އަވައްޓެރި އިންޑިއާގައި ރާމާމަކުނުތަކެއް އެޤައުމުގެ ސައިންސްވެރިންގެ ޓީމަކަށް ހަމަލާދީ، ކޮވިޑް-19 ގެ ސުންކު (ސާމްޕަލް) ތަކެއް ފޭރިގެންފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ރާމާމަކުނުތައް ސައިންސްވެރިންނަށް ހަމަލާދީފައި ވަނީ ސުންކުތައް ހިފައިގެން އެޤައުމުގެ އުއްތަރ ޕަރަދޭޝްގައި ހުންނަ މީރަތް މެޑިކަލް ކޮލެޖް ތެރެއިން ހިނގާފައި ދަނިކޮށެވެ. ރާމާމަކުނުތައް ސައިންސްވެރިންގެ އަތުން ޖަހައިގަތް ސުންކު ތަކުގެ ތެރޭގައި ކޮވިޑް-19 އަށް ފައްސިވެފައިވާ ތިން މީހެއްގެ ލޭގެ ސުންކު ހިމެނޭ ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.

މި ހާދިސާ އާއި ގުޅިގެން، ހާދިސާ ހިނގި އަވަށުގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދާއިރު، މި ރާމާމަކުނުތަކުގެ ފަރާތުން ބަލި އިތުރަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ނުރައްކާ އެ އަވަށުގައި ވަނީ ބޮޑުވެފައެވެ.

އިންޑިއާގެ ނޫސްތަކުން އޮފިޝަލުންނާއި ހަވާލާދީ ބުނެފައިވަނީ، "ފަހުން އެއިން ރާމާމަކުނެއް ސާމްޕަލް އަނގަޔަށްލައި ހަފަނިކޮށް" ފެނިފައިވާ ކަމަށެވެ. އެހެންކަމުން ބަލީގެ ޝިކާރައަކަށް އެ ރާމާމަކުނު ވެގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.

މި މަންޒަރު ފެންނަ ވީޑިއޯތައްވެސް މިހާރު މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯތަކުން ފެންނަނީ ރާމާމަކުނު ގަހަކަށް އަރާ އިނދެ ސުންކުތައް އަނގަޔަށް ލައިގެން އުޅޭ މަންޒަރެވެ.

މި ހާދިސާގެ ނުރައްކަލާއި ގިނަ ބަޔަކަށް ކުރިމަތިލާން ޖެހިފައިވާއިރު، ރާމާމަކުނު ވެސް އިންސާނުން ފަދައިން ކޮވިޑް-19 އަށް ފައްސިވާކަމާއި، އޭގެ ސަބަބުންވެސް ބަލި ފެތުރިދާނެކަން ވަނީ ހާމަވެފައެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި މި ހާދިސާ ހިނގި އަވަށުގައި ބަލީގެ ނުރައްކާ ބޮޑުވެގެންދާނެ ކަމަށް ބެލެވިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަނޫމާން

    ތި ވާނީ ހަނޫމާން ސައިންސްވެރިން ދެކެ ރުޅިއައީ ކަމަށް...

    15
  2. ކޮތަރު

    ސައިންސްވެރިންގެ ފަރުވާކުޑަކަން. އެމާޙައުލަކީ ރާމާމަކުނުގެ އުނދަގޫ ކިހާވަރަކަށް އޮންނަ ތަނެއްކަން އެމީހުންނަށް ނޭނގިއެއް ނުހުންނާނެ. އެފަދަ ނުރައްކާ އެއްޗެއް ގެންދަންވާނީ އެއަށްވުރެ ރައްކާތެރިވެ ތިބެގެން.

    13