ޅ.ހިންނަވަރަށް އުފަން އުމުރުން 35 އަހަރުގެ އައިމިނަތު ހުނައިޝާ ހަސަން، އާއްމު ނަމުން ނަމަ (ހުނޭ) އަކީ ފާއިތުވި 11 އަހަރު ވަންދެން ތައުލީމީ ދާއިރާއަށް ޚިދުމަތް ކުރަމުން އައި މުރާލި މުދައްރިސެކެވެ. މުޅި ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުން އައި ކޮވިޑް-19 ރާއްޖެއަށް ވެސް ކުރިމަތިވެ، ސްކޫލްތައް ބަންދުކުރުމާއި ހިސާބުން، މަޖީދިއްޔާ ސްކޫލްގައި އެކައުންޓް ކިޔަވަދެމުން އައި ހުނޭއަށް ވެސް އޭނާ އާއްމުކޮށް ކުރަމުން އައި އުގަންނައިދިނުމުގެ ޒިންމާ އާއި ދުރުގައި ގޭގައި މަޑުކޮށްލަން ޖެހުނެވެ.

ގޭގައި ހުންނަން ޖެހުނު ދުވަސްކޮޅު ހުނޭއަށް ފެނުނު އިހުސާން ފިހާރައިގެ ޚަބަރަކާއި އެކު އޭނާ ފެށީ މުޅިން އާ މަސައްކަތަކެވެ. އެ ޚަބަރުގައި ވަނީ އިހުސާން ފިހާރައިން މާސްކް ހުސްވެގެން ޑެލިވަރީ ހުއްޓާލަން ޖެހިދާނެ ކަމުގެ ހަބަރެވެ. އެހާހިސާބުން ގޭގައި އިނދެކެން، ހުނޭ ކުރި މަސައްކަތަކީ، މާސްކް ފަހަން ދަސްކުރުމުގެ މަސައްކަތެވެ. މުޅިން އަލަށް ހުނޭ ކުރަން ފެށި މި މަސައްކަތުގައި، ފުރަތަމަ އައީ ތަޖުރިބާކުރުމުގެ މަރުހަލާތަކެކެވެ.

ހުނޭ ހަދާފައިވާ މާސްކްތަކެއް: ފޮޓޯ މީސްމިޑިއާ

ހުނޭ "ވަގުތަށް" މައުލޫމާތު ދެމުން ބުނީ، އެނާ މާސްކް ފަހަން ފެށީ، މިފަދަ ދަތި ދަނޑިވަޅެއްގައި އާއްމުންނަށް އެހީވުމުގެ މަގުސަދުގައިކަމަށެވެ.

"އެންމެ ފުރަތަމަ ހެދީ ވަރަށް އާދައިގެ ގޮތަކަށް މާސްކް. ދެން ހަދާފައި އިހުސާން ފިހާރައާއި ނުއެއް ގުޅުނު. އޭރު މަހުލޫފް އުޅޭ ޑެލިވަރީގައި. ދެން މަހުލޫފް ނަމްބަރު ހޯދައިގެން މެސެޖްވެސް ކުރިން. ގުޅިން، ޖަވާބެއް ނުލިބުނު. ރެޑްކްރެސެންޓަށް ވެސް ގުޅިން. ދެން ބަލާނަމޭ ބުނެފައި ކުރިއަށް ނުދިޔައިމަ ޖެހީ ޕޯސްޓެއް. ދެން ވަރަށް ބައިވަރު އޯޑަރސް ލިބުނު، އެހާހިސާބުން އެނގުނީ އަސްލު ވަރަށް ބައިވަރު މީހުންނަށް ބޭނުންވާކަން މާސްކް." ހުނޭ ކިޔާދިނެވެ.

ހުނޭ ހަދާފައިވާ މާސްކްތަކެއް: ފޮޓޯ މީސްމިޑިއާ

އެންމެ ފުރަތަމަ ހުނޭ އުފެއްދި މާސްކްތައް ބަހާފައި ވަނީ ފުލުހުންނާއި، ނަރުހުން ފަދަ ފުރަތަމަ ސަފުގައި މަސައްކަތް ކުރާ ފަރާތަކަށެވެ. އެގޮތުން ވަކި ވަކި ފަރާތްތަކާއި، ޔުނިފޯމް އެޅި މުއައްސަސާތައް ހިމެނޭގޮތަށް 800 މާސްކް އޭނާ ވަނީ ބަހާފައެވެ. އޭގެ ތެރޭގައި 160 މާސްކް ބެހީ ފުލުހުންނަށެވެ. އަދި 300 މާސްކް ބަހާފައި ވަނީ ނަރުހުންނަށެވެ.

ހުނޭގެ މާސްކްތަކަށް ލިބުނު އާދަޔާއި ޚިލާފް ތަރުޚީބަށް ފަހު މިހާރު އޭނާ ވަނީ ހައުސް އޮފް ހުނޭގެ ނަމުގައި ފޭސްބުކް ޕޭޖެއް ހަދާ އެ މާސްކްތައް ވިއްކަން ފަށާފައެވެ.

ހުނޭ ހަދާފައިވާ މާސްކްތަކެއް: ފޮޓޯ މީސްމިޑިއާ

" ބޭނުމެއް ނޫން ހަމަ މާސްކަކަށް މާސްކެއް ހަދާކަށް. ބޭނުންވަނީ ކޮލިޓީކޮށް، ރީތިކޮށް ހުންނަން. ވަރަށް އޯޑަރ ލިބޭ. އަސްލު ވަރަށް ގިނަ މީހުންގެ ކޮމެންޓްސް ލިބޭ ހަމަ ވަރަށް ރީއްޗޭ. ވަރަށް ރަނގަޅޭ. އެހެންވެ ވަރަށް އުފާވޭ." ހުނޭ ކިޔާދިނެވެ.

މާސްކްގެ އިތުރުން ބޮލުގައި އަޅާ ހެޑް ބޭންޑްވެސް ހުނޭ ދަނީ ވިއްކަމުންނެވެ. ޕްލެއިން މާސްކެއް 15 ރުފިޔާއަށް ވިއްކާއިރު މަންޒަރު ޖެހި މާސްކެއް ވިއްކަނީ 20 ރުފިޔާއަށެވެ. އަދި ކެޑް ބޭންޑެއް ވިއްކަނީ 25 ރުފިޔާއަށެވެ. އަދި އެ މާސްކްތައް 4 ސައިޒަކުން ލިބެން ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ވަރަށް ބަރާބަރު ފުރަތަމަ ހިލޭއެހީ މިހާރު އޭގެބަދަލް ތިބާޔަށް ލިބޭ ، އެތަށްބަޔަކަށް ހިތްހަ،މަޖެހުން ދޮންކަނބުލޮޔަށް އާމްދަނީ ، ކާމިޔާބުދުވަސްތަކަކަށް އެދެން ކުރިޔަށް ކުރިޔަށް...

    35
    3
  2. ޛޖ

    ޙުނެ މިސް ޔު ރަރރރރ ރް ސޯ ޓެލެންޑެޓް

    23
  3. ގައުމުގެ ދަރި

    ހާލަތަށް ފިޓުވެ އާމްދާނީ ހޯދިދާނެ ގޮތުގެ ލަމަސީލު

    28
    1
  4. Anonymous

    ރިބާ

    2
    19
  5. ރީތި

    ހުނޭ ހާދަ ރިއްޗޭ

    7
    1
  6. މަޖީދިއްޔާ ދަރިވަރެއް

    ހުނޭ މިސް އަކީ ހުރިހާ ދަރިވަރުންނަށްވެސް އޯގާތެރި ހިތްހެޔޮ އަދި ވަރަށް ޓެލެންޓެޑް މުދައްރިސެއް. ދަ ބެސްޓް އޭ ބުންޔަސް ދޮގަކަށް ނުވާނެ. ވަރަށް ފަޙުރުވެރިވޭ މިކަހަލަ ދަނޑިވަޅެއްގައިވެސް މިސް ތިދައްކަވާ ނަމޫނާ އަށް. ކީޕް އަޕް ދި ގުޑް ވަރކް އެންޑް ކީޕް އިންސްޕައިރިންގް އަސް! 3>

    13
  7. ާަްެއެކުވެރިއެއް

    1000 މާސްކް އައްވުރެ ގިނަ މާސްކު ހުނޭ ފެހި ހިލޭ.
    ޢަދި މިހާރުވެސް ފުރޮންޓްލައިންގަ މަސަކަތް ކުރާ ކުދިންނަށް ހިލޭ ފަހާދޭ މާސްކް..