އިންޑިއާގެ ޓަލަންގަނާ ނަމަކަށް ކިޔާ ސަރަހައްދަށް ނިސްބަތްވާ ވެންޓަކަޓެޝްވަރުލޫ ގެއްލުނީ މީގެ ދެއަހަރު ކުރިންނެވެ. އަނބިމީހާ އާއި ފަސް ދަރިންނާއި ދިރިއުޅެމުން ދިޔަ ވެންޓަކަޓެޝްވަރުލޫ އަކީ ވާހަކަދެއްކުމުގައި ދަތިކަމެއް ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހެކެވެ. އޭނާ ގެއްލިގެން ހޯދަމުން އަންނަތާ ދެއަހަރު ފަހުން މިދިޔަ ބުރާސްފަތި ދުވަހު އޭނާ އަށް އެނބުރި އާއިލާ ކައިރިއަށް އާދެވެން މެދުވެރިވި ސަބަބަކީ "ޓިކްޓޮކް" ވީޑިއޯއެކެވެ.

ވެންޓަކަޓެޝްވަރުލޫ ގެއްލުނީ އޭނާ 2018 ވަނަ އަހަރުގެ އޭޕްރީލް މަހު ޓްރަކެއްގައި ދަތުރު ކުރަމުން ދަނިކޮށް، އޭނާ މަގުމައްޗަށް ބޭލުމުންނެވެ. އޭނާގެ ދަރިއަކު "ބީބީސީ" އަށް ކިޔައިދިން ގޮތުގައި ޓްރަކް ޑްރައިވަރަށް ވެންޓަކަޓެޝްވަރުލޫ ޓްރަކްގައި އިންކަން އެނގުނު އިރު އެމީހުން ދިރިއުޅެމުންދިޔަ ސަރަހައްދާއި ވަރަށް ދުރަށް ދެވިއްޖެއެވެ. ނަމަވެސް އެނބުރި ވެންޓަކަޓެޝްވަރުލޫ ގެއަށް ގެނެސްދިނުމުގެ ބަދަލުގައި މަގުމައްޗަށް ބޭލީއެވެ.

ވެންޓަކަޓެޝްވަރުލޫ ގެއަށް އައުމަށްޓަކައި މަގުމަތިން ދިޔަ ވެހިކަލެއްގެ އެހީއަށް އެދުނެވެ. ވާހަކަދެއްކުމުގައި އުނދަގޫތަކެއް ހުރުމުން އޭނާ ދިރިއުޅޭ ސަރަހައްދުގެ ނަން ރަނގަޅަށް ކިޔައިދޭކަށް އޭނާއަކަށް ނޭނގެއެވެ. އެވެހިކަލްގައި އެތައް އިރަކު ދުއްވި ފަހުން ވެންޓަކަޓެޝްވަރުލޫ އެނގުނީ ދަތުރު ކުރެވެމުން ދިޔައީ އޭނާގެ ގެއާއި ދުރަށް ކަމަށެވެ. އެހެންކަމުން އޭނާ އެވެހިކަލުން ފޭބިއެވެ.

އޭނާ ފޭބި ސަރަހައްދަކީ ޕަބްޖާބީ ބަހުން ވާހަކަދައްކާ މީހުން ދިރިއުޅޭ ސަރަހައްދަކަށް ވުމުން އެމީހުން ދައްކާ ވާހަކައެއް ވެސް ވެންޓަކަޓެޝްވަރުލޫ އަކަށް ނޭނގެއެވެ. އަދި އޭނާ އަށް ރަނގަޅަށް ވާހަކަ ނުދެއްކޭތީ އެނބުރި ގެއަށް ދެވޭނެ ގޮތެއް އޮތީ ނެތިފައެވެ.

ވެންޓަކަޓެޝްވަރުލޫގެ ނަސީބު އަތުގައި ހިފީ ކޮވިޑް-19 އާއި ގުޅިގެން މަގުމަތީގައި ދިރިއުޅޭ މީހުންނަށް ކާން ދިނުމުގެ މަސައްކަތް ކުރަމުންދާ ފުލުހަކު، މަގުމަތީގައި ދިރިއުޅޭ މީހުންނަށް ކާންދޭ މަންޒަރު ފެންނަ ވީޑިއޯތައް ޓިކްޓޮކްގައި ހިއްސާ ކުރަން ފެށުމުންނެވެ. އޭގެ ތެރެއިން ވީޑިއޯއަކުން ވެންޓަކަޓެޝްވަރުލޫ ފެނުނީ އޭނާ އާއިލާގެ ރަހުމަތްތެރިއަކަށެވެ.

ރަހުމަތްތެރިޔާ ވަގުތުން ވަނީ ވެންޓަކަޓެޝްވަރުލޫގެ އާއިލާ އަށް އެކަން އަންގާފައެވެ. އާއިލާ އިން ފުލުހުންނަށް ގުޅައިގެން ވެންޓަކަޓެޝްވަރުލޫ ހޯދައި، މިހާރު ވަނީ ގެއަށް ގެންގޮސްފައެވެ.

ވެންޓަކަޓެޝްވަރުލޫގެ ދަރިން ބުނީ ބައްޕަ ދެއަހަރު ދުވަސް ވަންދެން އުޅުނީ ސަލާން ޖަހައިގެން ލިބޭ އެއްޗެއް ކައިގެން މަގުމަތީގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު