ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނުރައްކާ ކުރިމަތިކުރަމުންދާ ކޮވިޑް-19 އިން އިންފެކްޓުވެފައިވާ މީހުން ދެނެގަތުމުގެ ޤާބިލްކަން ލިބިފައިވާ ޑިވައިސް އެއް އުފައްދައިފިއެވެ.

އަނގޮޓިއެއް ގޮތަށް ނުވަތަ އަތުގައި އަޅާ ބޭންޑެއް ގޮތަށް އުފައްދާ މި ޑިވައިސް އަކީ ބަލީގެ ކުރީކޮޅު، އަލާމާތްތައް ފެނުމުގެ 9 ވަރަކަށް ދުވަސް ކުރިން، ބަލި ޖެހިފައިވާކަން ދެނެގަނެވޭނެފަދަ ޓްރެކާއެއް ހަރުކޮށްފައިވާ ޑިވައިސް އެކެވެ.

މި ޑިވައިސް އުފެއްދި ތަޖުރިބާކާރުން ބުނެފައިވާ ގޮތުގައި، ޑިވައިސް މެދުވެރިކޮށް ބަލި ހުރިކަން ދެނެގަންނާނީ ހިތުގެ ވިންދާއި ހަށިގަނޑުގެ ފިނިހޫނުމިނާއި ހަށިގަނޑަށް އަންނަ އެނޫންވެސް ބަދަލާއި ގުޅޭ މަޢުލޫމާތުތައް އޭގެ ޓްރެކާ މެދުވެރިކޮށް އެއްކުރުމަށްފަހު އެވެ. މީގެ އިތުރުން ހުމާއި ނޭވާކުރުވުންފަދަ ހާލަތެއް މި ޑިވައިސް ބޭނުންކުރާ މީހަކަށް ދިމާވާން ފެށުމުންވެސް އެކަން ޑިވައިސް މެދުވެރިކޮށް ދެނެގަންނާނެއެވެ.

މި ޑިވައިސްގެ ޓެސްޓު ކުރުންތައް މިހާރު ކުރިޔަށްދާއިރު، ތަޖުރިބާކާރުން ބުނާގޮތުން މިއީ ބަލި ފެތުރުވުން ކޮންޓްރޯލް ކުރުމަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށެވެ.

މި ޑިވައިސްގެ ޓެސްޓުކުރުންތަކުން މިހާތަނަށް މި ޑިވައިސް ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން 78 އިންސައްތަ މީހުންނަށް، ކޮވިޑް-19 ހުރިކަން އެނގުމުގެ ކުރިން ބައްޔަށް ފައްސިވެފައިވާކަން ދެނެގަނެވޭކަން ހާމަވެފައި ވެއެވެ.

އެފަރާތްތަކުން ބުނާގޮތުން މި ޑިވައިސް އަކީ މީގެ ކުރިން އުފައްދާފައިވާ ފިޓްނެސް ޓްރެކާ އާއި އެޕަލް ގަޑި އާއި އެނޫންވެސް އެފަދަ އާލާތްތަކާއި އެއްގޮތަށް މަސައްކަތްކުރާ ޑިވައިސް އެއް ކަމަށެވެ. މީގެ ކުރިން އުފައްދާފައިވާ މިފަދަ ބައެއް ޑިވައިސް ތަކުން ހިތުގެ ވިންދާއި ލޭމައްޗަށް ދިއުމާއި ކިޑްނީ ފެއިލްވުން ފަދަ މައްސަލަތައް ކުރީބައިގައި ދެނެގަނެވެއެވެ.

ތަޖުރިބާކާރުން ދަނީ ފޯން އެޕްލިކޭޝަން އެއް މެދުވެރިކޮށްވެސް ސިއްޙީ ނުރައްކަލަށް ހުށަހެޅިފައިވާކަން ހޯދޭ މިފަދަ މިނޫންވެސް އާލާތްތައް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.