ފްލައިޓަކުން ދަތުރު ކުރަން ވަރަށް ބޭނުންވެ، އެކަން ނުކުރެވިއްޖެނަމަ ގިނަ ފަހަރަށް ވަރަށް ބޮޑު ނުތަނަވަސް ކަމަކާއި ކުރިމަތިލާން ޖެހެއެވެ. ނަމަވެސް ބައެއް ފަހަރު އެފަދަ ކަންކަން ކުރިމަތިވަނީ ނަސީބު ރަނގަޅު ކަމުންނެވެ. މިކަން އެންމެ ރަނގަޅަށް ތަޖުރިބާ ކުރެވުނު އެކަކީ ޕާކިސްތާންގެ ޒުވާނެއް ކަމަށްވާ ސައީދު މުސްތަފާ އަހްމަދު އެވެ.

އިއްޔެ ވެއްޓުނު ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންގެ ފްލައިޓުން ކަރާޗީ އަށް ދަތުރު ކުރަން މުސްތަފާ ވަރަށް މަސައްކަތް ކުރިއެވެ. އޮންލައިންކޮށް ޓިކެޓް ނެގުމަށް ތިން ފަހަރެއްގެ މަތިން މަސައްކަތް ކުރިއެވެ. ޓިކެޓް ބްކު ކުރެވުނު ނަމަވެސް ފައިސާ ދެއްކުމުގައި "އެރޯއެއް" އަރައިގެން ފައިސާ ދެއްކުމުގެ ހުރިހާ ކަމެއް އޭނާއަށް ނިންމައެއް ނުލެވުނެވެ. އެހެންކަމުން އޭނާ އަށް އެ ފްލައިޓުން ޓިކެޓް ނެގޭ ގޮތެއް ނުވިއެވެ.

"އަހަރެން ތިން ފަހަރެއްގެ މަތިން މަސައްކަތް ކުރިން ޓިކެޓް ނަގަން. ނަމަވެސް ކޮންމެ ފަހަރަކު ވެސް ޓިކެޓް ނެގުމުގެ އެންމެ ފަހު މަރުހަލާގައި އެރޯއެއް އަރައިގެން ފައިސާ ދެއްކޭ ގޮތެއް ނުވި." މުސްތަފާ ބުންޏެވެ.

ޓިކެޓް ނަގަން ކުރި މަސައްކަތް ކާމިޔާބު ނުވުމުން މުސްތަފާ ވަނީ އެއާލައިނެއްގައި މަސައްކަތް ކުރާ ރަހުމަތްތެރިޔަކު މެދުވެރިކޮށް ވެސް ޓިކެޓް ނަގަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އޮންލައިންކޮށް ޓިކެޓް ނަގަން ރަހުމަތްތެރިޔާ ކުރި މަސައްކަތް ވެސް ކާމިޔާބެއް ނުވިއެވެ.

ދެން މުހައްމަދު މަސައްކަތް ކުރީ އެހެން އެއާލައިނަކުން ޓިކެޓް ނަގާށެވެ.

މުސްތަފާ އަކީ ޑިޖިޓަލް މާކެޓިން ކުންފުންޏެއް ކަރާޗީގައި ހިންގަމުން އަންނަ މީހެކެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން މީހުންނަށް އެހީވުމަށް ލާހޫރުގައި ވޮލެންޓިއާކޮށް އޭނާ މަސައްކަތް ކުރަމުން އަންނަތާ މިހާރު ތިން މަސް ދުވަސް ވެއްޖެއެވެ.

މުސްތަފާ ކަރާޗީ އަށް ދަތުރު ކުރަން ނިންމީ ވެސް ފިތުރު އީދު ދުވަހު، ހާލުގައި ޖެހިފައި ތިބި ކުދިންނަށް އެހީތެރިވާށެވެ.

"ފްލައިޓް ވެއްޓުނު ޚަބަރު ލިބުމުން އަހަރެން ހިތައް އެރި އަހަރެންގެ ނަސީބު ހާދަ ރަނގަޅޭ. ބައެއް ފަހަރު ﷲ އަހަރެމެން ބޭނުންވާ ކަންތައްތައް ފަސްކޮށްދެއްވާ، އެހެން ކަމަކާއި ކުރިމަތިލާން ޖެހިދާނެ. ނަމަވެސް އެއީ އަހަރެމެންނަށް ރަނގަޅަކަށް ކުރިމަތިވާ ކަންކަން." މުސްތަފާ ބުންޏެވެ.