ވިހެއުމުގެ ކުރިން ދިމާވި ހާލަތެއްގެ ސަބަބުން ދެކުނު ކެރޮލީނާއަށް އުފަންވި ދެ އަނގަ ހުރި ކުއްޖެއްގެ އޮޕަރޭޝަން ކާމިޔާބުވެއްޖެ އެވެ.

ރިޕޯޓްތައް ބުނާގޮތުން މި ކުއްޖާ އުފަންވި އިރު ހުރި ދެ އަނގައަކީވެސް "ރަނގަޅު" ދެ އަނގަ ކަމަށާއި، އެގޮތުން ދެ އަނގައިގައިވެސް ތުންފަތާއި ދުލާއި ދަތްތައް ހުރި ކަމަށެވެ. އެހެންކަމުން އެކުއްޖާ އޮޕަރޭޝަން ކޮށްފައިވަނީ އިތުރަށް އުފެދިފައި ހުރި އަނގަ ނެގުމަށެވެ.

ނޫސްތައް ބުނާގޮތުން އެކުއްޖާއަށް ދެ އަނގަ ލިބިފައިވާކަން އެނގުނީ ކުއްޖާގެ މަންމަގެ ބަނޑަށް 28 މަހުގައި ހެދި ސްކޭނަކުން، ކުއްޖާގެ ގައިގައި ސިސްޓެއް ނުވަތަ ޓިއުމަރެއް އުފެދިފައިވާކަމަށް ބެލެވިގެން ހެދި ޓެސްޓުތަކުންނެވެ.

މިކަމާއި ގުޅިގެން ބެލި ބެލުމުން އެނގިފައިވަނީ މި ދެ އަނގައިގައި ގުޅުމެއްނުވާކަމާއި، މި ދެއަނގަވެސް މަސައްކަތްކުރަނީ ވަކިން ކަމެވެ. އަދި މިކަމުގެ ސަބަބުން ކުއްޖާއަށް އައިބުކަމެއް ލިބިފައިވީނަމަވެސް ސިއްޙީ ނުރައްކަލެއް ކުރިމަތިނުވާކަން އެނގިފައި ވެއެވެ.

މި ހާލަތާއި ގުޅިގެން ކުއްޖާގެ ދެވަނަ އަނގަ ނެގުމަށް އޮޕަރޭޝަން ކުރަން ނިންމާފައިވަނީ އާއިލާއިން އެދިގެންނެވެ. އެ އޮޕަރޭޝަނުގައި ކުއްޖާގެ ދެވަނަ އަނގައިގެ ދަތްތައް ގުޅިފައިވާ ކަޑިގަނޑާއި، އިތުރަށް ހުރި ދުލާއި ދަތްތައް ވަނީ ނަގާފައެވެ.

މި އޮޕަރޭޝަން މިހާރު ކާމިޔާބުވެފައިވާއިރު، ކުއްޖާގެ މޫނުމަތިން މިހާރު މާބޮޑު އައިބުކަމެއް ފެންނާކަށް ނެތެވެ. އަދި އެއްވެސް އުނދަގުލެއް ނެތި ކުއްޖާއަށް ކައިބޮއެ ހެދޭ ކަމަށް ވެސް ޑޮކްޓަރުން ބުނެފައި ވެއެވެ.

މިއީ ވަރަށް މަދު ފަހަރެއްގައި ނޫނީ އިންސާނުންނަށް ދިމާނުވާ ހާލަތެކެވެ. އެގޮތުން 1900 ވަނަ އަހަރުން ފެށިގެން މިހާތަނަށް، މިހާލަތު މެދުވެރިވެފައި ވަނީ 35 މީހަކަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. މިގޮތަށް ދިމާވަނީ ކުއްޖާ ވިހެއުމުގެ ކުރިން ބަނޑުގައި އޮންނައިރު ދިމާވާ މައްސަލަތަކެއްގެ ސަބަބުންނެވެ.

ކިޔުންތެރިންގެ ހިޔާލު