ނިހާދު މާފަށް އެދުނުކަމަށް ބުނެ، ފިރާޝާ ހެދީ ބޮޑު ދޮގެއް ހެއްޔެވެ؟ ފުރަތަމަ ފަހަރަށް ރީޝާގެ ހިތުގައި ޝައްކު އުފެދުނެވެ. ނިހާދު ފަދަ ކިބުރުވެރި ބޮޑާ މީހަކު މާފަށް ނޭދޭނެ ހެން ރީޝާއަށް ވެސް ހީވެއެވެ. ވީއިރު އެ މައްސަލަ ފިރާޝާ ނެގީ ކީއްވެގެން ހެއްޔެވެ؟ އެ ނިންމުން ނިންމަން ފިރާޝާއަށް އޮތީ ކޮން މަޖުބޫރެއް ހެއްޔެވެ؟

ފިރާޝާއާ މެދު ރީޝާގެ ހިތުގައި ޝައްކުތަކެއް އުފެދިއްޖެކަން ނިހާދަށް ޔަޤީންވުމުން އޭނާއަށް ހިތްހަމަޖެހުން ލިބުނެވެ. އެ ފުރުޞަތުގެ ބޭނުން ހިފަން އޭނާ ބޭނުންވިއެވެ.

"ޤަބޫލެއް ނުކުރެވޭ ދޯ؟" ނިހާދު ވާހަކަ ދައްކަންފެށި އަޑަށް ރީޝާއަށް ސިހުން ލިބުނެވެ. "ދެ މައިން ވެސް ހަމަހަމަ. އެކަކު އަނެކަކަށް ކަންކަން ސިއްރުކުރުމުގައި. ކަލޭ ވަގު ކާވެނި އަމަޔަށް ސިއްރުކުރާ ގޮތަށް، ކަލޭގެ އަމާ ވެސް ކޮންމެ ވެސް ކަމެއް އެބަ ސިއްރުކުރޭ. އެހެނެއް ހިޔެއްނުވޭތަ؟"

"ތީ މުޅިންވެސް ކަލޭ ހަދަހަދައިގެން ދައްކާ ވާހަކަ." ރީޝާ ކަޅި އަޅައިލިއެވެ. "ކަލޭ މަންމައަށް މަޖުބޫރުކޮށްގެން މަންމަ މައްސަލަ ނެގީ. ރަނގަޅަށް ވިއްޔާ އޮންނާނީ މާފަށް ވެސް އެދިފައި."

"އާނ. މަޖުބޫރުކުރީމޭ." ނިހާދު ފަހުރުވެރިކަމާއެކު އެއްބަސްވިއެވެ. "ފިރާޝާއަށް މަޖުބޫރުކޮށްގެން މައްސަލަ ނެގުވީ. އެކަމަކު މަ ސަލާމެއް ނުޖަހަން. ނުވެސް ޖަހާނަން. އެކަމަކު މަ މާފަށް އެދުނީމަ މައްސަލަ ނެގީއޭ ކިޔައިގެން ދޮގު ހެދީ ކީއްވެގެންބާއޭ ކަލޭ ހިތަކަށް ނާރާތަ؟ ހަމަ ތެދުތެދަށް ވެސް ބުނެވޭނެ ވާހަކައެއް އެއީ. މަ މަޖުބޫރުކޮށްގެން މައްސަލަ ނެގީއޭ ވެސް ބުނެވިދާނުން. އެކަމަކު އެހެން ބުނީމަ ކަލޭގެ އިތުރު ސުވާލެއް އަތުވެދާނެތީ ކަންނޭގެ ދޮގު ހަދަން އެ ޖެހުނީ."

"ހުއްޓާލާ." ރީޝާ އަޑަށް ބާރުލަމުން ބުންޏެވެ. "ކަލޭ ކޮންމެހެން މަށާ މަންމައާ ދެމެދު ފިތުނަ އުފައްދަން އުޅޭނެކަމެއް ނެތް. ތި ކަމެއް ނުވާނެ. ދެން އެންމެ ލަފުޒެއްވެސް އިތުރަށް ބުނެގެން ނުވާނެ."

"އޯކޭ. ހުއްޓާލީ." ނިހާދު ދެއަތް މައްޗަށް ނަގައި، އަމާން ދެމުން، ތުންފަތުގެ "ޒިބު" ކަހައިލިއެވެ. ދެން އެންމެ ލަފުޒެއް ވެސް ނުބުނެވޭނެ ގޮތަށް ތުންފަތް ފިއްތައިގެން ހުރިއިރު ވެސް، އެ ތުންފަތް މަތިން ފާޅުވަނީ ކެހިވެރިކަމެވެ. މަކަރުވެރިކަމެވެ. ނިހާދު ފަހަތަށް ފިޔަވަޅު ނަގަމުންނަގަމުން ގޮސް އޭނާގެ ކޮޓަރިއަށް ވަންއިރު، ރީޝާ ހުރީ ރުޅިގަދަވެގެން ގޮސް ލޭ ހޫނުވެފައެވެ. އެ ހިތުގައި ފިރާޝާއާމެދު ޝައްކުތައް އުފެދި، ރަނގަޅަށް ވެސް ސިކުނޑި ހާސްކޮށްލައިފިއެވެ.

****

ރީޝާގެ އުމުރުން 11 އަހަރުގައި، އޭނާގެ ބޮލުގައި އަނތްބެއްގެ ޒިންމާ އެޅިއްޖެއެވެ. ޝިހާމް ވެސް އޭނާއަށް އަނތްބެއްގެ ނަޒަރުން ބަލަން ފެށިއެވެ. ރީޝާގެ ނުރުހުމުގައި ބުރުގާ އެޅުވިއެވެ. ޝިހާމްގެ ހުއްދަނެތި ގެއިން ބޭރަށް ނުކުމެ އުޅުން މަނާކުރިއެވެ. އެހެނަސް މީހުންނަށް ޝައްކުވެދާނެތީ، ސުކޫލަށް ގޮސް ކިޔެވުމުގެ ހުއްދަ އޮތީ ދީފައެވެ. އެއީވެސް ހިލޭ ފިރިހެނުންނާއި ވާހަކަ ދައްކައި ހީސަމާސާ ނުކުރުމަށް ޝަރުޠުކޮށްފައެވެ.

ކާވެނީގެ ފުރަތަމަ ރެޔޭ ބުނާ ވަގުތުކޮޅު ރީޝާއަށް ކުރިމަތިލާން ޖެހުނީ، ކާވެންޏަށް ހަފްތާއެއްހާ ދުވަސް ފުރުނު ފަހުންނެވެ. އެ ބިރުވެރި ފުރޭތަ ރީޝާގެ ކޮޓަރިއަށް ވަނީ ނުނިދިގެން ދެފަރާތަށް ފުރޮޅިފުރޮޅި އޮއްވައެވެ. އެއީ ރީޝާގެ ހަޔާތުގައި ވެސް ކުރިމަތިވެފައި ނުވާ ފަދަ ބިރުވެރި ރެޔެކެވެ. ދުވަހަކު ވެސް އެ ރޭ ތަހައްމަލުކުރަން ޖެހުނުފަދަ ވޭނަކާއި ރިހުމެއް، އިހްސާސްކުރަން ޖެހިފައެއް ނުވެއެވެ. އެ ފުރޭތަ ދަހިވެތިކަމާއެކު، ރީޝާ ރޮލާ ހަފަމުން ދިޔައިރު، އޭނާގެ ލޮލުން އޮހޮރުނު ކަރުނައާއި، ލެވި ހަޅޭކުގެ އަޑުތައް އޮބިގެން ދިޔައީ ބާލީހަށެވެ. އެއްވެސް ރަހުމެއް ހަމްދަރުދީއެއް ނެތި، އެ އުންޑަތަކުގެ ޝިކާރައަކަށް ކުށެށް ނެތް މަޢުސޫމު ކުޑަކުއްޖަކު ވެގެންދިޔައީއެވެ. ޒަހަމުވެ ލެއިން ކަޅިވީއެވެ. އޭރު އެ ހަށިގަނޑުގައި ނުރިއްސާ އެންމެ ތަންކޮޅެއް ވެސް ނުވެއެވެ. ހިރިލާނެ ވަރު ވެސް ނެތެވެ. އެއީ ދުވަހެއްގެ ކޮޅުންވެސް ރީޝާ ހަނދާނުން ފޮހެވިގެން ނުދާނެ ފަދަ ރެޔެކެވެ.

އެރޭގެ ފަހުން ރީޝާ ބަދަލުވީ ދިރިހުރި މައްޔިތަކަށެވެ. ހިއްސުކެނޑިފައިވާ އިންސާނަކަށެވެ. ޝިހާމްގެ ސަބަބުން އޭނާ ހުރިހާ އިހްސާސްތަކެއް މަރުވެ، ކަފުންވެ ވަޅުލެވިގެން ވެސް ދިޔައީއެވެ. ދުވަސްތައް ފާއިތުވަމުން ދިޔައީ ލަސްލަހުންނެވެ. އެޔާއެކު މަޑުމަޑުން އައީ އެހެން އިޙްސާސްތަކެއް އެ ޖިސްމުގެ މައްޗަށް ކުރި ހޯދަމުންނެވެ. އޭނާގެ ހިތުގައިވާ ބިރު، ރުޅިއަށް ބަދަލުވަމުންނެވެ. ނަފުރަތުގެ އަލިފާނުން އެ ހިތް ރޯވަމުން ގޮސް ހުޅުފަޅައިގެން ދިޔައީ ޝިހާމަށް ވެސް އެނގުމެއް ނެތިއެވެ. ޝިހާމު ދުށް ގޮތުގައި ރީޝާއަކީ ކުޑަވަރެއްގެ ބުޅަލެކެވެ. އެ ބުޅާ ކުއްލިއަކަށް މިނިކާވަގަކަށް ބަދަލުވެދާނެ ކަމަކަށް ޝިހާމް ވެސް އުންމީދެއް ނުކުރެއެވެ.

****

ޝައްކުތަކާއި ވަހުމުން ނަވީލްގެ ނަފުސު ވަނީ ހިޞާރުކޮށްފައެވެ. ރީޝާއާ މެދު އޭނާގެ ހިތްނިޔަތް ގޯސްވެއްޖެއެވެ. ނަވީލާއި އެހާ ލޯބިން ރީޝާ ވާހަކަ ދެއްކީ ރީޝާގެ އަމިއްލަ އެދުމެއް ފުރިހަމަކުރުމުގެ ގޮތުންކަން ނަވީލަށް ވިސްނިއްޖެއެވެ. ރީޝާގެ ބޭނުމަކީ ނިހާދާއި ރީޝާއާ ދެމީހުންގެ ދެމެދުގައި ޖެހިފައި އޮތް މައްސަލައެއް ހޫނުކުރުމެވެ. އެ ބޭނުން ޙާސިލުކުރުމަށް ޓަކައި ނަވީލްގެ ޖަޒުބާތުތަކާއި ރީޝާ ކުޅުނީއެވެ. އެއީ ނަވީލަށް ވިސްނުނު ގޮތެވެ. އެގޮތަށް ވިސްނުން ގެންދަން މަޖުބޫރުކުރުވީ ރީޝާ ޢަމަލުކުރި ގޮތެވެ. އަދި އެހެންމެ ނަވީލް އެ ގެއިން ނުކުންނަނިކޮށް ރީޝާގެ ދުލުން ބޭރުކުރި ބަސްތަކެވެ.

ހާދަހާ ރުޅިއެއް ތި އައީ. ކުރީގެ ލޯބިވެރިޔާގެ ދަރިފުޅު ފެނުނީމަ. އެ ލޯބި މަތިން ހަނދާންވީތަ؟" ނިހާދާއި ދިމާއަށް ރީޝާ ބުނި، އެ ބަސްތައް އޭނާގެ ކަންފަތް ބުޑުގައި ގުގުމަމުންދާ ކަހަލައެވެ. ކަންފަތުގެ ހިނދުރީގައި ހަރުލައިފައިވާ ކަހަލައެވެ. އެ ވާހަކައިން ނަވީލް އެ ގެއަށް ވެއްދި މަޤުޞަދު ވެސް އޮޅުންފިލިއެވެ. އެއީ އެއްވެސް ޝައްކެއްނެތް ގޮތުގައި ނިހާދަށް ޖެއްސުންކުރުމުގެ ގޮތުން ރީޝާ ކުރިކަމެކެވެ. ރީޝާގެ ފުށުން އެކަހަލަ ސިފައެއް ފެނިދާނެކަމަކަށް ނަވީލް ހިޔެއްނުކުރެއެވެ. އެގޮތަށް ރީޝާ ކަންތައްކުރީ ކީއްވެގެން ހެއްޔެވެ؟ އެގޮތަށް އޭނާގެ ޖަޒުބާތުތަކާއި ކުޅުމުގެ ޙައްޤު ރީޝާއަށް ދިނީ ކާކު ހެއްޔެވެ؟ އެ ސުވާލުތަކުގެ ޖަވާބު ނަވީލް ބޭނުމެވެ.

"ރީޝް ތި ގޮތަށް ކަންކުރި ސަބަބެއް މަށަށް އަހައިލެވިދާނެތަ؟" ނަވީލް ފޯނު ނަގައި މެސެޖުކޮށްލިއެވެ.

"ބޭރަށް ނުކުމެލަ ދީފާނަން." ރީޝާގެ ޖަވާބު އައީ އެގޮތަށެވެ.

ދެފިކުރެއްގައި ހުރެ، ނަވީލް ގެއިން ނުކުތެވެ. ބޭރު ދޮރާއި ދިމާއަށް ހިނގައިގަތް ވަގުތު މީހަކު ތުނބުން ފުމެލިހެން ހީވިއެވެ. އޭނާ ފަރާތްފަރާތަށް ނަޒަރު ހިންގައިލިއެވެ. އެއްވެސް މީހަކު އޭނާގެ ލޮލުގައި އަޅައި ނުގަތުމުން، އަނެއްކާ ވެސް ކުރިޔަށް ހިނގައިގަތެވެ. ކުއްލިއަކަށް އިވުނީ އޭނާގެ ނަމުން ގޮވައިލި އަޑެވެ. އެއީ ރީޝާގެ އަޑެވެ. ގޭ ކުރިމަތީގައި ހައްދާފައިވާ ބޮޑު ޖަނބުރޯލު ގަހުގައި އެލުވާފައި ހުރި އުނދޯލީގައި މީހަކު އޮތް ހެން ނަވީލަށް ހީވިއެވެ. ދެ ނަމާދުދޭތެރޭ ވަގުތުކަމުން އެ ގަސްދޮށުގައި ރަސްކަން ކުރަމުން ދިޔައީ އަނދިރިކަމެވެ. ނަވީލް މަޑުމަޑުން ފިޔަވަޅު ނަގަމުން ކައިރިއަށް ދިޔައެވެ. އަނދިރިކަމަށް ދެލޯ ހޭނިލުމާއެކު އެއީ ރީޝާކަށް ނަވީލަށް ޔަޤީންވިއެވެ.

"ރީޝް. މި ތަނުގައި ކީއްކުރަނީ." ނަވީލްގެ ހިތުގައި އުފެދުނު ސުވާލުކުރީ އަޖައިބުވެފައި ހުރެއެވެ.

"އައި އެމް ސޮރީ." ރީޝާ އުނދޯލިން ތެދުވަމުން މާފަށް އެދުނެވެ. ނަވީލްގެ ޖަވާބެއް ނުލިބުމުން، ކައިރިއަށް ޖެހިލައި އެ އަތުގައި ހިފައިލިއެވެ. ދެން ވެސް ނަވީލް ހުރިގޮތަށް ހުރީއެވެ. ރީޝާ ކުރިޔަށްވުރެ ބޮޑަށް ކައިރިވެލިއެވެ. ހޫނު ނޭވާ ވެސް ނަވީލްގެ ކަރު ދަށަށް އެޅޭހާ ގާތަށެވެ. އެޔާއެކު ނަވީލްގެ ދެފައިކޮޅުން ހީލި އަރައިގެން ދިޔައެވެ. މުޅި ހަށިގަނޑު އައްސިވެގެން ދިޔަހެން ހީވިއެވެ. ކުއްލިއަކަށް އެ އަތުން ދޫކޮށްލުމަށްފަހު ނަވީލް ފަހަތަށް ޖެހިލިއެވެ.

"އެކަމަކު ކީއްވެގެން؟" ފަރުވާތެރިކަމާއެކު ރީޝާއަށް ބަލަމުން ނަވީލް އެހިއެވެ. "ރީޝް އެހާ ރީތިކޮށް ވާހަކަ ދައްކަން ފެށީމަ ހާދަ ބޮޑަކަށް ހިތްހަމަޖެހުން ލިބުނޭ. ވަރަށް އުފާވެސް ވި. އެކަމަކު ރީޝް މަ ޔޫސްކޮށްލީކަން އެނގުނީމަ ވަރަށް ދެރަވެއްޖެ. ރީޝް މަށާމެދު ކޮންމެ ގޮތަކަށް ދެކުނަސް، ތީ މަ ވަރަށް ލޯބިވާ ކުއްޖެއް. މަށަށް ވަރަށް ޚާއްޞަ ކުއްޖެއް. ތި ކަންތައް ކުރި ގޮތުން ވަރަށް ދެރަވެއްޖެ. ކީއްވެގެން އެހެން ހެދީ؟"

ނަވީލްގެ ސިކުނޑީގައިވި އުދާސްތައް ބޭރުކޮށްލުމުން އެ ނަފްސަށް ހިސާބަކަށް ހަމަޖެހުން ލިބުނެވެ.

"ނަވީލްއަށް ދެރައެއްދޭކަށް އަހަރެން ވެސް ބޭނުމެއްނޫން." ރީޝާ ދެރަވެލައިފައި ބުންޏެވެ. "އެއީ އެކަހަލަ ނިޔަތެއްގައި ކުރިކަމެއްނޫން. ބޮޑުމަގު ކޮޅުގައި އިންދައި ބައްޕައަށް ފެނުނުފަހުން، މަންމަ މެދުވެރިކޮށް ނަވީލްއާ ވާހަކަ ދެއްކުން މަނާކުރީ. މަނާކުރި ސަބަބު ނުބުންޏަސް ނަވީލްއަށް އެނގޭނެ. އެހެންވެގެން އަހަރެން ބޭނުންވީ ބައްޕައަށް އަހަރެންގެ މައްޗަށް އަމުރު ނުހިންގޭނެކަން ވިސްނައިދޭން. ތެދުތެދަށް ބުނަންޏާ ނަވީލްއާ ވާހަކަ ދެއްކުމުގެ ޝައުޤުވެރިކަން ކުރިންސުރެ ހިތުގައި އޮތް. ފިރިހެނުންގެ މައްޗަށް ހިތުގައި އޮތް ނަފުރަތުގެ ސަބަބުން އެކަން ޤަބޫލުކުރަން ބޭނުން ނުވީ. ހުރިހާ ފިރިހެނުން ވެސް އެއްގޮތްވާނެކަމަށް ބެލެވުނީ. އެކަމަކު ތީ ތަފާތު މީހެއް."

"ތި ހަދަނީ ތެދުކަމެއް ކިހިނެއް އެނގެނީ. މީގެ ކުރިން ރީޝްއަކީ ތިހާ އޯޕަންކޮށް ވާހަކަ ދައްކާ ވެސް މީހެއްނޫން. އަނެއްކާ ވެސް ތި އުޅެނީ ބައްޕަ އެހެން ބުނީތީ، އަމުރު ނުހިނގާނެކަން ވިސްނައިދޭން ނޫން ކަމެއް ކިހިނެއް މަށަށް އެނގޭނީ. އަނެއްކޮޅުން އަހަރެން ވެސް މީ ފިރިހެނެއް." ރީޝާގެ ބަދަލުވެފައިވާ މިޒާޖު ނަވީލަށް އަދިވެސް ޤަބޫލުކުރަން އުނދަގުލެވެ. ނަވީލް ދެކޭ ނަޒަރުން، ރީޝާ އޭނާއަށް ބަލައިފާނެކަމާމެދު ވެސް ޝައްކެވެ.

"ނަވީލްއަށް ކަމެއް އޮޅުވައިލަން ބޭނުންވާނަމަ އަހަރެން މިރޭ މިތަނުގައި ނުހުންނާނެ. ނަވީލް ވިސްނާނެ ގޮތަކަށް ވިސްނާ." ވީހާ ވެސް ކުރު ޖަވާބެއް ދީފައި ރީޝާ ހިނގައިގަތެވެ. ނަވީލްގެ ގައިގައި ޖެހޭނުޖެހޭ ހިސާބުން ގޮސް އެ ގޯތި ތެރެއިން ނުކުތެވެ. ނަވީލް ހުރި ފިޔަވަޅު މައްޗަށް ގާވެފައި ވިސްނަން ހުރީއެވެ. އިރުކޮޅަކުން ތެޅިގެންފައި، ދުވެފައި ގޮސް ގޯތިން ނުކުތްއިރު ރީޝާ ފެންނާކަށް ނެތެވެ. އެހާ އަވަހަށް ރީޝާ އެ ދިޔައީ ކޮންތާކަށް ހެއްޔެވެ؟ މަގުގެ ދެކޮޅަށް އަވަސް ނަޒަރެއްދީފައި، ދެން އޭނާ މިސްރާބު ޖެހީ ރީޝާމެން ގެއާ ދިމާއަށެވެ. ނަވީލަށް ނުފެނުނު ނަމަވެސް ފާރުކައިރީގައި ހުރި ރީޝާ ހުރީ ނަވީލްގެ ޚަރަކާތްތަކަށް ބަލާށެވެ. ނަވީލް ގޮސް ޒިލޭބީގަސްދޮށުގެއަށް ވަނުމާއެކު ކުއްލިއަކަށް "ރީޝާ" ގެއްލުނެވެ.

ނަވީލް ދޮރުގައި ދެފަހަރަކު ޖަހައިލުމާއެކު ރީޝާ ދޮރު ހުޅުވައިލިއެވެ. ރީޝާ ފޯނަށް ބަލަހައްޓައިގެން ހުރެފައި، އިސްއުފުލައިލި ވަގުތު ނަވީލް ފެނުމުން އެ ރީތި ދެލޯ ބޮޑުވެގެން ދިޔަތަން ނަވީލަށް ފެނުނެވެ. ރީޝާއަށް ވީ އުންމީދު ނުކޮށް ހުއްޓައި ނަވީލް ފެނުމުންވާނެ ފަދަ ގޮތެކެވެ. އިސާހިތަކު އެ ހައިރާންކަން އެއްފަރާތްކޮށްލުމަށްފަހު އަވަސްއަވަހަށް ބޭރަށް ބޯދިއްކޮށްލައިފައި ނަވީލްގެ ކޮނޑުގައި އަތްޖައްސައިލިއެވެ. އެތެރެއަށް ވަނުމުގެ ދަޢުވަތު ލިބުނީކަން ނަވީލަށް ވިސްނުމުން އެތެރެއަށް ވަނެވެ. ރީޝާ ދޮރު ލައްޕައިލަމުން ފުން ނޭވާއެއް ދޫކޮށްލި އަޑު ނަވީލަށް އިވުނެވެ.

"ނަވީއަށް މެސެޖުކުރަން އުޅެނިކޮށް."

"އަހަރެން ރީޝްއަށް މާފުކޮށްފިން." ރީޝާގެ ވާހަކަ މެދުކަނޑައިލަމުން ނަވީލް ބުންޏެވެ. "ރީޝް ކޮންމެ މަޤުޞަދެއް ހާޞިލުކުރަން މަށާ ވާހަކަ ދެއްކި ނަމަވެސް މަށަށް ރީޝްދެކެ ފޫއްސެއް ނުވެވޭނެ. ރުޅިއެއް ނާދެވޭނެ. ރީޝް ބައްޕައަށް ތި ވިސްނައިދޭން އުޅޭ އެއްޗެއް ވިސްނަދިނުމުގައި އެއްބާރުލުން ދޭން މިހުރީ ތައްޔާރަށް."

ރީޝާގެ މޫނުން އަނެއްކާ ވެސް ހައިރާންކަން ފާޅުވިއެވެ. އޭނާ ނަވީލަށް ބަލައިލީ ޤަބޫލުކުރަން ދަތިވެ، ސުވާލު އުފެދިފައި ހުރި ފަދައަކުންނެވެ.

"ޤަބޫލެއް ނުކުރެވޭތަ؟" ނަވީލް އެހިއެވެ.

ޙަޤީޤަތުގައި ވެސް ރީޝާ ހުރީ ޤަބޫލުކުރަން ދަތިވެފައެވެ. އޭނާގެ އިޙްސާސްތައް އެހާ ފަސޭހައިން ނަވީލް ދެނެގަންނަނީ ކިހިނަކުން ހެއްޔެވެ؟ އެއީ ހަމަ ހަޤީޤީ ލޯބީގެ ބާރު ހެއްޔެވެ؟ ލޯތްބަކީ ކަނު އެއްޗެކޭ މީހުން ބުނެ އުޅެއެވެ. މިއަދު އެކަން ރީޝާއަށް ޔަޤީން ވެސް ވީއެވެ. ނިހާދަށް ތުރާދިނުމަށް ބޭނުންކުރި ހަތިޔާރަކަށް ނަވީލް ހެދުމުން ވެސް އެކަމަށް ވެސް އޭނާ މާފުކުރީއެވެ. ރީޝާ ފަރާތުން ސަބަބު ވެސް އޮޅުންފިލުވުމަކާއި ނުލައެވެ.

"ތީ ވަރަށް ތަފާތު މީހެއް." ގިނަ ވާހަކަތަކެއް ހިތަށް އަރައިފައިބަމުން ދިޔަ ނަމަވެސް ރީޝާގެ ދުލުން ބޭރުކުރި ލަފްޒުތަކަކީ އެއީއެވެ. އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް ބޭރުން ފިރާޝާގެ އަޑުއިވުނެވެ. އެފަދަ ވަގުތެއްގައި ދެމީހުން އެކަހެރިވެގެން ކޮޓަރީގައި ތިއްބައި، ފިރާޝާއަށް ފެންނާކަށް ދެމީހުން ވެސް ބޭނުމެއް ނޫނެވެ. އެހެންކަމުން ދެމީހުންނަށް ތެޅިގަނެވުނީ އެކުއެކީގައެވެ. ރީޝާ ހާސްވިވަރުން ނުހަނު ބާރަށް ގޮސް ނަވީލްގެ އަތުގައި ހިފައިލެވުނެވެ. ވަށައިގެން ހޯދައިލެވުނެވެ. އަލަމާރި ލޮލުގައި އަޅައިގަތްއިރު، ނަވީލްގެ އަތުގައި ހިފައި ދަމައިގަނެވިއްޖެއެވެ. އަލަމާރީގެ ދޮރު ހުޅުވައިލުމާއެކު ނަވީލް އަލަމާރި ތެރެއަށް ދެމިގަތެވެ. ރީޝާއަށް ދޮރު ލައްޕައިލެވުނީ ކިރިޔާއެވެ. ފަހަތުން ދޮރު ހުޅުވައިލި އަޑު ރީޝާއަށް އިވުނެވެ. ނުހަނު ބާރަށް ތެޅެމުންދިޔަ ހިތް ހަމައަކަށް އަޅުވަމުން އެނބުރުނުއިރު ފިރާޝާ ހުރީ ކޮޓަރި ތެރޭގައެވެ.

"މި ކޮޓަރިއަށް އެއްވެސް މީހަކު ވަންތަ؟" ޝައްކުގެ ނަޒަރުން ރީޝާއަށް ބަލަމުން ފިރާޝާ ސުވާލުކުރިއެވެ. ރީޝާ ޖަވާބު ދިނީ ބޯ ހޫރުވައިލަމުންނެވެ.

"ކޮއްކޮ ދެންމެ ބުނީ ދަރިފުޅު ކޮޓަރިއަށް މީހަކު ވަދެއްޖޭ." ފިރާޝާ ހިތުގައި އޮތް ޝައްކު އެއްފަރާތްކޮށްލަމުން ހިނިތުންވެލިއެވެ.

"ތި ހީވި ގޮތެއް ކަންނޭނގެ." ރީޝާވެސް ހިނިތުންވުމެއް ދިނެވެ.

ފިރާޝާ ކޮޓަރިން ނުކުންނަން އުޅެނިކޮށް، ދޮރު ކައިރީގައި ހުރި ނަވީލްގެ ފައިވާން ލޮލުގައި އަޅައިގަތެވެ. އޭނާ އެނބުރި ރީޝާގެ މޫނަށް ފުންނަޒަރެއް ދިނީ ސުވާލު އުފެދިފައި ހުރެއެވެ. ރީޝާ ހުރީ ނުތަނަވަސްވެފައިކަން ފިރާޝާއަށް ފާހަގަކުރެވުނެވެ. ކާކުގެ ފައިވާނެއްތޯ ސުވާލުކުރަން ހިތަށް އެރި ނަމަވެސް ފިރާޝާ އިސްކުރީ ބުއްދިއެވެ. ފިރާޝާ ދޮރު ލައްޕައިލައިފައި ގޮސް ދުރުގައި މަންޒަރު ބަލަން ހުރީއެވެ. އިރުކޮޅަކުން އެ ކޮޓަރިން ނަވީލް ނުކުމެގެން ދިޔަތަން ފެނުމާއެކު ފިރާޝާ ނުހަނު ބާރަށް ގޮސް ދޮރު ހުޅުވައިލިއެވެ.

"މަންމާ. ސިއްސައިގެންނޭ އެ ދިޔައީ." ރީޝާއަށް ބުނެވުނެވެ.

"ސިހޭނެ. ވަގަށް ކަންކަން ކުރަންޏާ." ފިރާޝާ ހިތްހަމަނުޖެހިފައި ބުންޏެވެ. "ރީޝާ ގާތު އެ ނަވީލާ ވާހަކަ ނުދައްކާށޭ ބުނީމަ އެއް ދަރަޖަ މައްޗަށް ޖައްސައިލީ. އެހެން މީހުންނަށް ސިއްރުން ކޮޓަރިއަށް ވެސް ވައްދަން ފެށީ. ތީ ކާކު ދަސްކޮށްދިން އުޅުމެއް؟ ތީ މައިންބަފައިން މިވެނި ކަމެއް ނުކުރާށޭ ބުނީމަ ބުނާ ބަސް އަޑު ނީވޭވަރުގެ ތުއްތުތުއްތު ބަބައެއްތަ؟"

ފިރާޝާ ފުރަތަމަ ފަހަރަށް ހިތްހަމަނުޖެހިފައި، އެއްޗެހި ގޮވަން ފެށުމުން ރީޝާ ދެރަވިއެވެ. ކުށްވެރިޔަކު ފަދައިން އޭނާ އިސްޖަހައިލިއެވެ.

"ތި އުޅެނީ މި މަންމަ އިތުރަށް ބަދުނާމުކުރަންތަ؟" ފިރާޝާ އިތުރަށް ބުންޏެވެ. "މިހާރުވެސް ރަށު މީހުން ކިޔާ އެއްޗެހި މަދުވެގެން. މަންމައެކޭ ދަރިއެކޭ އެއްވެސް ތަފާތެއްނެތޭ ބުނާ އަޑު އަރުވަން ބޭނުންވަނީތަ؟ ރީޝާއަށް ދޮގު ހަދަން ކެރުނީތީ ވެސް މަންމަ ހަމަ ހައިރާންވެއްޖެ."

ފިރާޝާ ރުޅިއައިސްގެން ނުހަނު ގިނަ ވާހަކަތަކެއް ދެއްކި ނަމަވެސް ރީޝާގެ ސިކުނޑީގައި ހަރުލީ އެންމެފަހުން ފިރާޝާ ބުނި ޖުމްލައެވެ. ކުއްލިއަކަށް ނިހާދުގެ ވާހަކަތައް އޭނާގެ ސިކުނޑިއަށް ވެރިވެގެން ދިޔައެވެ. ނިހާދު ދެއްކި ވާހަކަތަކުގެ ހަޤީޤަތް އޮޅުން ފިލުވުމަށް ރަނގަޅު ދަނޑިވަޅެއް ލިބުމުން ރީޝާ އިސްއުފުލައިލިއެވެ.

"މަންމަ ތީ ވަކި ރަނގަޅު މީހެއްތަ؟" ފުރުޞަތުގެ ބޭނުން ހިފަމުން ރީޝާ ބުންޏެވެ. "ބައްޕަ މާފަށް އެދުނިއްޔޭ ކިޔައިގެން މަންމަ ވެސް ތިހުރީ ވަރަށް ބޮޑު ދޮގެއް ހަދައިފަ. އެހެންވީމަ މަންމަ ވަކި ރަނގަޅުތަ؟ މަންމަ މައްސަލަ ނެގީ އެ ބައްޕަގަނޑު މާފަށް އެދިގެން ނޫންކަން މަށަށް އެނގޭ. މަންމަ މަށަށް ކޮންމެވެސް ކަމެއް އެބަ ސިއްރުކުރޭ. އެކަން ފޮރުވަންވެގެން މަންމަ އެ މައްސަލަނެގީ. އެހެންވީމަ މަންމަ ވެސް މަ ދޮގު ހަދާ ވާހަކަ ދައްކަން ހަދާނެކަމެއް ނެތް."

ކުއްލިއަކަށް ފިރާޝާގެ މުޅި މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އެ މޫނު މައްޗަށް ނުތަނަވަސްކަން ފެތުރިގެން ދިޔަލެއް އަވަސްކަން ރީޝާއަށް ފާހަގަކުރެވުނެވެ. ރީޝާގެ ހިތުގައި އޮތް ޝައްކު ޔަޤީނާ ގާތަށް އެނގުނެވެ.

"ބުނެބަލަ މީ ދޮގެކޭ." ރީޝާ ބޭނުންވީ އިތުރަށް ޔަޤީންކުރާށެވެ.

ދޮގެކޭ ބުނާކަށް ފިރާޝާއަކަށް ނުކެރުނެވެ. ސަބަބަކީ ރީޝާ ފާޅުކުރީ ތެދުކަމަށް ވީތީއެވެ. ނިހާދުގެ މައްޗަށް ހުށަހެޅުނު މައްސަލަ، ފިރާޝާ ނެގީ މަޖުބޫރުވެގެންނެވެ. މަޖުބޫރުކުރީ ނިހާދެވެ. އެކަމަށް ނިހާދު ބޭނުންކުރި ހަތިޔާރަކީ ފިރާޝާގެ ހިތުގެ އެންމެ ފުނުގައި ރައްކާކޮށްފައިވާ ސިއްރެވެ. އެ ސިއްރު ބޭޒާރުކޮށްލާނެކަމުގެ ބިރު ދެއްކުމުން ފިރާޝާއަށް ގޮތް ހުސްވީއެވެ. ފިރާޝާ ހުއްޓުން އަރައިފައި ހުރިގޮތުން ހީވަނީ ރީޝާ ދެއްކި ވާހަކަތަކާމެދު ވިސްނަން ހުރިހެންނެވެ. އެ ވާހަކަތަކުގައި އެއްވެސް ހަޤީޤަތެއް ނުވާނަމަ، ފިރާޝާ ވަގުތުން ދެކޮޅު ހަދާނެކަން ރީޝާއަށް ޔަޤީނެވެ.

"ބުނެބަލަ. މަންމަ ތި ސިއްރުކުރާ ކަމެއް. ބައްޕަ ހެދީ ދޮގެކޭ ބުނެބަލަ." ރީޝާ ބޭނުންވީ ފިރާޝާ އެއްބަސްވާށެވެ. އެހެނަސް ފިރާޝާ ނިންމީ އެ ސިއްރު، ސިއްރެއްގެ ގޮތުގައި ބާއްވާށެވެ.

"ބޭކާރު ވާހަކަ ނުދައްކާ." ފިރާޝާ ރުޅިއަންނަކަމަށް ހެދެމުން ބުންޏެވެ. "ދެން އެ ނަވީލް ފެންނަ ހިސާބަށް ވެސް ގޮސްގެން ނުވާނެ. ހަނދާންކުރާތި."

ރީޝާގެ އިތުރު ސުވާލެއް ކުރިމަތިވުމުގެ ކުރިން، ފިރާޝާ އެތަނުން ނުކުމެގެން ދިޔައީ ރީޝާގެ ސިކުނޑީގައި އިތުރު ސުވާލެއް އުފައްދައިފައެވެ. ނިހާދުގެ އަޅަކަށްވެގެން އުޅުމަށް ފިރާޝާއަށް އޮތީ ކޮން މަޖުބޫރީއެއް ހެއްޔެވެ؟

އާ ދުވަހަކަށް އިރުއަރައިފިއެވެ. ރީޝާއަށް ހެނދުނުގެ އިރު އަލިކަން ފެނުނުއިރު 09 ޖަހައިފިއެވެ. ފެންވަރާލައިގެން ބޭރަށް ނުކުތްއިރު ފިރާޝާ މަސްލިޔަން އުނދޯލީގައި އިނެވެ. ރިޝާމްގެ ހުނުމުގެ އަޑުން މުޅި ހިސާބު ގުގުމަމުން ދިޔައެވެ. ރީޝާ ބަދިގެއަށް ދިޔުމުގެ ބަދަލުގައި ފިރާޝާ ކައިރިއަށް ދިޔައެވެ. ފިރާޝާ އިސްއުފުލައިލިއެވެ. އަދި އެހާމެ އަވަހަށް އިސްތިރިކޮށްލިއެވެ.

"ހުންނާނެ ސައި ހަދާފަ." އެތަނުގައި ހުރި ގޮނޑިއެއްގައި އިށީނުމާއެކު ފިރާޝާ މަޑުމަޑުން ބުނެލިއެވެ.

"ކޮންކަމެއް ތި ސިއްރުކުރަނީ؟" ރީޝާއަށް އެ ސުވާލު ނުކޮށް ނީނދެވުނެވެ. ރޭ ހަތަރުދަމު ވެސް އޭނާ ބޯ ގޮއްވީ އެކަމާއެވެ. އޭނާއަށް އެ ސިއްރެއް ނޭނގެނީސް ހަމަޖެހިއެއް ނުލެވޭނެއެވެ.

"މަންމަ ކަމެއް ސިއްރު ކުރަންޏާ ކުރާނީވެސް ދަރިފުޅަށް ރަނގަޅަކަށް." ފިރާޝާ ވިސްނާލައިފައި ބުނެލިއެވެ.

"މަށަށް ކޮން ރަނގަޅެއް އޮތީ؟" ރީޝާގެ ސުވާލު ހުހެއްނުވާނެކަން ފިރާޝާ ދަނެއެވެ. އެއް ސުވާލަށް ޖަވާބު ދޭއިރަށް އަނެއް ސުވާލު ކުރިމަތިކުރުވާނެއެވެ. ދޮގެއް ހަދައިގެން އެ ސުވާލުތައް ހުއްޓުވާކަށް ވެސް އޭނާ ބޭނުމެއް ނޫނެވެ. އެހެންކަމުން ފިރާޝާ އިޙްތިޔާރުކުރީ ހިމޭންކަމެވެ.

ރިޝާމް ހެމުންހެމުން ދުވެފައި ކޮޓަރިން ނުކުތެވެ. ރިޝާމް އަތުލުމަށް ޓަކައި ނިހާދު ވެސް ފަހަތުން ނުކުތީ ދުވެފައެވެ. ނުހަނު ބާރަށް ގޮސް ރިޝާމްގެ ދެއަތުގައި ހިފައިލަމުން ނިހާދުގެ ކޮނޑަށްލިއެވެ. އޭރު ވެސް ރިޝާމްގެ ހުނުން މެދު ނުކެނޑެއެވެ. ނިހާދު ވެސް ވަރަށް ފޯރީއާއެކު އެ ސަކަރާތުގައި ބައިވެރިވިއެވެ.

އެ މަންޒަރުތައް ބަލަން ރީޝާ އިނީ އަޖައިބުވެފައެވެ. އެއީ ދުވަހަކު ވެސް ނިހާދުގެ ފުށުން ފެނިފައިވާ ސިފައެއް ނޫނެވެ.

"ހާދަހާ މޮޅޭ އެކްޓްކުރަން ވެސް." ފޫހި ރާގަކަށް ރީޝާ ބުންޏެވެ. "މީ މަންމަ ލޮލުގައި އަނދުން އަޅުވަން އޭނަ ކުޅޭ ޑްރާމާއެއްކަން މަށަށް ޔަޤީން. އޭނަ އެއްވެސް މީހަކު ދެކެ ލޯބިވާނެތަ؟ ލޯތްބާއި ހަމުދަރުދީ އަކީ އޭނަ ދަންނާނެ އެއްޗެއް ނޫން."

"ކޮންމެ ބަފަޔަކު ވެސް ދަރިންދެކެ ލޯބިވާނެ." ފިރާޝާ ނިހާދުގެ ދިފާޢުގައި ބުނެލިއެވެ. ރީޝާ ފިރާޝާއާ ދިމާއަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ.

"މަށަކަށް ލޯތްބެއްނުދޭ އޭނައެއް. އެހެންވީމަ މަމީ އޭނަގެ ދަރިއެއް." ރީޝާއަށް އެހިސާބަށް ބުނެވުނުއިރު، ފިރާޝާ ސިހިފައި، ދެލޯ ބޮޑުކުރަމުން އިސް އުފުލައިލައިފިއެވެ. ފިރާޝާއަށް ވީ ގޮތް ރީޝާއަށް ރީއްޗަށް ފެނުނެވެ. އެޔާއެކު އޭނާގެ ހިތުގެ ތެޅުން އަވަސްވެގެން ދިޔައީ ހިތަށް އެރި އެއްޗެއްގެ ސަބަބުންނެވެ.

"މަ މީ ކާކުގެ ދަރިއެއް." ރީޝާ ޖެހިލުމެއްނެތި އެހިއެވެ. މިފަހަރު ފިރާޝާއަށް ލިބުނު ޝޮކު ވަރުގަދައެވެ.

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަލާ123

    ނިޝާންގެ ތިއިބާރާތްކުރުން ހަމަ ވަރަށް ހިތްގައިމު އިނގޭ!