މަޝްހޫރު ފިލްމީ ބަތަލާ މަރިޔަމް އައްޒަގެ މަންމަ އައިމިނަތު ރަޝީދާ (އައިންތު) ގޭގައި ބެލްކަނީގައި އޮއްވައި އަޑު އިވެނީ އެމްބިއުލަންސްއެއް ސައިރަން އަޅާ އަޑެވެ. އެމްބިއުލަންސް ހަސީނާމެން ގޭ ދޮށަށް ދިޔަ ތަން ފެނުމާ ގުޅިގެން އައިންތު އަށް ލިބުނީ ކުއްލި ސިހުމެކެވެ. ވަގުތުން، ފޯން ނަގާފައި އަމީ ނަމަކަށް ކިޔާ އަވަށްޓެރިއަކަށް ގުޅައި ހަބަރު ދިނެވެ. އައިންތު ދައުވަތު ދިނީ ހަސީނާ މެން ގޭ ކައިރިއަށް ވީހާވެސް އަވަހަކަށް ދިއުމަށެވެ. އެމްބިއުލާންސްގައި ގެންދަނީ ކާކުތޯ ބެލުމަށެވެ. އައިންތު އެންމެ ބޮޑަށް ބޭނުންވީ ވެގެން އުޅޭ ގޮތަށް ސާފު ކުރުމަށެވެ.

މިއީ ދިވެހި މުޖުތަމައުގައި މިހާރު އާންމުކޮށް ފެންނަ އެއް ކަމެވެ. އެމްބިއުލާންސްގެ އަޑަށް މީހުން ގެއިން ބޭރަށް ނުކުމެ، ގެންދަނީ ކާކުތޯ ބަލައެވެ.

މަޝްހޫރު "ޔާރާ ޕްރޮޑަކްޝަން" އިން ރިލީޒް ކުރި ކުރު ފިލްމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އެއީ ގޯހެއް ކަން އަންގައި ދިނުމަށެވެ. އެ ފިލްމުގައި ދެން ވާނެ ގޮތް ދޫކޮށްލަން ބޭނުންވަނީ، ފިލްމު ބަލަން ކެތް މަދުވެފައި ތިބި މީހުންނަށެވެ.

މި ފިލްމުގައި މަސައްކަތްކޮށްފައި ވަނީ އައިންތުގެ އިތުރުން، އޭނާގެ ދަރިފުޅު އައްޒަ އާއި އައްޒަގެ ދަރިފުޅު އީތަންއެވެ. އަދި މި ފިލްމު އެޑިޓްކޮށް ޕްރޮޑިއުސްކޮށްފައި ވަނީ އައްޒަގެ ފިރިމީހާ އަދި މަޝްހޫރު ފިލްމީ އެއް ބަތަލް މުއާ އަބްދުﷲ އެވެ.

https://www.facebook.com/Officialmariyamazza/videos/256417202275877/

ރޭގެ ވަގުތެއްގައި ފޭސްބުކްގައި އާންމު ކުރި ވީޑިއޯ އަށް މިހާތަނަށް، 61،000 އަށް ވުރެ ގިނަ ވިއުސް ވަނީ ލިބިފައެވެ. އަދި 988 މީހަކު މި ވީޑިއޯ ފޭސްބުކްގައި ޝެއާކޮށްފައިވާ އިރު، މިއީ އައްޒަ އާންމު ކުރި ވީޑިއޯތަކުގެ ތެރެއިން އެންމެ މަގުބޫލުކަން ލިބުނު އެއް ވީޑިއޯއެވެ.

މި ވީޑިއޯގެ ކޮންސެޕްޓަކީ އޭނާގެ މަންމަ އައިންތުގެ ކޮންސެޕްޓެކެވެ.

ޔާާރާ ޕްރޮޑަކްޝަންގެ ކުރު ފިލްމުގައި އަލި އަޅުވާލާފައިވަނީ ފަރުދީ ޒިންމާ އަދާކުރުމުގައި ދިވެހިން ދައްކަންވީ މިސާލެވެ. "ކުޅި ބަލަން" ގެއިން ބޭރަށް ނުގޮސް، ގޭގައި ތިބުމުގެ މުހިންމު ކަމެވެ. ކަމާބެހޭ ފަރާތްތަކުން ދެމުން އަންނަ އިރުޝާދުތަކަށް ބޯލަނބަން ބާރު އަޅާފައިވެއެވެ.

ފިލްމުގައި އައިންތު ގެއިން ބޭރަށް ނުކުމަށް މަސައްކަތް ކުރަނީ ބޮޑެތި ޑަސްބިން ކޮތަޅާއި ވިއްސާރަ ކޯޓާއި އައިނާއި އަންގި އާއި މާސްކް ފަދަ ތަކެތި އަޅައި ހަށިގަނޑު އެއްކޮށް ނިވާކޮށްގެންނެވެ. އައިންތު އަށް ބަލި ނުޖެހޭނެ ހުރިހާ ފިޔަވަޅެއް އަޅައިގެންނެވެ.

އެކަމަކު، އެ ހުރިހާ ކަމަކަށް ހުރަސް އެޅީ، އައިންތުގެ ދަރިފުޅު އައްޒައެވެ.

މި ފިލްމުގައި ވަރަށް އަސަރާ އެކީގައި އައްޒަ ބުނީ މިހެންނެވެ.

"އެއްޗެއް ވިސްނޭހެން ހިއެއް ނުވޭ. ކިރިޔާ ކަމެއް ވާ އިރަށް ހުރިހާ އެންމެން ގޮވައިގެން ގްރޫޕް ގޮވައިގެން ތަންތަނަށް ކަން ބަލަން ތި ދަނީ. މަންމަ ތިހުރީ ތިގޮތަށް ތަންތަނަށް ކަން ބަލަން ގޮސް، ދެވިހިފާފައި،" އައްޒަ ބުންޏެވެ.

ރައްދުގައި އައިންތު ބުނީ އެކަހަލަ ތަންތަނަށް ދަނީ ތެދު މައުލޫމާތު އޮޅުން ފިލުވަން ކަމަށެވެ. އެކަމަކު، އައްޒަ ދުލެއް ނުދިނެވެ. އައްޒަ ބުނީ ސައްހަ ހަބަރުތައް ބަލަންވީ ޓީވީން ކަމަށާއި ކަމާބެހޭ ފަރާތްތަކުން 24 ގަޑިއިރު ނުނިދާ، ކައި ނުބޮއި ތިބީ ސައްހަ މައުލޫމާތު ފޯރުކޮށްދޭން ކަމަށެވެ.

އައްޒަގެ އެ ހުރިހާ ވާހަކަތަކާ ގުޅިގެން އޭނާގެ މަންމަ ވަނީ ބޭރަށް ދިއުމަށް ވިސްނި ވިސްނުން ދޫކޮށްލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަޔަންތަން

    އައްޒަގެ އެކްޓިންގ ކަމުދިޔަ ފުރުތަމަ ފަހަރު މިއީ. ވަރަށް އިބްރަތްތެރި. އައިންތު ވަރަށް ބަރާބަރު

    51
    5
  2. ނޫސްކިޔާމީހާ

    ވވ. ސަޅި. މަވެސް ބަލަން ކުޑަދޮރުން އެމްބިއުސާން އެނެޖެންސީގަ ދާނަމަ.

    8
    2
  3. ހަމަ މަ.

    ސާބަސް ކޮން ކޮތަޅެއް މުޅި ގައިގަ އެ އޮޅަނީ؟؟??