އިސްލާމިކް ސްޓޭޓް ހަނގުރާމަވެރި ގުރޫޕުގެ ފަރާތުން ސީރިޔާގައި އެތައް ބަޔަކު މެރުމުގެ ފަހަތުގައި ހުރި މީހެއް ވަނީ ވަރަށް ފަހުން އެ ދުވަސްވަރާއި ބެހޭގޮތުން ބީބީސީއަށް އިންޓަވިއުއެއް ދީފައެވެ. ޙާލިދްގެ ނަމުން އެ އިންޓަވިއުގައި އޭނާއާއި މުހާތަބުކުރެވުނުއިރު އޭނާ ވަނީ އިސްލާމިކް ސްޓޭޓްއަށާއި އެހެނިހެން ޓެރަރިސްޓު ޖަމާއަތްތަކަށް އޭނާ ކޮށްދިން ކަންކަމަކީ އަމިއްލަ ދިފާއުގައި ކުރި ކަންކަންކަމަށް ކިޔައިދީފައެވެ. އޭނާގެ މި ވިސްނުމާއި ބައެއް މީހުން އެއްބަސްނުވެދާނެއެވެ.

ޙާލިދް ކިޔައިދިންގޮތުގައި އޭނާ އެންމެ ފުރަތަމަ ސިރިޔާގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާކުރިއިރު ހަތިޔާރު ބޭނުންކޮށްގެން ހަނގުރާމަކުރާނޭހާ ހިތްވަރެއް އޭނާގެ ކިބައިގައި ނެތެވެ. މެދުމިނަކަށް ދީނަށް އުޅެމުންއައި ޙާލިދް މުޒާހަރާތައް ތެރެއިން ހައްޔަރުކުރެވި އޭނާއަށް ޖަލުގައި ބޮޑެތި އަނިޔާތަކެއް ކުރެވުނުކަމަށް އޭނާ ކިޔައިދިންއިރު އެތަނުން އެއް ގާޑެއްގެ ވާހަކަ ޙާލިދް ވަނީ ވަކިން ހާއްސަކޮށް ފާހަގަކޮށްފައެވެ. އެ ގާޑަކީ ޑިއުޓީގައި ހުންނައިރު އޭނާއަށް ވަރަށް އަނިޔާކުރި މީހެއްކަމަށް ޙާލިދް ވަނީ ކިޔައިދީފައެވެ.

ޖަލުން ދޫކުރެވުމާއިއެކު އޭނާ މަސައްކަތްފެށީ އޭނާގެ ރުޅިވެރިކަމާއިއެކު ހަތިޔާރާއިއެކު ސަރުކާރާއި ދެކޮޅަށް ހަނގުރާމަކުރާށެވެ. އަހްރަރް އަރް ޝާމް ނަމަކަށްކިޔާ ޖަމާއަތަކާއި ގުޅުމަށްފަހު އޭނާއަށް އެ މީހުންގެ ފަރާތުން ހާއްސަ ތަމްރީނުތަކެއް މީހުން މެރުމުގައި ލިބިގެންދިޔައެވެ. އެޔަށްފަހު ސީރިޔާގައި އަލް ގައިދާގެ ބްރާންޗްކަމުގައިވާ އަލް ނުސްރާ ފްރަންޓްއަށް އޭނާ ބަދަލުވިއެވެ. އޭރު އައިއެސް އަކީ މާ ވަރުގަދަ ބައެއް ނޫންކަމަށާއި އަދި އައިއެސްއަށް މަލާމާތްވެސްކުރިކަމަށް ޙާލިދް ވަނީ ބުނެފައެވެ.

އެހެންނަމަވެސް އައިއެސްއިން ކުއްލިއަކަށް ސީރިޔާގެ ބޮޑެތި ސަރަހައްދުތަކަކަށް ވެރިވެގަތުމާއިއެކު އޭނާއަށް އައިއެސްއާއި ގުޅުމަށް މަޖުބޫރުވިކަމަށް ޙާލިދް ކިޔައިދިނެވެ. އަދި އަލް ނުސްރާ ފްރަންޓްގެ ލީޑަރެއްގެ ހުއްދައާއިއެކު އޭނާ ދިޔައީ އައިއެސްއާއި ދެކޮޅަށް އަލް ނުސްރާއަށް ޖާސޫސުކޮށްދެމުންނެވެ. އައިއެސްއިން އޭނާއަށް މަތީ މަގާމެއް ދިންއިރު އޭނާއަށް އެތައް ބައެއްގެ މައްޗަށް ބާރު ހިންގުމުގެ ފުރުސަތުވެސް ލިބިގެންދިޔައެވެ.

އެދުވަސްވަރާއި އޭގެ ކުރިންވެސް އޭނާ ދިޔައީ މީހުން މަރަމުންނެވެ. އޭގެ ތެރޭގައި ފައިސާއަށް އަދި ހަތިޔާރަށްޓަކައިވެސް އޭނާ މީހުން މެރިއިރު އަނެއްބައި މީހުންނަކީ މަރަންޖެހޭކަމަށް އޭނާ ގަބޫލުކުރާ މީހުންނެވެ. އޭގެ ތެރެއިން އެކަކަކީ ޖަލުގައި އޭނާއަށް އަނިޔާކުރި ގާޑެވެ. އެ ގާޑު މަރައިލުމުން އޭނާ ވަރަށް ހިތްހަމަޖެހިގެންދިޔަކަމަށް ޙާލިދް ވަނީ ކިޔައިދީފައެވެ.

އަދި އައިއެސްއާއިއެކު އޭނާ މުޅިއަކު 16 މީހުން މެރިއިރު އެ ހުރިހާ އެންމެންނަކިވެސް ދީނަށް ބޭވަފާތެރިވެފައިވާ މީހުންކަމަށް އޭނާ ކިޔައިދިނެވެ. އެ އެންމެންވެސް އޭނާ މެރީ އޭނާ ތަމްރީނުކޮށްފައިވާ 'ހިޓްމެން' ސްޓައިލަށް ސިއްރިއްޔާތުގައެވެ.

އެގޮތުން އެއް ފަހަރު މީހަކު މެރުމަށް އޭނާ އެމީހާގެ ގެޔަށް ގޮސް ޓަކި ޖެހިކަމަށް ޙާލިދް ކިޔައިދިނެވެ. ދޮރު ހުޅުވުމުން ވަގުތުން ބަޑި އެ މީހާ މޫނުގައި ޖައްސައި އޭނާ ގޭތެރެއަށް ވަނެވެ. އަދި އޭނާގެ އަނބިމީހާއަށް އެތަން ފެނުމުން ބިރުން ހަޅޭލައްވަން ފެށުމުން ވަކިން ކޮޓަރިއަކަށް ވައްދައި ތަޅުލިކަމަށް ޙާލިދް ކިޔައިދިނެވެ. އޭނާ މަރަން ޖެހޭ މީހާ އެހާ ހިސާބުން ބިރުން ފައިސާވެސް އޭނާއަށް ހުށަހެޅިއެވެ. އަދި އޭނާގެ އަމިއްލަ އަންހެނުންނާއިއެކު އޭނާ ކުރިމަތީގައި އެނދުދާން ކުރުމަށްވެސް ޙާލިދްއަށް ހުށަހެޅިއެވެ. ޙާލިދް ބުނިގޮތުގައި އޭނާގެ ވާހަކަތަކުން އިތުރަށް އޭނާ މަރަން ބޭނުންވިއެވެ.

އެންމެ ފަހުން އައިއެސް ބަލިވާން ފެށުމާއިއެކު އޭނާ އަވަހަށް ފިލަން މަސައްކަތްކުރިކަމަށްވެސް ޙާލިދް ކިޔައިދިނެވެ. އަދި ކާރުގައި ޑެއިރް އަލް ޒޫރް ނަމަކަށްކިޔާ ރަށަކަށް ދަތުރުކުރުމަށްފަހު ތުރުކީވިލާތަށް އޭނާ ފިލިކަމަށް ޙާލިދް ވަނީ ކިޔައިދީފައެވެ. މިހާރު އޭނާ ބުނާގޮތުގައި އޭނާއަކީ އެހެން މީހުން ފަދަ އާންމު ރައްޔިތެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހާމިދު

    ﷲ ވަހީކުރައްވާފައިވަނީ ފާސިގަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ އޭގެ ދޮގުތެދު ބަލާހުށިކަމެވެ....

    • އަހަރެން

      މީޑިޔާ ވެފައިމިވަނީ ހަތިޔާރަކަށް! ކަނޑި ބަޑިން ބަލިނުވީމަ ބީބީސީ، ވަގުތު ފަދަ ވަސީލަތްތަށް ބޭނުންކޮށްގެ ތެދެއްދޮގެއް ބެލުމެއްނެތި މުސްލިމުންގެ އަބުރު ކަތިލައި މުސްލިމުންނާމެދު ނަފްރަތް އުފެއްދުން މިވަނީ ދިވެހި ބައެއް މީޑިއާތަކުން އާންމުކަމަކަށް މުސްލިމުންނާދެކޮޅަށް ހަނގުރާމަ އިއުލާން ކޮށްފަ!