ފުރަބަންދުގައި ގިނަ ވަގުތުތައް ހޭދަކުރަން ޖެހުމުގެ ސަބަބުން ބަރުދަން އިތުރުވުމަކީ އެތައް ބަޔަކަށް ދިމާވާ މައްސަލައެކެވެ.

ކުރިން ކާ ވަރަށް ވުރެ އިތުރަށް ކެވުމާއި ކުރިން ކުރި ވަރަށް ކަސްރަތު ނުކުރެވުމުގެ އިތުރުން ވިސްނާ ވަރު އިތުރުވުމަކީ ބަރުދަން އިތުރުވާން ދިމާވާ ސަބަބުތަކެވެ.

އަދި ފުރަބަންދުގައި ތިބެން ޖެހުމުން ކަސްރަތު ކުރަން ދެވޭ ވަގުތު މަދު ވުމާއި ފޫހިވެގެން ކާ ކެއުން އިތުރު ވުމަކީ ވެސް ދިމާވާ ކަމެކެވެ.

އެމެރިކާގެ، ވެބް އެމްޑީގެ ޕޯލްތަކުން ދައްކާ ގޮތުން ފުރަބަންދުގެ ސަބަބުން ބަރުދަން އިތުރުވި މީހުންގެ އަދަދު ނިސްބަތުން އިތުރެވެ.

އަދި މިގޮތަށް ބަރުދަން އިތުރުވާ މީހުންގެ ތެރޭގައި އަންހެނުންގެ ބަރުދަން އިތުރުވާ މިންވަރު އިތުރު ކަމަށް ދައްކައެވެ. ނަމަވެސް ބައިނަލްއަގުވާމީ ގޮތުން ބަލާ އިރު ފިރިހެނުންގެ ބަރުދަން އިތުރުވެފައިވާ ނިސްބަތް ގިނައެވެ.

އެމެރިކާގެ އެތައް ހާސް ބަޔަކު ބައިވެރިވި އެ ޕޯލްތަކުގެ ނަތީޖާ ދައްކާ ގޮތުން 47 ޕަސަންޓު އަންހެނުން ބަރުދަން އިތުރުވި ކަމަށް ބުނާ އިރު، ފިރިހެނުންގެ ބަރުދަން އިތުރުވި ކަމަށް ބުނަނީ 22 ޕަސަންޓު މީހުންނެވެ.

އަދި 75 ޕަސަންޓު އަންހެނުން ވަނީ އެއް ކިލޯ އާއި ނުވަ ކިލޯއާ ދެމެދު ބަރުދަން އިތުރުވި ކަމަށް ބުނެފައެވެ. އަދި 4 ޕަސަންޓު މީހުން ގާތްގަނޑަކަށް 21 ކިލޯ ލުއިވި އިރު، 10 ކިލޯ އާއި 20 ކިލޯ ބަރުދަނަށް އިތުރުވި 21 ޕަސަންޓު އަންހެނުން އެބަ ތިއްބެވެ.

ބައިނަލްއަގުވާމީ އޯޑިއަންސް ހިމެނޭ ޕޯލްތައް ދައްކާ ގޮތުން 34 ޕަސަންޓު އަންހެނުން ބަރުދަން އިތުރުވި އިރު، 55 ޕަސަންޓު ފިރިހެނުންގެ ބަރުދަން ވަނީ އިތުރުވެފައެވެ.

އެމެރިކާ ގިނަ މީހުން ގަބޫލް ކުރާ ގޮތުން ފަލަވީ ކަސްރަތު ނުކުރެވުމުންނެވެ. އަދި 59 ޕަސަންޓު މީހުން ބުނީ ސްޓްރެސްވުމުން ކެއުމާއި ކަސްރަތު ކުރާނެ ރަނގަޅު މާހައުލެއް ނެތުމުން ފަލަވާ ކަމަށެވެ. އެމީހުންގެ ތެރެއިން 21 ޕަސަންޓު މީހުން ބުނީ ފަލަވީ މާ ގިނައިން ރާ ބޯތީ ކަމަށެވެ.

ބައިނަލްއަގުވާމީ ކެޓަގަރީގައި ރާ ބޮއެގެން ފަލަވި ކަމަށް ބުނީ އެންމެ 17 ޕަސަންޓު މީހުންނެވެ. ރާ ބުއިމުގެ ނުރަނގަޅު އާދަ އެމެރިކާގައި ކޮވިޑް-19 އާއި ގުޅިގެން އިތުރުވެފައިވާކަން ޑަބްލިއުއެޗްއޯއިން ވެސް ވަނީ ފާހަގަކޮށްފައެވެ.

އަދި ފޫހިވުމުން ކެއުން ފަދަ ނުރަނގަޅު އާދަތައް އަށަގަތުުމުން ބަރުދަން އިތުރުވާނެ ކަން ފާހަގަކުރެވިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު