ރިއަލިޓީ ޓީވީ ޝޯ ކީޕިން އަޕް ވިތް ދަ ކާޑޭޝިންސް އިން އާއްމުންގެ މަޤްބޫލްކަން ހޯދި ކައިލީ ޖެނާއަކީ އެންމެ ހަގު ބިލިއަނަރުގެ މަޤާމު ލިބިިފައިވާ މީހެކެވެ.

އޭނާ އަކީ އަމިއްލައަށް ކުރި މަސައްކަތުން ބިލިއަނަރަކަށްވި އެންމެ ހަގު މީހާއަށް ވީނަމަވެސް ފޯބްސް އިން ވަނީ އޭނާ އަށް ދީފައިވާ ބިލިއަނަރުގެ ސްޓޭޓަސް އަނބުރާގޮސްފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ކައިލީގެ ކުންްފުނިން ކައިލީއަކީ ބިލިއަނަރެއްކަމަށް ބުނެ ދޮގު ހެދިކަމަށް ދަނީ ތުހުމަތު ކުރެވެމުންނެވެ. އަދި ޓެކްސް ފްރޯޑް ފަދަ ކަންކަން އެ މުއްދަތުގައި ހިނގާފައިވާކަމަށް ވެސް ތުހުމަތުކުރެވެއެވެ.

މަޝްހޫރު މީހުންގެ މާލީ ކަންކަން ބަލާ، އާއްމު ކުރާ ފޯބްސް އަށް ކައިލީގެ މާލީ ކަންކަން އޮޅުމާއި އެކު ފޯބްސް އިން ހޯދާ އެހެން މައުލޫމާތުތަކުގެ ސައްހަ ކަމާއި މެދު ވެސް އާއްމުން ދަނީ ސުވާލު އުފައްދަމުންނެވެ.

ކައިލީ އަކީ އެންމެ ހަގު ބިލިއަނަރު ކަމަށް ކަނޑައެޅީ 2019 ވަނަ އަހަރެވެ.

ކައިލީގެ މާލީ ކަންކަން ތަހުގީގުކުރުމަށް ފަހު ފޯބްސް އިން ބުނީ ކައިލީ އާއި ކައިލީގެ އާއިލާއިން އޭނާގެ މުދަލާއި މެދު ދޮގު މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ.

ކައިލީގެ މުދަލުގެ އަގު މިހާރު އަރަނީ 900 މިލިއަން ޑޮލަރަށެވެ.

އެހެންކަމުން ޓެކްސްއަށް މަކަރު ހެދުމާއި އަދި މާލީ ކަންކަން އޮޅުވާލުމުން، ކައިލީއަށް ޖިނާއީ ތަހުގީގަކާއި ކުރިމަތިލާން ޖެހުމަކީ ދާދި ގާތް ކަމެއްކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ފެޑެރަލް ޕްރޮސެކިއުޓަރ ޖެން ހޭންޑްޒްލިކް ބައެއް މީޑިއާތަކަށް ބުނީ އެ މައްސަލައިގައި އިތުރު ކުށްތަކެއް ކޮށްފައިވޭތޯ ބަލަން ކައިލީ އާއި ދެކޮޅަށް ޖިނާއީ ތަހުގީގެއް ހިންގާނެ ކަމަށް ބެލެވޭ ކަމަށެވެ.

ކައިލީގެ ނަމުގައި މޭކަޕް ޕްރޮޑަކްޓެއް ވިއްކަމުންދާ ކައިލީގެ ކުންފުނިން ވަނީ އޭނާގެ މާލީ ހާލަތު އޮޅުވާލިކަމަށް ބުނާ ވާހަކަ ދޮގުކޮށްފައެވެ.