އިންޑިއާ ބޯޕަލްއަށް ނިސްބަތްވާ މުއްސަނދި މަހުޖަނަކު 180 ސީޓުގެ އޭ320 މަތިންދާ ބޯޓެއް ޗާޓަރު ކޮށްގެން އާއިލާ ހަތަރު މީހަކު ނިއު ދިއްލީއަށް ފޮނުވައިފިއެވެ.

އޭނާ މި މީހުން މިގޮތަށް ދިއްލީއަށް ފޮނުވާފައި ވަނީ ކޮވިޑް-19 ފެތުރެމުންދާ މި ހާލަތުގައި އެއާޕޯޓުގައި ގިނަ ވަގުތު އެ މީހުން ތިބެން ޖެހިދާނެތީ އާއި، އެއާޕޯޓު ބާރުބޮޑުވެދާނެތީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ މަހުޖަނު ފްލައިތެއް ޗާޓަރުކޮށްގެން ދިއްލީއަށް ފޮނުވީ އޭނާގެ އަންހެން ދަރިފުޅާއި، އެ އަންހެން ދަރިފުޅުގެ ދެ ކުދިންގެ އިތުރުން، އެ މީހުންގެ ގޭގެ ކަންކަން ބަލަހައްޓާ މީހެކެވެ. އެ މީހުންނަކީ ކޮވިޑް-19 އާ ގުޅިގެން އިންޑިއާ ފުރަބަންދުކުރުމާއި، ގުޅިގެން ދެ މަސް ދުވަސް ވަންދެން ބޯޕާލްގައި މަޑު ކުރަން ޖެހުނު މީހުންނެވެ.

އެ މަތިންދާ ބޯޓު ބޯޕާލްއަށް ގޮސްފައި ވަނީ ހަމައެކަނި ކްރޫން ގޮވައިގެންނެވެ. އެ ބޯޓު އެނބުރި ދިއްލީއަށް ދިޔައީ ހަތަރު ފަސެންޖަރުން ގޮވައިގެންނެވެ. މިކަމާއި ގުޅިގެން ބޯޕާލްގެ ރަޖަބޯޖް އެއާޕޯޓުގެ އޮފިޝަލުން އެއްޗެއްް ހާމަ ކުރަން ބޭނުން ނުވެއެވެ.

އޭވިއޭޝަން ކަންކަމުގެ މާހިރުން ބުނާގޮތުގައި، އޭ320 ގެ އެއާބަސްއެއް ހަޔަރ ކުރުމަށް 20 ލައްކަ ރުޕީސް ދާނެއެވެ.

ދެ މަސް ދުވަހުގެ ފުރަބަންދަކަށްފަހު، އިންޑިއާގެ އެތެރޭގެ އުދުހުންތައް ފެށީ މިދިޔަ ހޯމަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖޯން

    އެއީ އެންމެ 26000 ސައްބީސް ހާސްޑޮލަރު. ބިލިއަނަރަކަށް އެއީ ތުންފުހެފާއެއްލާލާ ޓިޝޫކޮޅެއްފަދަ.

    17