"މަ މީ ކާކުގެ ދަރިއެއް." ރީޝާ ޖެހިލުމެއްނެތި އެހިއެވެ. މިފަހަރު ފިރާޝާއަށް ލިބުނު ޝޮކު ވަރުގަދައެވެ.

ކުއްލިއަކަށް ރީޝާގެ ވިސްނުން ދަތުރުކުރި ހިސާބެއްގެ ސަބަބުން ފިރާޝާއަށް އުދަނގޫތަކެއް ވެއްޖެއެވެ. ބިރުވެރިކަމާއި، ހާސްކަމާއި، ނުތަނަވަސްކަމުގެ ތެރެއަށް އޭނާގެ ނަފުސު ގެނބިގެން ހިނގައްޖެއެވެ.

"ދަރިފުޅު ކީކޭ ކިޔާ ދުވަހެއް." ފިރާޝާ ހަމަޖެހިލަން މަސައްކަތްކުރިއެވެ. އެހެނަސް ރީޝާގެ ތޫނު ދެލޯ އަމާޒުކޮށްގެން އިން ގޮތުން ވެސް އޭނާއަށް އުނދަގޫވަމުން ދިޔައެވެ.

"މަންމަ މޮޅެއްނޫނޭ ދޮގު ހަދާކަށް." ރީޝާ ފަރުވާތެރިކަމާއެކު، އެ މޫނަށް އަރަމުންދިޔަ ކުލަވަރު ތަރުޖަމާކުރަމުން ބުންޏެވެ. "މަދެކެ ނުވި ލޯތްބެއް ރިޝާމް ކޮއްކޮދެކެ ވާންޖެހޭނެ އިތުރު ސަބަބެއް ނެތް. މަ މީ އޭނަގެ ދަރިއެއް ނޫން. އެހެންވެ މަދެކެ އެހާ ރުޅި އަންނަނީ. އޭނަ ދުވަހަކު ވެސް ލޯބިން މަށާ ވާހަކަ ދައްކާފައެއް ނުވޭ. ކަމެއް ބޭނުންވެގެން ނޫނީ ދަރިފުޅާ އޭ ކިޔާފައި ވެސް ގޮވައި ނުލާ. މިހާރު އަހަންނަށް ވިސްނިއްޖެ އޭނަ އެ ގޮތަށް ކަންތައްކުރި ސަބަބު. މަ މީ ނަހަލާލު ދަރިއެއް. އެހެންވީމަ."

ކުއްލިއަކަށް ރީޝާގެ ސިކުނޑިއަށް ވެރިވެގެން ދިޔަ ޚިޔާލެއްގެ ސަބަބުން، ދައްކަމުންދިޔަ ވާހަކަތައް މެދުކެނޑުނެވެ. ކުޑައިރުގެ ބަލި ހަނދާންތަކެއް އާވެގެން ދިޔައީއެވެ. ނިހާދު އެތައް ދުވަހަކު ރީޝާއަށް ނަހަލާލު ދަރީގެ ލަޤަބު ދީފައިވެއެވެ. ރީޝާއާ ދިމާއަށް ނުބުނި ނަމަވެސް ފިރާޝާދެކެ ރުޅި އައިސްގެން ކުރާ ޒުވާބުތަކުގައި އެފަދަ ބަސްތައް ބުނެފައިވެއެވެ.

"ކަލޭ މި ނަހަލާލު އެތީގެ ބަފާ ކައިރިއަށް ދާންވީނު." ރީޝާ ހަނދާންކޮށްލައިފައި، މަޑުމަޑުން ބުންޏެވެ. "އެއީ އެ ބައްޕަ ބުނާއެއްޗެއްނު. ހަނދާންވެއްޖެ. އެއީ ހަމަ އެމީހާ ބުނާ އެއްޗެއް."

ރީޝާގެ ދެލޮލަށް ނަޒަރު ސީދާކޮށްލައިގެން ހިމޭންވެފައި ފިރާޝާ އިނީ ބުނާނެ އެއްޗެއް ނުވިސްނިގެންނެވެ. އެހެން އިންދައި އެ ދެލޮލަށް ކަރުނަ ޖަމާވެ، ދެލޯ ފުސްވެއްޖެއެވެ. އެ ހަމަހިމޭންކަމާއި ކަރުނައިގެ ސަބަބުން ރީޝާގެ ހިތުގައި އުފެދުނު ޝައްކާއި ވަހުމު ޔަޤީނަށް ބަދަލުކުރިއެވެ. ރީޝާއަކީ ނިހާދުގެ ދަރިއެއްނޫންކަމަށް އޭނާއަށް ޤަބޫލުކުރެވިއްޖެއެވެ. ވީއިރު އޭނާއަކީ ކާކުގެ ދަރިއެއް ހެއްޔެވެ؟

"އަހަރެންގެ ބައްޕައަކީ ކާކު؟" ރީޝާ އެހިއެވެ. ދެން ވެސް ފިރާޝާ އިޚްތިޔާރުކުރީ ހިމޭންކަމެވެ. ޙަޤީޤަތް ހާމަކުރާނެހާ ބާރު އެ ދުލުގައި ނުވާ ކަހަލައެވެ. ރީޝާއަށް ލިބުނު ކޮންމެ ހިތާމައަކާ ވޭނަކީ ޚުދު ފިރާޝާގެ ސަބަބުން ރީޝާ ތަޙައްމަލުކުރަން ޖެހުނު ކަންކަމެވެ. އެ ހަނދާންތައް އާވުމާއެކު އޭނާގެ ދެލޮލަށް ފުނި ޖެހެމުން ދިޔަ ކަރުނަތައް ބަންޑުންވެއްޖެއެވެ.

"މަންމައަށް މާފުކުރޭ." ގިސްލަމުން ފިރާޝާ ބުންޏެވެ. "ދަރިފުޅަށް ލިބުނު ކޮންމެ އަނިޔާއަކީ މި މަންމަގެ ސަބަބުން ލިބުނު އަނިޔާއެއް. މަންމައަށް މާފުކުރޭ."

ރީޝާ ތެދުވެގެން ގޮސް ފިރާޝާގެ ބުރަކަށީގައި ފިރުމައިލިއެވެ. އަދި އެ ދެލޮލުން ފައިބަމުން ދިޔަ ހޫނު ކަރުނަތައް ފޮހެލަދިނެވެ. ލޯތްބާއެކުއެވެ.

"މި ހިތުގައި މަންމަގެ މައްޗަށް ކުޑަވެސް ބުރަކަމެއް ނުވޭ." އޯގާތެރިކަމާއެކު ރީޝާ ބުނެލިއެވެ. އޭނައަކީ ނިހާދުގެ ދަރިއަކަށް ނުވިޔަސް ފަރުވާލެއް ނެތެވެ. އެކަމާ ކުޑަކޮށް ވެސް ދެރައެއް ނުވެއެވެ. ކުޑައިރުންސުރެ އޭނާގެ ހިތުގައި ނިހާދުގެ މައްޗަށް ކުލުނެއް އުފެދިފައި ނުވާތީއެވެ.

"ދަރިފުޅު މަންމަދެކެ ކުޑަކޮށްވެސް ރުޅިއެއް ނާދޭތަ؟" ފިރާޝާ ހިންދިރުވައިލަމުން ސުވާލުކުރިއެވެ. ރީޝާއަށް އެ ހިތި ހަޤީޤަތް އެނގޭ ދުވަހަކުން ފިރާޝާއަށް ނަފުރަތުކުރާނެކަމަށް އޭނާއަށް ހީކުރެވުނެވެ. އެ ދަރިފުޅަށް ލިބުނު އަނިޔާގެ އިލްޒާމުތައް އެ ބޮލުގައި އަޅުވާނެކަމަށް ވެސް ހީކުރިއެވެ. ނިހާދުގެ އެދުމަށް ބޯލެނބީ ވެސް އެ ބިރު އެ ހިތުގައި އޮތަތީއެވެ. އެހެނަސް ރީޝާ ނުރުހުމުގެ އެންމެ ލަފުޒެއް ވެސް ނުބުނެއެވެ. އޭގެ ބަދަލުގައި އޭނާ އެނގެން ބޭނުންވީ އޭނާގެ ޙަޤީޤީ ބައްޕައަކީ ކާކުކަމެވެ.

"ތި އެހާ މުހިންމު ސުވާލެއްނޫން." ފިރާޝާ ދިން ޖަވާބަކީ އެއީއެވެ. އަނެއްކާ ވެސް ރީޝާގެ ސިކުނޑިއަށް ބާރުކުރަން ފަށައިފިއެވެ. ފިރާޝާއަކީ ނިހާދުގެ "ވިޔަފާރި" ގެއެވެ. އެ ވިޔަފާރި ގެއިން ގިނަބަޔަކަށް ޚިދުމަތްދީ ހޯދައިފައި ވެސް ވެއެވެ. ރީޝާއަކީ އެތަނުން މީހަކު ދިން ހަދިޔާއަކަށް ވެދާނެ ހެއްޔެވެ؟ އެއީ ލާއިޤު ކަމެކެވެ. އެހެންކަމުގައި ވާނަމަ، ރީޝާގެ ބައްޕައަކީ ކާކުކަން ޚުދު ފިރާޝާއަށް ވެސް ނޭނގުމަކީ އެކަށީގެންވާކަމެކެވެ.

"މަންމައަކަށް ވެސް ނޭނގެ ދޯ؟ އެހާ ގިނަ މީހުން.." ރީޝާ ޖެހިލުންވެފައި ހުރެ ބުނެލިއެވެ. މިފަހަރު ރީޝާކުރި މުޑުދާރު ސުވާލުގެ ސަބަބުން ފިރާޝާއަށް ފުންމައިގެން ތެދުވެވިއްޖެއެވެ.

"ރީޝާ. ލަދެއް ނުގަނޭތަ ތި ގޮތަށް މި މަންމައާ ވާހަކަ ދައްކާކަށް." ފިރާޝާ ހިތްހަމަނުޖެހުނެވެ.

ފިރާޝާގެ ބޮލުގައި އެގޮތަށް ތުޙުމަތު އެޅުވުނީތީ ރީޝާ ދެރަވެއްޖެއެވެ.

"މަންމަ އަހަރެންކުރާ ސުވާލުގެ ޖަވާބު ނުދޭތީ، ހިތަށް އަރާ ކޮންމެ އެއްޗެއް އެހެނީ." އެއީ ރީޝާގެ މިޒާޖެވެ. ހިތަށް އަރައި ސުވާލުތައް ދުލުން ބޭރުވަނީ އޭނާއަށް ވެސް އެނގުމެއް ނެތިއެވެ.

ފިރާޝާ ހިތްހަމަނުޖެހިފައި ހުރުމުން، އިތުރަށް އެ މައްސަލަ ތަޙްޤީޤުކުރާކަށް ރީޝާ ބޭނުމެއް ނުވިއެވެ. ރީޝާގެ ޙަޤީޤީ ބައްޕައަށް ނިހާދުނުވުން އެއީ އޭނާއަށް އުފާވެރިކަން ލިބުނުކަމެކެވެ. އެހާ ނުލަފާ މީހެއްގެ ދަރިޔަކަށްވާން އޭނާ ބޭނުމެއް ވެސް ނޫނެވެ.

****

ރީޝާ ކޮޓަރީގައި އިނދެގެން ވިސްނަމުން ދިޔައީ ދިރިއުޅުމާ މެދުގައެވެ. އެ ދިރިއުޅުމުން އޭނާއަށް ވޭނާ ހިތްދަތިކަން ނޫނީ ނުލިބެއެވެ. ޝިހާމްގެ ކިބައިން މިންޖުވެގެން އޭނާ ރަށަށް ދާން ބޭނުންވެއެވެ. ޝިހާމް ގާތުގައި އެ ހުއްދައަށް އެދުމުން ޝިހާމް އެކަމާ ފާޅުގައި ދެކޮޅު ހެދިއެވެ. ދުވަހެއްގެ ކޮޅުން ވެސް އެކަމާ އެއްބަސްނުވެވޭނެކަމަށް ވެސް ޝިހާމް ބުނެފައިވެއެވެ. ރީޝާއަށް އިތުރު ގޮތެއް ވިސްނަންޖެހުނީ އެ ހިސާބުންނެވެ.

ރީޝާ ފުން ވިސްނުމަށް ގެއްލިފައި އިންދައި ބޭރުން ޝިހާމްގެ އަޑުއިވިއްޖެއެވެ. އޭނާ ތެދުވެގެން ގޮސް ދޮރުކައިރީގައި ހުއްޓުނެވެ. ދޮރުފަތުގައި ކަންފަތް ޖައްސައިލުމާއެކު އިތުރު ދެމީހެއްގެ އަޑުވެސް އިވުނެވެ. އެޔާއެކު އޭނާގެ ޝައިޠާނީ ސިކުނޑިއަށް މޮޅު ޚިޔާލެއް އަޔެވެ. ޝިހާމްގެ ރައްޓެހިން ފެންނަ ހިސާބަށް ދިޔުމާއި، އެމީހުންނާ ވާހަކަ ދެއްކުމަކީ މަނާކޮށްފައިވާ އޮންނަ ކަންތައްތަކެއް ކަން ރީޝާއަށް ވަރަށް ރަނގަޅަށް އެނގެއެވެ.

ރީޝާ ބޭރަށް ނުކުތްއިރު ޝިހާމް ފެންނާކަށް ނެތެވެ. ކާކޮޓަރިއަށް ވަންއިރު ޝިހާމާއި އޭނާގެ ރައްޓެހިން ތިބީ ކެއުމަށް އިންސާފުކުރާށެވެ. ރީޝާ ފެނުމާއެކު ޝިހާމަށް ސިހުމެއް ލިބުނުކަން ޔަޤީނެވެ. އެތަނުގައި ތިބި ޝިހާމްގެ ދެ އެކުވެރިން ވެސް ރީޝާއަށް ބެލީ ނުރުހުމުގެ ނަޒަރުންނެވެ. އެކަމާ ރީޝާ ފަރުވާލެއް ނުބަހައްޓައެވެ. މަޑުމަޑުން ހިނގާލައިފައި ގޮސް މޭޒު ކައިރީ ހުއްޓުނެވެ.

"ޝިހާމްބޭ މި ކޮން ރައްޓެހިންނެއް. ދުވަހަކު ވެސް ނުދެކޭ ބަޔެއް މީ." ރީޝާ ފުޅާ ހިނިތުންވުމެއް ދިނެވެ. ޝިހާމް ހިތްހަމަނުޖެހިފައި ރިޒްމާއަށް ގޮވައިލީ ބާރަށެވެ. ބަދިގެ ފަރާތުގައި ހުރި ރިޒްމާ އެތަނަށް އައީ ދުވެފައެވެ. ރީޝާ ފެނުމާއެކު ރިޒްމާ ތެޅިފޮޅިގަތެވެ. ހީވީ ބިރެއް ފެނުނު ހެންނެވެ. ނިކަން ބާރަށް ގޮސް ރީޝާގެ ބުރިކަށީގައި ދެއަތް އަޅައި ކޮށްޕަމުން އެތަނުން ބޭރަށް ނެރުނެވެ.

"ކިހިނެއްވީތަ؟" ސަބަބު އެނގުނު ނަމަވެސް ރީޝާ އެހިއެވެ.

"ހަމަ ނޭނގިގެން ތި އަހަނީ. ވީ ކަންތައް ނުވިސްނޭވަރުގެ ކުއްޖެއްތަ ތީ؟" ރިޒްމާ ހުރީ ކުޑަކޮށް ހިތްހަމަނުޖެހިފައެވެ.

"ނޭނގުނޭ. ބުނެދީބަލަ." ރީޝާ ހުރީ ރަކި ހިންޏެއް އައިސްފައެވެ.

"ތި ގޮތަށް ހިލޭ ފިރިހެނުންގެ ކުރިމައްޗަށް ދާން ރީޝާ ލަދެއް ވެސް ނުގަނޭތަ؟" ރިޒްމާ މޫނު ދުރަށް އަނބުރައިލީ ނުރުހިފައެވެ. ރީޝާ ލައިގެން ހުރީ ގަޔަށް ބާރު އަތްކުރު ޓީޝާޓަކާއި ހަރުވާޅެކެވެ. ބުރުގާ އަޅައި މީހެއް ނަމަވެސް އެގޮތަށް ހެދުން އަޅައިގެން އެމީހުންގެ ކުރިމައްޗަށް އޭނާ ދިޔައީ ޤަޞްދުގައެވެ. އެކަން ރިޒްމާއަށް އެނގެއެވެ.

"ޝިހާމަށް ކޯއްޗެއް ވިސްނަދޭންވެގެން ތިމާގެ ހަށިގަނޑު ނީލަން ތި ކިޔަނީ؟ ލަދުގަނެބަލަ! ބިރުވެތިވެބަލަ!" ރިޒްމާ ބުނެލިއެވެ.

"ކޮންމެ ރެޔަކު ކަހަލައިން އެ ޝިހާމު އައިސް މަގައިގަ ބޯވައެއްހެން ތަތްވެގެން އޮންނައިރު މި ޓީޝާޓު ވެސް މަގޭ ގަޔަކު ނޯވެޔޭ." މަލާމާތުގެ ރާގަކަށް ރީޝާ ބުންޏެވެ. "އެ ވަގުތު ތި ދައްތަ އައިސް ކީއްވެގެންތަ ނުބުނަނީ ލަދެއްވެސް ނުގަނޭހޭ؟ ބިރެއްވެސް ނުގަނޭ ހޭ؟ އެގަޑީގައި ތި ދައްތަ ހުންނަނީ ހަމަހިމޭނުން. ދެން މިހާރު މަ އޮރިޔާމުން މިތަނަށް ނުކުތަސް ދައްތައަށް ކީއްތަ؟ ނުބުނާތި އެ ޝިހާމަކީ މަގޭ ފިރިމީހާއޭ. މަގޭ ނަޒަރުގައި ޝިހާމަކީ ވެސް މަށަށް ހިލޭ މީހެއް."

ރިޒްމާ ދެއަތަށް ބޯ ހޫރުވައިލިއެވެ. ރީޝާއަށް ވިސްނައި ދޭން މަސައްކަތްކޮށްކޮށް އޭނާ ވަރުބަލިވެއްޖެއެވެ. މިހާރަކަށް އައިސް ރީޝާ އަބަދުވެސް ބަލަނީ ޝިހާމަށް ޖެއްސުންކުރެވޭތޯއެވެ. ޝިހާމް ރުޅި އަންނަ ކަންކަންކުރުން އޭނާގެ އުފަލަކަށް ހަދައިފިއެވެ. ނުރުހުމުގައި އެޅުވި ބުރުގާ ވެސް ނަގައި އެއްލައިލައިފިއެވެ. ރިމްޒާ ނަޞޭޙަތް ދިނުމުން ވެސް ބުރުގާ އަޅާކަށް ރީޝާ އެއްބަހެއް ނުވިއެވެ. ޝިޙާމް އެކަމަށް އަދަބުދިނެވެ. ސުކޫލަށް ދިޔުން މަނާކުރިއެވެ. އެވަރުން ވެސް ރީޝާ އުޅުން ބަދަލެއްނުވިއެވެ.

"ތި އުޅެނީ ޝިހާމްގެ އަތުން ބޮނޑިއެއް ބޯންވެގެންތަ؟" ރީޝާގެ މިޒާޖަށް އައިސްގެން އުޅޭ ބަދަލުގެ ސަބަބުން ރިޒްމާ ހުންނަނީ ބޮލަށް އުނދަގޫވެފައެވެ.

"މިހާރު ލިބިފައި މިހުރި ބޮނޑިއަށްވުރެ ވަރުގަދަ ބޮނޑިއެއް ނުލިބޭނެ." ރީޝާ އެއްމިޔަކަނުން ހީނލިއެވެ. އަދި އެނބުރި ބަދިގެއާ ދިމާއަށް ދިޔުމަށް ހިނގައިގަތެވެ.

"ތިއުޅެނީ ޝިހާމުގެ އަތުން މަރުވާންވެގެންތަ؟" ރީޝާގެ އަތުގައި ހިފައިލަމުން ރިޒްމާ ބުނެލިއެވެ.

"ދުވާލަކު އެތައް ސަތޭކަ މަރަކުން މަރުވުމަށްވުރެ އެއްފަހަރުން މަރުވިޔަސް ހިތަށް ފަސޭހަވާނެ. ދައްތަ ވެސް މަށަށް ހެވެއް އެދެންޏާ މަ ރަށަށް ފޮނުވައިދީ. ރަށަށް ފޮނުވަން އެއްބަސްވަންދެން މި އުޅުމެއް ބަދަލެއްނުކުރާނަން." ރިޒްމާގެ އަތް ފޮޅުވައިލަމުން ރީޝާ ކުރިޔަށް ހިނގައިގަތެވެ.

"ޝިހާމަކީ ދައްތައަށް ބާރު ފޯރުވޭވަރުގެ މީހެއްނޫނޭ." ރިޒްމާ ކުރި ބެއްދިއެވެ. "ދައްތަ ވެސް ބޭނުމެއް ނުވޭ ރީޝާއަށް ތި އަނިޔާ ލިބިލިބި ހުންނާކަށް."

"އެހެންވީރު ދައްތަ މަށަށް އެހީވޭ؟" ރީޝާ އެދުނެވެ.

"ކިހިނެއް؟" ރީޝާއަށް އެހީތެރިވުމުގެ ގޮތުން ކުރާނެކަމެއް ރިޒްމާއަކަށް ނުވިސްނެއެވެ. އެހެނަސް އުމުރުން ފަނަރަ އަހަރުގެ ރީޝާއަށް ވިސްނެއެވެ. އެ ރޭވުން ވެސް މިހާރު ވަނީ އޭނާގެ ސިކުނޑީގައި ރާވާ ނިންމާފައެވެ. ދެން އޮތީ ރިޒްމާގެ އެހީތެރިކަމާއެކު އެކަމަށް ޢަމަލީ ސިފައެއް ގެނައުމެވެ.

އިންޑިއާއަށް ކުރި ދަތުރުގައި ލިޔުންތަކެއްގައި އިނގިލީގެ ނިޝާން ޖެއްސުވި ހަނދާން ރީޝާ ނުނެތެއެވެ. އަދި ކާވެނިކުރުމަށްފަހު ކާވެނިކޮށްދިން ފަރާތުން ވެސް ލިޔެކިޔުންތަކެއް ޝިހާމާ ހަވާލުކުރިއެވެ. އެ ލިޔުންތަކަކީ މުހިންމު ލިޔުންތަކަކަށް ވާނެކަމަށް ރީޝާގެ ހިތްބުނެއެވެ. ރީޝާއާއި ޝިހާމަކީ ދެމަފިރިންކަން އެ ލިޔުންތަކުން ސާބިތުކުރެވިދާނެއެވެ. އެހެންކަމުން ރީޝާ ރިޒްމާގެ ކައިރިން އެދުނީ އެ ލިޔުންތައް ހޯދައި ދިނުމަށެވެ.

"އެންމެ ރަނގަޅު." ރިޒްމާ ވިސްނާލައިފައި، އެއްބަސްވިއެވެ. "ދޭ ކޮޓަރިއަށް. ދެން ޝިހާމް ރުޅިއަންނަ އެއްވެސް ކަމެއްކޮށްގެން ނުވާނެ."

އެ ވަގުތު ގޭގެ ބެލް ޖެހި އަޑުއިވުނެވެ. ރީޝާ ގާތު ކޮޓަރިއަށް ދިޔުމަށް ބުނެފައި، ރިޒްމާ ގޮސް ދޮރު ހުޅުވައިލިއެވެ.

"ނަވީލް ކޮން ދަތުރެއް؟" ރީޝާ ކޮޓަރިއަށް ވަންނަނިކޮށް ރިޒްމާ ބުނި އަޑުއިވުނެވެ. ރީޝާގެ ހިޔާލު އަނެއްކާ ވެސް ބަދަލުވިއެވެ. ރިޒްމާ އޭނާއަށް އެހީތެރިވާނެކަމަށް ބުންޏަސް އެ ބަހަކަށް އިތުބާރެއް ނެތެވެ. ރީޝާ ގޮސް ރިޒްމާގެ ފުރަގަހުން ހުއްޓުނެވެ. ނަވީލަށް ރީޝާ ފެނުނު ފުރަތަމަ ފަހަރަކީ އެއީއެވެ. ރީޝާއާއި ހަތަރުކަޅި ސީދާވެގެން ދިޔަ ވަގުތު ނަވީލްގެ ހިތުގެ ހިނގުމަށް ބަދަލު އަޔެވެ. ދުވަހަކު ވެސް އެހާ ފުރިހަމަ ރީތި ކުއްޖަކު ނަވީލަށް ފެނިފައެއް ނުވެއެވެ. ފުރަތަމަ ނަޒަރުން ވެސް ނަވީލްގެ ހިތް ދޫވެގެން ދިޔައީ އެހެންވެއެވެ. އެއީ ފަޅި ސިކުންތެއްގެ ތެރޭގައި އެއްވެސް އިޚްތިޔާރަކާ ނުލައި ވެވުނު ލޯތްބެކެވެ.

*****

"އަދިވެސް ރީޝް ފެނުނު ފުރަތަމަ ދުވަސްމަތިން ހަނދާނެއް ނުނެތޭ. އެދުވަހު ރީޝް ހުރި ލޯބިލޯބި ގޮތް ފެންނަ ކަހަލަ. ރީޝް ފެނުމާއެކު ހިތަށް އެރީ ކީކޭކަން އެނގޭތަ؟ ވާއޯ އޭ! ދުނިޔޭގައި ރީތި ކުދިން ވެސް އެބައުޅެޔޭ. ދެކެދެކެ ވެސް މިހާ ރީތިކުއްޖެއް ނުފެނެޔޭ!" ނަވީލް ޚިޔާލަކަށް ގެއްލިފައި އިނދެ ބުނެލިއެވެ. ދާދި ގާތުގައި ރީޝާ އިނެވެ. އެމީހުން ތިބީ އަތިރިކޮޅުގައި ހުންނަ ބޮޑު ޖޯލިފަތީގައެވެ. މިހާރު އެ ދެމީހުންގެ ގުޅުން ވަނީ ކުރިޔަށްވުރެ ބޮޑަށް ވަރުގަދަވެފައެވެ.

"ތީ ތަސްބީހަ ފައްޗެއްތަ؟ ނަވީއާ ބައްދަލުވާ ކޮންމެ ދުވަހަކު ތި ލަވަ އެބަ ކިޔައިދޭ." ތަންކޮޅެއް ދުރުގައި ކުދިބަޔަކާ އެކު ކުޅެން ހުރި ރިޝާމަށް ބަލަމުން ރީޝާ ބުނެލިއެވެ.

"މި ލަވަ ވެސް މި ކިޔެނީ ހަމަ ވާ ލޯތްބެއްގެ ބޮޑުކަމުން." ރީޝާއާ ދިމާއަށް ނަވީލް ބަލައިލިއެވެ. "ދެން އެހެންވީރު ބުނެބަލަ. އެދުވަހު މަ ފެނިފަ ރީޝްގެ ހިތަށް އެރީ ކީކޭތަ؟"

"އަހަރެން ހިތަށް އެރީ ދުނިޔޭގައި ބަލާލަން ކެރޭވަރުގެ ރީތި ފިރިހެނަކު ނޫޅެނީ ހެއްޔޭ؟" ރީޝާ ސަމާސާ ރާގަކަށް ބުނެލިއެވެ. ނަވީލް ގާތަށް ހިނިއައެވެ.

"އެހެންވީމަ ރީޝްއަށް ވެސް އަހަރެން ރީތި ވީތާ ދޯ؟" ނަވީލް ހިނިއައިސްފައި އެހިއެވެ. ރީޝާ ޖަވާބުދިނީ ލުއި ހިނިގަނޑަކުންނެވެ.

"އެއްބަސްވެބަލަ ދޯ؟ ލަދުގަންނަނީތަ؟" ނަވީލް އެހިއެވެ.

"ނުގަނޭ ލަދެއް." ރީޝާގެ ޖަވާބު ކުރެވެ.

ނަވީލް ދެން އިތުރު އެއްވެސް އެއްޗެއް ނުބުނެއެވެ. އޭނާ ދަތްދޮޅީގައި އަތްވިދެލައިގެން ޝައުޤުވެރިކަމާއެކު ރީޝާގެ މޫނަށް ބަލަހައްޓައިގެން އިނީއެވެ. އެ އައިބެއްނުވާ ދޮން މޫނުގައި ފިރުމައިލަން ނަވީލްގެ ހިތް އެދުނެވެ. އެހެނަސް ރީޝާގެ އިޛުނަނެތި އެފަދަ ކަމެއްކުރާކަށް ނުކެރުނެވެ. ރީޝާ ހިތްހަމަނުޖެހިދާނެތީ އޭނާ ޖެހިލުންވެއެވެ. ނަވީލް ކަޅިޖަހައި ނުލައި ބަލަން އިންކަން ރީޝާއަށް އެނގެއެވެ. އެކަމުން ރީޝާއަށް އުނދަގޫތަކެއްވަމުން ދިޔައެވެ. އިރުއިރުކޮޅުން ރީޝާއަށް ވަށްކަޅިން ނަވީލަށް ބަލައިލެވެއެވެ. އެންމެފަހުން ކުރާނެ ނުކުރާނެ ކަމެއް ނޭނގިގެން އަތުގެ އިނގިލިތަކާއި ކުޅެންފެށިއެވެ. އެވަރުން ވެސް ނަވީލް ބަލަން އިންކަން ސިކުނޑިން ކައްސައެއް ނުލިއެވެ. ލަދު ނުގަންނަމޭ ބުނި ނަމަވެސް ރީޝާގެ މޫނު ރަތްވަމުން ދިޔަކަން ޚުދު އޭނާއަށް ވެސް އިޚްސާސްވިއެވެ.

"ރީޝްގެ މޫނު މިހާރު ހީވަނީ ރަތް ޖަނބުރޯލެއްހެން." ރީޝާ އިތުރަށް ލަދުގަންނުވާލުމުގެ ބޭނުމުގައި ނަވީލް ބުނެލިއެވެ. އެކަން ނަވީލަށް ކާމިޔާބުވިއެވެ.

"ވަރަށް ފޫހިވޭ." ރީޝާ ޖޯލިން ތެދުވެގެން ކުރިޔަށް ހިނގައިގަތެވެ.

"ތީ ދޮގެއް! ރީޝް މަދެކެ ފޫއްސެއްނުވޭ. އެއްބަސްނުވަން ތި އުޅެނީ ކީއްވެގެންތަ؟" ނަވީލް ރީޝާގެ ފަހަތުގައި ހުއްޓިލަމުން ސުވާލުކުރީ އަބުއި ރާގެއްގައެވެ. އެމީހުންގެ ގުޅުމަށް އެއްވެސް ނަމެއް ނުދީ އޮތުން އެއީ ނަވީލްގެ ކަންބޮޑުވުމެކެވެ. ރީޝާ ފުންނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ.

"ނަވީއަށް މަގޭ މާޒީ އެނގެންދެން މަޑުކުރޭ. އަހަރެން ބުނަން އޮތީ އެ ދުވަހަކަށް އިންތިޒާރު ކުރާށޭ." ރީޝާ ދިނީ ކުރިން ވެސް އޭނާ ދެމުން އައި ޖަވާބެވެ. ރީޝާގެ ހިތުގައި ނަވީލްގެ މައްޗަށް ކުލުނެއް އުފެދިފައިވެއެވެ. އެއީ ލޯބިކަމެއް ނުވަތަ ނޫންކަމެއް ރީޝާއަކަށް ނޭނގެއެވެ. އޭނާއަށް އެނގޭހާ ވެސް އެއްޗަކީ އޭނާ ކުޑަކޮށް ވެސް އިތުބާރުކުރާ ހަމައެކަނި ފިރިހެނަކީ އެއީކަމެވެ.

"ދެން ރީޝް ތި ވާހަކަތައް ކިޔައިދީބަލަ. އަހަންނަށް ރީޝާގެ މާޒީ މުހިންމެއް ވެސް ނޫން. އަހަންނަށް ވަރިހަމަ ކޮންމެފަދަ ކަމެއް ރީޝްކޮށްފައި އޮތަސް. މި ލޯބި ތި ގޮތަށް އިމްތިހާނު ނުކުރޭ." ނަވީލްގެ ކެތްތެރިކަން ވަނީ ކުޑަވެފައެވެ. ރީޝާގެ މާޒީ އެނގިގެން ނޫނީ އެ ގުޅުމުގައި ކުލައެއްޖެހޭކަށް ނެތެވެ. އެހެނަސް ރީޝާ އެ ވާހަކަތައް ނަވީލާ ހިއްސާކުރާކަށް ބޭނުމެއް ނުވެއެވެ. އެއީ ރީޝާ ދެކޭގޮތުގައި ކޮންމެކޮންމެ މީހަކަށް ކިޔައިދެވޭ ވަރަށް ވުރެ ބިރުވެރި ވާހަކަތަކެކެވެ.

"އަދި އަވަސް. ކުޑަ ދުވަސްކޮޅަކަށް އަދި އިންތިޒާރުކުރޭ." ރީޝާ އެދުނެވެ. "އަހަރެން މީ ކާކުކަން ނަވީއަށް ވެސް އަދި އެނގޭނެ. އެދުވަހަކުން ނަވީ ބޭނުން ނަމެއް މި ގުޅުމަށް ދޭންވީ."

ރީޝާގެ ނުސީދާ ޖަވާބުން، އެ ހިތުގައި ވެސް ނަވީލްގެ ނަން ފެވިފައިވާކަން ނަވީލަށް ޔަޤީންވިއެވެ. އެ އުފާވެރިކަން އެ ތުންފަތްމަތިން ހާސާވިއެވެ. ރީޝާ ގޮސް ރިޝާމް ގޮވައިގެން ގެއަށް ދާން ހިނގައިގަތުމުން ނަވީލް ވެސް އެމީހުންނާއެކު ހިނގައިގަތެވެ.

"އަހަރެން އިންތިޒާރުގައި ބަހައްޓައިފައި ގޮސް އެހެންމީހަކާ ހިތާވެގެން އެހެންމީހަކާ ނުއިންނާތި؟" އެއީ ނަވީލްގެ ހިތުގައި އުފެދިފައިވާ ބޮޑު ބިރެކެވެ. ރީޝާއަކީ ކޮންމެ ފިރިހެނަކު ވެސް ބިނދެލަން ބޭނުންވާނެ ފަދަ ރީތި މަލެކެވެ. އެ މަލަށް ތިރިކުރަން ބޭނުންވާނެ ކިތަންމެ މާބުރެއް ވާނެއެވެ.

"މިހާރު ވެސް މީހަކާ އިނދެގެންނޭ އުޅެނީ." ރީޝާ މަޖަލަކަށް ހަދާފައި ޙަޤީޤަތް ހާމަކުރިއެވެ. ރީޝާ ހާމަކުރީ ކިހާ ބޮޑު ޙަޤީޤަތެއްކަމެއް ނަވީލަށް އިޙްސާސް ވެސް ނުކުރެވެއެވެ.

"ދެން ވަރިވެގެން އާދޭ. ނޫނީ ފިރިމީހާ މަށަށް ދައްކާ. އޭނައަށް ބިރު ދައްކައިގެން ނަމަވެސް ރީޝް މިނިވަންކުރާނަން." ޙަޤީޤަތް ނޭނގޭ ހާލުގައި، ނަވީލް ވެސް އެ ސަމާސާގައި ބައިވެރިވިއެވެ.

ރީޝާ ހެމުންހެމުން ގޮސް ގެއަށް ވަނުމުން ނަވީލް ވެސް އެނބުރި ގޮސް އޭނާގެ ގެއަށް ވަނެވެ. އޭރު ރާއިދު ހުރީ ނަވީލް ގެއަށް ނައިސްގެން ލަސްވެފައެވެ.

"ދަރިފުޅު ފާރަލަމުން ދާ ކުއްޖަކީ ރީޝާތަ؟" ރާއިދު ފުރަތަމަ ވެސް އެނގެން ބޭނުންވި ކަމަކީ އެއީއެވެ.

"އާނ." ނަވީލް ހިނިތުންވެލިއެވެ. "އަޅުގަނޑުގެ ހޮވުން ބައްޕައަށް ކަމުދޭތަ؟"

"ދަރިފުޅު މޮޔަވީތަ؟" ރާއިދު ކަންބޮޑުވެފައި ހުރެ ބުންޏެވެ. "ތި ކަމެއް ދުވަހަކު ވެސް ނުވާނެ ދަރިފުޅާ. ތިކަން ހުއްޓައިލާ."

އެއީ ނަވީލް ކުރަން ބޭނުންވި ކަމަކަށް، ރާއިދު ދެކޮޅު ހެދި ފުރަތަމަ ފަހަރެވެ. އެހެންކަމުން ނަވީލް ޚައިރާންވިއެވެ.

"ކީއްވެގެން؟" ނަވީލް އެހިއެވެ.

"މާމަ ގާތުގައި އަހާ." ރާއިދަށް ކިޔައިދޭން އުނދަގޫވި ކަހަލައެވެ.

ނަވީލްގެ ހިތަށް އެރިއެވެ. ބައްޕައަށް ކިޔައިދޭން ނުކެރޭވަރުގެ ވާހަކައެއް މާމަ ގާތުގައި އެހުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ބައްޕަ އެ ގުޅުމާއި ނުޤަބޫލު ވާ ސަބަބަކީ ކޮބައިހެއްޔެވެ؟ މަންމައަކީ ނިހާދުގެ ކުރީގެ ލޯބިވެރިޔާއަށް ވުން ހެއްޔެވެ؟ އެހެންކަމުގައިވާނަމަ، އެއީ އޭނާއަށް މާމަ ކިޔާދީފައި އޮތް ވާހަކައެކެވެ. ނޫނީ އެކަމުގައި މާމަ ކިޔައިނުދޭ އިތުރު ހަޤީޤަތްތަކެއް ވަނީ ހެއްޔެވެ؟

ރީޝާ ގެއަށް ވަންއިރު ނިހާދު ހުރީ ދޮންބޮޑުވެފައެވެ. ރުޅިގަދަވެފައެވެ. މިއަދު ވެސް ރީޝާއާއި ނަވީލް ވާހަކަ ދައްކަން ހުރި މަންޒަރު ނިހާދަށް ފެނުނީއެވެ.

"އެއީ ތެދެއްތަ؟" ފިރާޝާ ސުވާލުކުރުމުން ނިހާދުގެ ރުޅި އިތުރަށް ގަދަވިއެވެ. ނިހާދުގެ ބަހަށް ފިރާޝާ އިތުބާރު ނުކުރީތީއެވެ.

"އޭނަ ގާތުގައި އަހަނީ ކީއްކުރަންތަ؟ މަ ގާތުގައި އަހާބަލަ." ނިހާދު ފިރާޝާއާ ދިމާއަށް ހަޅޭލަވައިގަތެވެ. "އޭނަ އެ އައީ ހަމަ އެ ނަވީލާއި ބައްދަލުކޮށްފައި. މިހާރު މި ދެމީހުން އުޅެނީ ހިތާވެސް ވެގެން. ކަލޭ ބުންޏަސް އޭނަ ތިކަމެއް ނުހުއްޓާނެ. ދެން މަށަށް ތިކަން ހުއްޓުވަން ޖެހިއްޖެއާ ނަތީޖާ މާ ރަނގަޅެއް ނުވާނެ."

ނިހާދާއި ދިމާއަށް ރީޝާ ކަޅި އަޅައިލިއެވެ.

"އެއީ ތެދެއްތަ؟" ފިރާޝާ އަނެއްކާ ވެސް އެހިއެވެ.

"އާނ. ކޮބާ މައްސަލައަކީ." ރީޝާ ދެކޮނޑު އަރުވައިލީ ފަރުވާކުޑަ ގޮތަކަށެވެ.

"މައްސަލައަކީ ކޮބައިހޭ؟" ނިހާދު ފުންމައިގެން އަޔެވެ. "ކަލޭ ތި ކުޅިކުޅެން މިގޭން ނުކުމެގެން ރައްކާވޭ."

"ކަލެޔަކަށް މަށަކަށް އަމުރެއް ނުކުރެވޭނެ." ރީޝާގެ ވެސް ލޭ ހޫނުވާ ގޮތްވިއެވެ. "ކަލޭ ތީ މަގޭ ބަފައެއް ނޫނޭ. ކަލޭ ހީކުރީ މަށަށް އެ ހަޤީޤަތް ނޭނގިގެން ތެޅޭކަމަށްތަ؟"

ރީޝާގެ ދުލުން އިވުނު ބަސްތަކުގެ ސަބަބުން، ނިހާދަށް ކުއްލި ހިމޭންކަމެއް ލިބުނެވެ. ރީޝާއަށް އެ ޙަޤީޤަތް އެނގިފައި އޮތްކަމެއް ނިހާދަކަށް ނޭނގެއެވެ. ފިރާޝާ އަމިއްލައަށް ފަޟީޙަތްވީ ހެއްޔެވެ؟ ނިހާދަށް ޤަބޫލުނުކުރެވިފައި ފިރާޝާއަށް ބަލައިލެވުނެވެ. ފިރާޝާ އިސްޖަހައިލުމުން ނިހާދަށް ވިސްނިއްޖެއެވެ. ވަންހަނާވެފައިވާ، އެ ސިއްރު ރީޝާއަށް ކިޔައިދިންކަން، ފިރާޝާ އެ އުޅެނީ ސިއްރުކޮށްގެންނެވެ.

"އެހެންވީރު ކަލޭގެ ބަފަޔަކީ އެ ރާއިދުކަން ވެސް ކަލެޔަށް އެނގޭނެކަމަށް މި ބަލަނީ." ނިހާދު އެތަނަށް ވަރުގަދަ ބޮމެއް ވައްޓައިލިއެވެ. އެ ބޮން ގޮވީ ރީޝާގެ ކަންފަތް ބުޑުގައެވެ. އޭނާއަށް ލިބުނު ޝޮކާއެކު ފައިކޮޅުން އެރި އައްސިގަނޑު ސިކުނޑިއާ ހަމައަށް ފޯރިއެވެ. ފިރާޝާއަށް ލިބުނު ސިހުމާއެކު ނިހާދާ ދިމާއަށް ހަޅޭލަވައިގަނެވުނެވެ.

"ހަޅޭ ނުލަވާ." ނިހާދުގެ އަޑު އެޔަށްވުރެ ގަދައެވެ. "ކިތަންމެ ވަރަށް ފެލުނަސް ޙަޤީޤަތްވާނީ ޙަޤީޤަތަށް. ކަލޭގެ މިހިރަ ފެންނަ ރީޝާއަކީ ކަލެޔާ އެ ރާއިދުގެ މުޑުދާރު ލެއިން އުފެދިފައި ހުރި ކަލޭ ކަހަލަ ގޮތްކުޑަ އެއްޗެއް. މަ ކަލެޔާއި އިނދެގެން އުޅުނަސް މަށަށް ވަގަށް ގަތްގަނޑު ދުވަހަކު ވެސް ހަނދާނުން ފޮހެވިގެން ނުދާނެ."

"އެއީ ދޮގެއް ދަރިފުޅާ." ފިރާޝާގެ ކަރުނައިން ފުރިގެންވާ ދެލޮލުން ބަލައިލީ ރީޝާއަށެވެ.

"އެއީ ތެދެއް. ކަލޭ ތީ އެ ރާއިދުގެ ދަރިއެއް." ނިހާދު ވަގުތުން ބުންޏެވެ. ހުއްޓުން އަރާފައި ހުރި ރީޝާއަށް ޤަބޫލުކުރަން ވީ ކާކުގެ ވާހަކައެއް ކަމެއް ނޭނގުނެވެ.

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    އެނެއްބައި އެނެއްބައި އަވަހައް ގެނަސް ދެއްޗޭ!!! ވަރައް ފުރިހަމަ ?????????

    13
  2. އައިޝާ

    އަނެއްބައި ވީއެންމެ އަވަހަކަށް ގެނެސްދީބަ

  3. މަވެސްކިޔަން

    ބްރޯ ޓުވިސްޓް ތައް އަދި އެހާ އެހާ ސަޕްރައިޒިން އެއް ނޫން .... ކިޔަމުން ދާއިރު ދެން ވާނެ ގޮތް އިނގުނީމަ ކިޔަން ތަންކޮޅެއް ވައި ގޮތެއް ހުރޭ ... ހަމަ ބުނެލީ

    1
    9
    • ފެކްޓް

      ހުރިހާ ވާހަކައެއް އެއް ބައްޓަމަކަށް ހުންނާކަށް ކޮންމެހެން ނުޖެހޭ! މިވާހަކަ ގެނެސްދީފަ ހުރިގޮތް ވަރަށް ތަފާތު. އިބާރާތްކުރުންވެސް ތަފާތު.