އިންޑިއާގެ ބިހާރްއަށް ނިސްބަތްވާ، އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު އޭނާގެ ބައްޕަ، ބައިސްކަލެއްގެ ފަހަތަށް އަރުވައިގެން 1200 ކިލޯ މީޓަރަށް ދަތުރު ކޮށްފިއެވެ. ކޮވިޑް-19 އާ ހެެދި އިންޑިއާ ފުރަބަންދުކޮށްފައިވާ މި ދަނޑިވަޅުގައި، އޭނާ އެ ދަތުރު ފެށީ ގެއަށް ދިއުމުގެ ބޭނުމުގައެވެ.

ދިއްލީ ކައިރީ އޮންނަ ގުރްގައޮން އިން ފެށި މި ދަތުރުގެ މަންޒިލްކަމުގައިވާ ބިހާރަށް ދިޔުމަށް ހަތް ދުވަސް ހޭދަކުރަން ޖެހުނެވެ. މި ދަތުރުގައި، އެ ދެބަފައިން ބަނޑުހައިވެފައިވާ ހާލުގައި ދެ ދުވަސް ވޭތު ކުރިކަމަށްވެއެވެ.

ޖްޔޮތީ ނަމަކަށް ކިޔާ އެ އަންހެން ކުއްޖާގެ އެ ހުނަރުގެ ސަބަބުން، ބަނީ އިންޑިއަން ސައިކްލިންގ ފެޑެރޭޝަންގެ ފަރާތުން ވަނީ، އެފަދަ މުބާރާތެއްގައި ބައިވެރިވުމުގެ ޓެސްޓު ބުރަކަށް ފުރުސަތު ދީފައެވެ.

މިދިޔަ މާރިޗު މަހުގެ ތެރޭގައި، ޖްޔޮތީ ގްރްގައޮންގައި ހުރި އޭނާގެ ބައްޕަ މޯހަން ޕަސްވަން ކައިރިއަށް ދިޔައީ، ބައްޕަ އެކްސިޑެންޓެއްވެ މަސައްކަތްކުރަން ނުކުޅެދޭ ގޮތްވުމުންނެވެ.

އޭނާ ބައްޕަ ކައިރިއަށް ދިޔަ ފަހުން ކޮވިޑް-19 އާ ހެދި ފުރަބަންދުކުރުމުން، ޖްޔޮތީއަށް ޖެހުނީ އޭނާގެ ބައްޕަ ކައިރީ މަޑުކުރާށެވެ. ވަޒީފާއެއް، އަދި ފައިސާއެއް ނެތި ދިރިއުޅެމުން ދިޔައިރު، އެ ގޭގެ ވެރިންގެ އިންޒާރާއެކު އެ މީހުން އެތަނުގައި ދިރިއުޅެމުން ދިޔައީ ވަރަށް ހާލުގައެވެ.

"އަހަރެން ގޭގެ ވެރިން ކައިރީ ބުނިން ފުރަބަންދު އުވާލުމުން ކޮންމެ ވަޒީފާއަކަށް ގޮސްގެން ވިޔަސް ގެއަށް ފައިސާ ދައްކާނެ ކަމަށް. އަހަރެން ދެ މީހުންގެ ކެއުމުގެ ކަންކަން ހަމަޖައްސަން އަހަރެން ކަމުން އައި ބޭސްވެސް ހުއްޓާލަން ޖެހުނު" ޕަސްވަން ބުނެފައި ވެއެވެ.

ޕަސްވަންގެ އަނބިމީހާ އަދި ޖްޔޮތީގެ މަންމަ އޭރު ހުރީ ވިލެޖުގައެވެ. އޭނާގެ ހަތަރު ދަރިން ބެލުމަށްޓަކައެވެ. ޖްޔޮތީގެ މަންމަ ވަނީ ބައްޕައަށް ފައިސާ ހޯދުމުގެ ބޭނުމުގައި އެ މީހުންގެ އަތުގައި ހުރި ޖަވާހިރުތައް ވެސް ވިއްކާލާފައެވެ.

ޖްޔޮތީ ބުނީ، ބައްޕަ ގޮވައިގެން އެހާލުގައި އެތާ އުޅެން ބޭނުން ނުވެގެން، އެނބުރި ރަށަށް ދިއުމަށް އޭނާ ބޭނުންވީކަމަށެވެ. އަދި އޭނާ ދަތުރު ފެށީ މީހެއްގެ އަތުން ފައިސާ ހޯދައިގެން ބައިސްކަލެއް ގަނެގެން ކަމަށެވެ. އެނބުރި ރަށަށް ދެވޭނެ އިތުރު އެއްވެސް އެއްގޮތަށް ނެތުމުން ކަމަށެވެ. ރޭލުތަކާއި، ބަސްތައް ވަނީ މެދުކަނޑާލާފައެވެ. ބައްޕައަށް ނުއެއް ހިނގެއެވެ.

ޕަސްވަން ބުނީ، ބައިސްކަލުގައި އެގޮތަށް ދަތުރު ކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެކަމަށް ދަރިފުޅު ގާތުގައި ބުނި ނަމަވެސް، ދަރިފުޅު އެ ދަތުރު ކުރަން ބޭނުންވީ ކަމަށެވެ.

"އަހަރުމެން ބައިސްކަލުގައި ކޮންމެ ދުވަހަކު 30 ކިލޯމީޓަރާއި 40 ކިލޯ މީޓަރަށް ދަތުރު ކުރަނީ، ބައެއް ފަހަރު ދިމާވާ ޓްރަކް ޑްރައިވަރުން އަހަރުމެން ވަކި ހިސާބަކަށް ގެންގޮސްދޭ. އެއީ ވަރަށް ވަރުބަލި ދަތުރެއް. އަހަރުމެން ކާ ތަންތަނަށް މަޑުކުރަން. އަހަރުމެން ކަހަލަ މީހުންނަށް ކާ ތަކެތި ދިނުމަށް މަޑުކޮށްގެންވެސް ތިބޭ މީހުން".

ޖްޔޮތީގެ މި ދަތުރުގެ ވާހަކަ އެތައް ބައެއްގެ ސަމާލުކަން ލިބި އޭނާ މިހާރު ވަނީ ހީރޯއަކަށް ވެފައެވެ. ދަރްބަންގާގެ ސީނިއާ އޮފިޝަލުން ބުނީ ޖްޔޮތީގެ ކަރަންޓީން ނިމުމުން ޖަޔޮތީއަށް އެ މީހުން އެހީތެރިވާން ފަށާނެ ކަމަށެވެ. އަދި ސްކޫލް ކަންތަކުގައި އޭނާއަށް އެހީވާނެ ކަމަށް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙޭވައްލާ

    ބައްޕައަށްޓަކައި ދަރިއަކުވި އަގުހުރި ނަމޫނާ ގުރުބާނީއެއް ކަމުގައި ދެކެން. ޢަހަރުމެން ރާއްޖޭގެ ދަރިންވެސް މިފަދަކަންކަމުގައި ރަނގަޅަށް އަމަލުތައް ބަހައްޓަވާ!