ބޮލީވުޑްގެ ރަސްގެފާނުގެ ގޮތުގައި ގިނަބަޔަކު ފާހަގަކުރަމުންދާ ޝާޙްރުކް ޚާން އާއި އޭނބިމީހާ ގައުރީ ޚާާން ވަނީ އެ މީހުންގެ އޮފީހެއް ކަރަންޓީން ސެންޓަރެއްގެ ގޮތުގައި ބޭނުން ކުރުމަށް ބްރިހަންމުމްބާއީ މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ) އާ ހަވާލުކޮށްފައެެވެ. އެތަން އެ މީހުންނާއި ހަވާލު ކުރި ނަމަވަެސް މިދިޔަ މަހެއްހާ ދުވަސް ތެރޭގައި އެތަން ބޭނުން ކޮށްފައެއް ނުވެއެވެ.

އެހެން ނަަމަވެސް މުމްބާއީ މިރާއިން މިހާރު ރިޕޯޓްކޮށްފައިވާ ގޮތުގައި ބީއެމްސީން މިހާރު ވަނީ އެތަން ބޭނުން ކުރަން ފަށާފައެވެ. އަދި މިހާރު އެތަނަށް ހަ ޕޭޝަންޓަކު ގެންގޮސްފައިވާކަމަށް އެ ނޫހުގައި ވެއެވެ.

އެ ސެންޓަރު ހުންނަނީ ޚަރްގެ ޑީޕްވާން އިމާރާތުގައެވެ.

އެއީ ޝާހްރުކް އާއި އޭނާގެ އަނބިމީހާ ހިންގަމުންދާ މީރް ފައުންޑޭޝަންގެ އޮފީހެވެ. އެތަން މިހާރު ކޮވިޑް-19ގެ ކަރަންޓީން ފެސިލިޓީއަކަށް ބަދަލުކޮށްފައިވާއިރު، އެތަނުގައި މިހާރު 22 އެނދު އެބަހުއްޓެވެ.

އެސިސްޓެންޓް މުނިސިޕަލް ކޮމިޝަނަރ ބުނެފައިވާގޮތުގައި، އެ ތަން އެ މީހުންނާއި ހަވާލު ކުރުމުން އެތަނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފެށި ކަމަށެވެ. އެގޮތުން ކޮންމެ ފަންގިފިލާއަކަށް އިތުރު ދޮރުތައް ހަދައި، ވަގުތީ ފާހަނަތައް ހަދައި، އެއްޗެހި ބަދަލު ކުރެވޭނެ ގޮތްވެސް ހަދާފައި ވާ ކަމަށް އޭނާ ބުނެފައި ވެއެވެ.

"އެ މަސައްކަތް ކުރުމަށް ޝާހްރުކްއަށް ވަނީ އުނދަގޫތަކެއް ކުރުމަތިވެފައި. އެއީ ލޭބަރުން ލިބުމުގައި ދަތިތަކެއް ދިމާވެ. އެ މަސައްކަތް ނިންމާފައި ވަނީ ވަރަށް ފަހުން، އަދި މުޅި ސެންޓަރު އޮތީ ތައްޔާރަށް އެތަނުގެ އޮޕަރޭޝަން ނުފެށި އޮތީ، ޑޮކްޓަރުންނާއި، ޕަރަމެޑިކަލް ސްޓާފުން ލިބުމުގައި ދަތިތަކެއް ދިމާވެގެން، އެހެން ނަމަވެސް މިހާރު އެތަން ހިންގަން ސިއްހީ ފަރުވާ ދޭ އަމިއްލަ ތަނަކާއި ވަނީ ހަވާލުކޮށްފައި". އޭނާ ބުނެފައި ވެއެވެ.