ޕާކިސްތާނުގެ މީހުން ދިރިއުޅޭ ސިޓިއެއް ކަމަށްވާ ކަރަޗީއަށް ހުކުރު ދުވަހު ފްލައިޓް ވެއްޓުމުގެ ކުރިން އެއާޕޯޓްގައި ޖައްސަން އުނދަގޫވާނެ ކަމަށް ޕައިލެޓުން ބުނެފައިވާ ކަން ހާމަ ވެއްޖެއެވެ.

ޕާކިސްތާނުގެ ލަހޯރު އިން ކަރާޗީ އަށް ދަތުރު ކުރަމުން ދަނިކޮށް އިންޖީނު ފެއިލް ވުމުގެ ސަބަބުން ފްލައިޓް ވެއްޓި 97 މީހަކު މިހާތަނަށް މަރުވެފައިވާ ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ. މިހައިތަނަށް ބެލި ބެލުމުން މިއީ އެ ފްލައިޓުގެ ދަތުރުވެރިންނާއި ކްރޫއިންނެވެ.

މި ބޯޓުން މިހާތަނަށް ސަލާމަތްވެފައިވަނީ ދެ މީހުންނެވެ. އެއީ އާންމު ރައްޔިތަކާއި ބޭންކް އޮފް ޕަންޖާބުގެ ސީއީއޯއެވެ. މި ދެމީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާއިރު، ފުރާނައަށް ނުރައްކާވާ ވަރުގެ އަނިޔާއެއް ލިބިފައެއް ނުވެއެވެ. މި ދެމީހުންނަށް ހޮސްޕިޓަލުގައި އަދިވެސް އަންނަނީ ފަރުވާ ދެމުންނެވެ.

ފްލައިޓް ވެއްޓުނު ހާދިސާގައި ގެއްލުންވި އިމާރާތެއް-- ފޮޓޯ ރޮއެޓާސް

ބޯޓު ވެއްޓުނު ސަރަހައްދުން މިހާތަނަށް 8 މީހަކު ފެނިފައިވާއިރު، އެކި ވަރުގެ އަނިޔާ އެމީހުންނަށްވެސް ވަނީ ލިބިފައެވެ. އޭގެ ތެރެއިން 4 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

މި ބޯޓުން ސަލާމަތް ވެފައިވާ ޒުބެއިރް ބުނެފައިވަނީ ބޯޓު ވަކި ހިސާބަކަށް ދެވެންދެން އައީ ވަރަށް ރަނގަޅަށް ކަމަށާއި ޖައްސަން ތިރި ކުރި ހިސާބުން ފެށިގެން ބޯޓު ތެޅެން ފަށާފައިވާ ކަމަށެވެ. އަދި އެވަގުތު އިންޖީނަށް ކަމެއް ދިމާވެގެން ޖައްސަން ދަތިތަކެއް ދިމާވެފައިވާ ކަމަށް ޕައިލެޓް އިޝާރާތް ކޮށްފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"ކުއްލިއަކަށް ބޯޓު ތެޅެން ފެށީ. މުޅިންވެސް އިވުނީ މީހުން ރޯ އަޑު. އެވަގުތު ޕައިލެޓް ބުނި އިންޖީނަށް ކޮންމެވެސް ކަމެއް ވެގެން ރަންވޭގައި ޖައްސަން އުނދަގޫވެފައިވާ ކަމަށް" އެގައުމުގެ މީޑިއާއަކަށް މައުލޫމާތު ދެމުން ޒުބެއިރު ކިޔައިދިނެވެ.

އޭގެ ފަހުން ވީ އެއްވެސް ކަމެއް ހަނދާން ނެއް ކަމަށާއި ފަހުން ހޭ ވެރިކަމަށް އައިއިރު މުޅި ތަން ރޯވެ ދުން ބޯވެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޕާކިސްތާނުގެ ކަރަޗީއަށް މި ބޯޓު ވެއްޓުމާއި ގުޅިގެން ގިނަ އަދަދެއްގެ އާންމު ރައްޔިތުން އިމާރާތްތަކުގެ ދަށުވެފައިވާނެތީ ސަރުކާރުން ވަނީ އެ ހިސާބުގެ ހުރިހާ ހޮސްޕިޓަލެއް ކުއްލި ހާލަތަށް ގެނެސްފައެވެ.