ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19 ގެ ނުރައްކާތެރި ހާލަތާ ގުޅިގެން އިޖްތިމާއީ އެއްވުންތައް ނުބޭއްވޭތީ އެތައް ކަންތައްތަކެއް ވަނީ މަޑުޖެހިފައެވެ.

ތައުލީމީ ދާއިރާގެ ހުރިހާ ކަމެއް ވެސް މަޑުޖައްސާލަން މި ސިއްހީ ކާރިސާގެ ސަބަބުން މަޖުބޫރުވި އިރު އެކަމުން އެންމެ ބޮޑު މާޔޫސްކަމެއް ލިބުނީ ދަސްވެނިވުމުގެ ހަފްލާއެއްގައި ބައިވެރިވާން ބޭނުންވެފައި ތިބި ދަރިވަރުންނެވެ.

ގިނަ ކޮލެޖްތަކުގައި ދަރިވަރުން ދަސްވެނިވީ އޮންލައިންކޮށެވެ. ނަމަވެސް އެމެރިކާގެ ފްލޮރިޑާގައި ވަނީ ވަރަށް ތަފާތު ގޮތަަަކަށް ދަސްވެނިވުން ބާއްވައިފައެވެ.

ސަމަސެޓް އައިލެންޑް ޕްރިޕަރަޓޮރީގެ 11 ދަރިވަރަކަށް ދަސްވެނިވުން ބާއްވާދީފައި ވަނީ ކަނޑުގައެވެ.

ސެޓްފިކެޓް ހަވާލުކުރާ މީހުން ތިބީ ލޯންޗެއްގައެވެ. ދަރިވަރުން ސެޓްފިކެޓާއި ހަވާލުވާން ދިޔައީ ޖެޓްސްކީގައެވެ.

ޖެޓްސްކީގައި ހުރިހާ ދަރިވަރުން ވެސް ދިޔައީ މާސްކް އަޅައިގެން، ގްރެޖުއޭޝަން ހެދުން ވެސް އަޅައިގެންނެވެ.

މިއީ އެ ސްކޫލްގެ ޕްރިންސިޕަލްގެ އިސްނެގުމަކަށް ބޭއްވި ދަސްވެނިވުމެކެވެ.

އޭނާ ބުނީ ދަރިވަރުންގެ މަސައްކަތުގެ އަގު ވަޒަން ނުކުރެވިދާން އޭނާ ބޭނުން ނުވާ ކަމަށެވެ.

އަދި ދަސްވެނިވުމުގެ އުފަލުން އެ ދަރިވަރުން މަހުރޫމްވެގެން ނުވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

މި ދަސްވެނިވުމުގެ ފޮޓޯ އާއި ވީޑިއޯ މީސްމީޑިއާގައި ދަނީ އާއްމުވަމުންނެވެ.

އެ ދަރިވަރުންގެ ސެޓްފިކެޓްތައް ދިނީ ގްރެބައެއް ބޭނުންކޮށްގެންނެވެ.

އަދި ޑްރޯން މެދުވެރިކޯށް ވީޑިއޯ ކުރުމުގެ އިތުރުން ކަނޑުގައި އިތުރު އުޅަނދެއްގައި ފޮޓޯގްރާފަރުންވެސް ތިއްބެވެ.

ކޮވިޑް-19 އާއި ގުޅިގެން ކެންސަލްވި ދަސްވެނިވުންތައް ކުރިއަށް އޮތްތަނުގައި ވަރަށް ތަފާތު ގޮތްގޮތަށް ފެންނާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު