ތިބޭނެ ގޮތެއް އެއީ ފިކުރު ކުރަން ޖެހިފައި އޮތް މައްސަލައެކެވެ. މި މައްސަލައަށް އިސްރާއީލްގެ ކުންފުންޏަކުން މިވަނީ ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދާފައެވެ.

"އެވިޓްޕަސް" ނަމަކަށް ކިޔާ ކުންފުންޏަކުން އުފެއްދި މާސްކްގައި ވެސް "އަނގައެއް" އިނދެއެވެ. ސަމުސާ ނުވަތަ އޫ ކައިރި ކޮށްލުމުން އޮޓޮމެޓިކުން މާސްކްގައި އިންނަ އަނގަ ހުޅުވެއެވެ. މާސްކްގެ އަނގަ ހުޅުވަން ދެވަނަ ގޮތެއް ވެސް އޮވެއެވެ. އެއީ މާސްކްގައި ހަރުކޮށްފައި އޮންނަ ހޮޅިއެއް ފާޑުގެ އެއްޗަކަށް ފިތާލުމެވެ. މިހޮޅީގެ އެއްކޮޅު މާސްކާއި ގުޅާފައި އޮންނައިރު އަނެއް ކޮޅުގައި ސްވިޗެއް ހަރުކޮށްފައި އޮވެއެވެ. އެކޮޅު އޮންނަނީ މާސްކް އަޅައިގެން ހުންނަ މީހާގެ އަތުގައެވެ.

މި މާސްކް އުފެއްދި ކުންފުނީގެ ނައިބު ރައީސް އަސަފް ގިޓެލިސް ބުނީ މިއީ އާއްމު ހާލަތަކަށް ބަދަލުވާއިރު ބޭނުން ކުރަން މުހިއްމު އުފެއްދުމަކަށް ވެގެން ދާނެ ކަމަށެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވަން ގައި ދުރުކުރުން އިންތިހާއަށް މުހިއްމު ނަމަވެސް ބައެއް މީހުންނަކީ ކޮންމެހެން ރެސްޓޯރެންޓްތަކުން ކާން ޖެހިފައި ތިބި މީހުންނެވެ. އެހެންކަމުން އެފަދަ މީހުންނަށް މި މާސްކްގެ ސަބަބުން ކޮންމެވެސް ވަރެއްގެ ރައްކާތެރިކަމަކާއި ފަސޭހަ ކަމެއް ލިބޭނެ ކަމަށް އެވިޓްޕަސް އިން އުއްމީދު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު