2.6 ބިލިއަން އެމެރިކާ ޑޮލަރުގެ ބަދަލެއް މަޝްހޫރު އެޕަލް ކުންފުނި އަތުން ހޯދަން ޕަބްލޯ އެސްކޮބާގެ ބޭބެ ރޮބާޓޯ އެސްކޮބާ އެމެރިކާގެ ކޯޓެއްގައި ދައުވާ އުފުލައިފިއެވެ.

ޕަބްލޯ އެސްކޮބާ އަކީ ދުނިޔޭގައި އުފެދުނު އެންމެ ވަރުގަދަ މަސްތުވާތަކެތީގެ ވިޔަފާރިވެރިޔާއެވެ. ކޮލަމްބިއާ އަށް ނިސްބަތްވާ ޕަބްލޯ އެސްކޮބާ 1993 ވަނަ އަހަރު މަރާލާފައެވެ. ނަމަވެސް އޭނާ އަކީ އަދިވެސް ވަރަށް މަޝްހޫރު ނަމެކެވެ. އެކަމުގެ ފައިދާ ނަގައިގެން މާލީ މަންފާތަކެއް ހޯދަން މަސައްކަތް ކުރަމުން އަންނަނީ ޕަބްލޯ އެސްކޮބާގެ ބޭބެ ރޮބާޓޯ އެސްކޮބާއެވެ.

ރޮބާޓޯ އެމެރިކާގެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައި އޭނާ ބޭނުން ކުރާ އައިފޯން-10 ހެކްކޮށް މީހަކު އޭނާ އަށް މެސެޖެއް ފޮނުވާފައިވާ ކަމަށެވެ. ފޯނު ހެކް ކުރުމަކީ އެޕަލްގެ މައްސަލައެއް ކަމަށާއި އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތައް އައިފޯނުގައި އަޅާފައި ނެތުމުގެ ޒިންމާ އެޕަލް އިން އުފުލަން ޖެހޭނެ ކަމަށް ރޮބާޓޯ ބުނެއެވެ.

ރޮބާޓޯ ބުނާ ގޮތުގައި ފޯނު ހެކްކުރި މީހާ ވަނީ އޭނާ އަށް މަރުގެ އިންޒާރުދީ، އޭނާ އަތުން ފައިސާ އަތުލަން ޑިމާންޑްތަކެއް ވެސް ކޮށްފައެވެ.

ރޮބާޓޯ ވަނީ އެސްކޮބާގެ ނަމަށް ނިސްބަތްވާ ސްމާޓް ފޯނެއް މީގެ ދެތިން އަހަރު ކުރިން ނެރެފައެވެ. އެއީ ސްމާޓްފޯންގެ ދުނިޔެ ބަދަލު ކޮށްލާނެ ފޯނެއް ކަމަށް އޭނާ ބުނި ނަމަވެސް ފަހުން އެނގުނު ގޮތުގައި އެއީ ސަމްސަންގް ފޯނެއްގެ ކަވަރުތައް ބަދަލު ކޮށްގެން ހަދާފައިވާ ފޯނެކެވެ.

މިހާރު ރޮބާޓޯ ވަނީ އައިފޯން-12 ގެ ގޯލްޑް ވާޝަން އެއް ވެސް ނެރެފައެވެ. އެއީ ރަން ކުލައިގެ ކަވަރެއް ހުންނަ ފޯނެކެވެ. މިފޯނު ވިއްކަނީ 499 އެމެރިކާ ޑޮލަރަށް ކަމަށް ރޮބާޓޯ ބުނެއެވެ. ނަމަވެސް މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި މިފޯން އޮންލައިންކޮށް ގަންނަ ގިނަ މީހުންނަށް ފޯނެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު