އިނގިރޭސި ވިލާތުގައި ތަކުރާރުކޮށް އެކި ވައްކަންތައް ހިނގަމުން ދާތީ ފުލުހުން އެ ވައްކަން ކުރާ މީހާއަކީ އެކަކަށް ވެދާނެ ކަމަށް ޝައްކުކޮށް އޭނާ ހޯދުމަށް މަސައްކަތް ކުރިއެވެ. އަދި އެކަމުގެ ތުހުމަތުގައި ޖެނުއަރީ މަހުގެ ތެރޭގައި މީހަކު ހައްޔަރު ކުރިއެވެ. އެ މީހާ ކޯޓަށް ގެންދިއުމުން އޭނާ ވަނީ އޭނާ ވައްކަން ނުކުރާކަމަށް ތަކުރާރުކޮށް ބުނެފައެވެ.

އުމުރުން 34 އަހަރުގެ ޖޮނަތަން ނިކޮލަސް ބޯން ޑްރައިވް އޭރިއާގެ ގެއަކުން ވައްކަން އުޅޭކަން ފަޅާ އެރީ ދޮރުގެ ބެލްގައި ހަރުކޮށްފައި ހުރި ސީސީޓީވީ ކެމެރާއަކުންނެވެ. އޭނާ އެގެއަށް ވަންނަން އުޅޭކަން ސެކިއުރިޓީއަށް އެނގުމުން ގޭގެ ވެރި މީހާ އާއި ފުލުހުންގެ ސަމާލުކަމަށް ސެކިއުރިޓީން ވަނީ އެކަން ގެނެސްދެއެވެ. ޖޮނަތަން ވަނީ އޭނާ އެެ ގެއިން ވައްކަން ނުކުރާ ކަމަށް ތަކުރާރުކޮށް ބުނެފައެވެ.

އަދި އެ ގެއަށް ވަނީ ރައްޓިއްސަކު ހޯދަން ކަމަށް ބުނި ނަމަވެސް، އެ ގޭގައި އުޅޭ އެއްވެސް މީހަކު އޭނާ ނުދަންނަ ކަމަށް އެ ގޭގެ މީހުން ބުނެއެވެ. އާއްމުކޮށް ގޭގޭގައި ސީސީޓީވީ ކެމެރާ ހުންނަކަން ނުވަތަ ނޫންކަން ބަލާލުމުން އެނގެން ހުރެއެވެ. ޖޮނަތަން ވަތް ގޭގައި ހުރީ ފޮރުވިފައި ހުރި ސީސީޓީވީ ކެމެރާއެއް ކަމުން އެގެއަށް އޭނާ ވަނީ ކެމެރާ ހަރުކޮށްފައި ނެތް ގެއެއް ކަމަށް ހީކޮށެވެ.

ޖޮނަތަން އެގެއަށް ވަތް އިރު ހުރީ މަސްތުވާތަކެތި ބޭނުންކޮށްގެން ހުރި ކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ. އޭނާ އެއް އަހަރު ދުވަހަށް ޖަލަށް ލުމަށް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ. ޖޮނަތަންގެ ކުށުގެ ރެކޯޑް އޮތުމާއި އޭނާ އެ ގެއަށް ވަނީ ވައްކަން ކުރަންކަމަށް ބެލެވޭނެ ވަރަށް ހެކި ހުރުމުން އޭނާ އަށް ލުއި ދެވެން ނެތް ކަމަށް ވެސް ޖަޖް ވަނީ ބުނެފައެވެ.

ޖޮނަތަން އަކީ ކުރިން ވެސް ކުރު މުއްދަތަށް ވައްކަމުގެ ކުށުގައި ޖަލަށް ލާފައިވާ މީހެކެވެ. ހަތަރު ކުދިންގެ އެކަނިވެރި ބައެއްޕައެއްގެ މަގާމް އަދާކުރަމުން އައި ޖޮނަތަން އަކީ އޭނާ ބޮޑު ވުމަށް ފަހު މުޅި އުމުރު ވައްކަން ކުރުމުގައި ހޭދަކުރި މީހެކެވެ. އަދި ދޭތެރެ ދޭތެރެއިން ހައްޔަރުކޮށް ތިން މަހާއި ހަ މަހާއި ދެމެދުގެ މުއްތަށް އޭނާ ޖަލަށްލާފައިވެއެވެ.