އެންމެ އިހު ޒަމާނުއްސުރެ ދިވެހިންނަކީ އީދާއި ގުޅުން ހުރި މުއްސަނދި ސަޤާފަތެއް ގެންގުޅެމުން އައި ބައެކެވެ. ކުޑަ އީދަކަސް ބޮޑު އީދަކަސް، ފެން ޖެހުމާއި، ޚާއްސަ ކެއުންތައް ފަދަ އެތައް ކަމެއް ދިވެހިން އީދަށް ޚާއްސަކޮށްގެން ކުރަމުން އާދެއެވެ. އެގޮތުން ބައެއް ރަށްރަށަށް ޚާއްސަވާ، އީދާއި ގުޅުން ހުރި ސަޤާފަތްތައް ވެސް މަދެއް ނޫނެވެ.

އީދު ބޯކިބާ އެޅުމާއި، ބަަކަރި ކަތިލުމާއި، ބޮނޑިބަތް ކެއްކުމާއި، އެކި ކަހަލަ ފޮނި ކާއެއްޗެހި ހެދުމުގެ އިތުރުން އީދު ސަލާންކުރުމަކީ ވެސް އީދު ދުވަހާއި ގުޅިފައި އޮންނަ ސަޤާފީކަމެކެވެ. މިހާރު މުޅިދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 ރާއްޖެއަށް ވެސް ފެތުރިފައި އޮތުމާއި އެކު މި ފަހަރު އީދުގައި އެއްވެސް އިޖުތިމާއީ ހަރަކާތެއް ހިންގޭކަށް ނެތެވެ. އެ ނޫން ހާލަތެއް އޮތް ނަމަ މިއަދު ފާހަގަކުރާ އީދުގެ ހަރަކާތްތައް މިހާރު ހުރިހާ ރަށެއްގައި ވެސް ވަރަށް ފޯރީގައި ކުރިއަށް ދިޔައީހެވެ.

ގިނަ ރަށްރަށުގައި އީދު ނަމާދު ކުރެވުނު ނަމަވެސް، ކުރިން ފަހަރުތަކުގައި އީދު ސަލާން ކުރާހެން އެކަކު އަނެކަކާއި ސަލާން ކުރުމާއި، ތިމާގެ ގޭގެ އަށް ދިއުން އެއީ މި އީދުގައި ކުރެވޭނެ ކަމެއް ނޫނެވެ. އީދު ނަމާދަށް ދާއިރު، އާއްމުކޮށް އީދު ނަމާދަށް ފަހު ކުޑަ ކުދިންނަށް ފައިސާ ބެހުމަކީ އެއީ ބައެއް މީހުން ކޮށްއުޅޭ ކަމެކެވެ. މިއީ ހުކުރު ނަމާދަށް ފަހު ވެސް ވަރަށް ގިނަ ދިވެހިން ކޮށްއުޅޭ ކަމެކެވެ.

މިފަހަރުގެ އީދު އައި އިރު ފައިސާ އަށް އެދުމުގެ ސަޤާފަތެއް ދިވެހިންގެ ތެރޭގައި މި ވަނީ އަށަގަނެފައެވެ. މީސް މީޑިއާ ބަލާލީމައި ފެންނަނީ އީދު ތަހުނިޔާ ބަލައިގަންނަން މިހެން ލިޔެލުމަށް ފަހު ބޭންކް އެކައުންޓް ނަމްބަރު ޖަހާ، އިޝްތިހާރުކޮށްފައިވާ ޕޯސްޓްތަކެވެ. އެއްގޮތަކުން ބަލާ އިރު މިއީ މާބޮޑު މައްސަލައަކަށް ނުވެދާނެއެވެ. އެއީ ގިނަ މީހުން މީސްމީޑިއާގައި އެޑްކޮށްފައި، ނޫނީ ފޮލޯކޮށްފައި ތިބޭނީ ރަހުމަތްތެރިންކަމަށް ވުމެވެ. އެހެންކަމުން މިއީ ރައްޓެހިންނާއި އެކު ކޮށްލާ ސަމާސާއަކަށް ވެދާނެއެވެ. ބައެއް މީހުން، މިގޮތަށް ފައިސާ ފޮނުވަން އެދުނު މީހުންނަށް ފައިސާ ފޮނުވާދީފައި ވެސް އެބަހުއްޓެވެ.

ހެޔޮހިތުން މީހަކު ފައިސާ ވިޔަސް އެހެން ހަދިޔާއެއްވެސް ދިނުމަކުން މައްސަލައެއް ނެތެވެ. އެކަމަކު އީދު ތަހުނިޔާ ބަލައިގަންނަ ހަމައެކަނި ގޮތަކީ ފައިސާ ދިނުން ކަމަށް ބުނެކޮށްފައިވާ ޕޯސްޓްތަކުން އީދު ފަދަ ދުވަހެއްގެ އަސްލު މަގްސަދު ގެއްލިގެން ދެއެވެ. އީދު ތަހުނިޔާ ފޮނުވަން ބޭނުންވާ، ތިމާގެ މީހުންނާއި ރަހުމަތްތެރިންގެ ތެރެއިން ބަލައިގަންނަނީ ހަމައެކަނި ފައިސާ ފޮނުވާ މީހުންގެ ތަހުނިޔާ ކަމަށް ވަންޏާމުން އެ ވަރަށް ފުދުންތެރި ނޫން މީހާއަށް އެ ފަދަ މީހުންނަށް އީދު ތަހުނިޔާ ކިޔޭނެ ގޮތެއް ނެތެވެ.

އީދަކީ މުއްސަނދިންނާއި ފަގީރުންގެ ތަފާތު ނައްތާލާ، ހަމަހަމަ، އުފާވެރި ދުވަހަކަށް ވާއިރު، މިފަދަ ޕޯސްޓްތަކުން އެ މަގްސަދު ހާސިލްވެއޭ ދެންނެވޭކަށް ނެތެވެ.

މިއީ ބައެއް މީހުންގެ ނަޒަރުގައި ވަރަށް ހުތުރުކަމެކެވެ. މީސްމީޑިއާގައި ސަމާސާ ރާގަކަށް ހިނގަ ކަމަކަށް ވިޔަސް، މިއީ ސަލާން ޖެހުންކަމަށް ދެކޭ މީހުން މަދެއް ނޫނެވެ. ބައެއް މީހުން ވަނީ އެކަމާއި މެދު ހިތްހަމަ ނުޖެހިގެން ފާޑުވެސް ކިޔާފައެވެ. އަދި ބައެއް މީހުންނަށް އީދު ތަހުނިޔާކިޔަން މެސެޖްކުރުމުން ވެސް، ފައިސާ ނުދޭ ނަމަ ތަހުނިޔާ ބަލައި ނުގަނެވޭނެ ކަމަށް ބުނާތީ އެއީ ބޭއަދަބީ ކަމެއްކަމަށް އެ މީހުން ފާހަގަކުރެއެވެ.

އީދު ތަހުނިޔާ ކިޔުމުގެ ރީތި ސަޤާފަތް މިފަދަ ކޫސަނި ކަންކަމުގެ ސަބަބުން ކޮންމެވެސް ވަރަކަށް ކިލަނބުވެގެންދެއޭ ބުނުން ދޮގަކަށް ނުވާނެއެވެ. އިދު ދުވަހަކީ ހަދިޔާ ބަދިޔާ ބަދަލުުކުރުމަށް ޚާއްސަ ދުވަހަކަށްވީ ނަމަވެސް، ސިއްހީ ކާރިސާއެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ފައިސާ ދިނުމަށް އެދުމުން، ދޭދޭ މީހުންގެ ގުޅުމަށް އަސަރު ކުރުމަކީ އެކަށީގެންވާކަމެކެވެ.

ކޮންމެއަކަސް މީސްމީޑިއާގައި އީދު ދުވަސް ނޫނަސް ޚާއްސަ ދުވަސްތަކުގައި ފައިސާއަށް އެދުމަކީ މިހާރު އާއްމުކަމެކެވެ. އުފަންދުވަހާއި، ބައިނަލްއަގުވާމީ އަދި ޤައުމީގޮތުން ފާހަގަކުރާ އެކި ދުވަސްތަކުގައި ވެސް މިފަދަ ޕޯސްޓްތައް މިހާރު ވަރަށް ގިނައިން ފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޑިމޮކްރަޓިސްޓް،ރ.ވާދޫ

  އަހަރުން ތިކަން ކަބައެއްނުގަންނަން. އެކައުންޓުނަންބަރު ޖަހައިގެން އީދު ތަހުނިޔާ ކިޔަންޏާ ނުކިޔާތިބޭ. އެންމެ ބައިރުފިޔާއެއްވެސް މަގޭއަތަކުން ނުލިބޭނެ. މިވަރަށްސާފު.

  27
 2. ސޮދުމާ

  މަށަށް ވެސް ތިކަން ވަނީ ތިހެން ކުރެވިފައި.

 3. ނަޝީދު

  ސޯލިހު ގައުމު ބަނޑަށް ޖައްސައިފިޔޭ.
  ފަގީރުވުން ގިނަވަނީ.
  މަސްތުވާ އިއްޗިހި އާނމުވިވަރަކަށް ލަދުހަޔާއިވެސް ކެނޑޭނެއެއްނު.

  7
  3
 4. ބޭޗާރާ

  ތިޔައީ ތަހުނިޔާއަކާ ގުޅުން ހުރި ކަމެއް ނޫން. މިހާރަކަށް އައިސް ކޮންމެ ކަމަކާ ގުޅުވައިގެން ތިޔަކަން އެބައާދޭ. ބައެއް މީހުން ނެޕީ ގަންނަން، ބައެއް މީހުން ފިރިމީހާ ވަރިކޮށްގެން ހާލުގައި ޖެހިގެން، ބައެއް މީހުން މައިންބަފައިން ބަލިވެގެން، ބައެއް މީހުން ގެއިން ނެރެގެން، ބައެއް މީހުން އުފަންދުވަހާ ގުޅިގެން، ބައެއް މީހުން ހެޔޮ އެދޭ ރައްޓެއްސަކު ހުރިއްޔާ 100 ރުފިޔާ މުސާރަ ނަގާ ދުވަހު ވައްޓާލާށޭ ބުނެފައި އެކައުންޓް ނަންބަރުވެސް އެބަޖަހާ. މިހެން ގޮސް އެތައް ކަމަކާ ގުޅުވައިލައިގެން ތިޔަ ކަމެއް އެބަކުރޭ. އުފަންދުވަސްވެސް އަހަރަކު ދެތިން ފަހަރަކު ފާހަގަކޮށްލާ ކުދިން އުޅޭ. މީ މިހާރު ފޭސްބުކުގައި އާންމު ކަމެއް. ވަގުތުގެ ކުދިންނަށް މިކަން ފާހަގަ ތިޔަވީ ތަހުނިޔާއާ ގުޅިގެން ދޯ. ތިޔަ ތިބީ މާފަހަތުގައި.