ސްޕޭސް އެކްސް އާއި ނާސާގެ ތާރީޚީ މިޝަންގައި އެސްޓްރޮނޯޓުންނާއެކު ރޮކެޓެއް ކާމިޔާބުކަމާއެކު ޖައްވަށް ފޮނުވާލައިފިއެވެ.

"ފެލްކަން-9" ގެ ނަމުން ނަންދީފައިވާ މި ރޮކެޓް ޖައްވަށް ފޮނުވާލާފައި ވަނީ ދާދި ދެންމެއަކުއެވެ. އެއާއެކު މިޝަންގެ އެންމެ ނުރައްކާތެރި މަރުޙަލާ ކަމަށްވާ ޖައްވުގައިވާ ބާރުގަދަ ފީލްޑް ފަހަނައަޅައި ރޮކެޓް ވަނީ ދަތުރުކޮށްފައެވެ.

ފެލްކަން-9

މި ރޮކެޓް މިހާރު ވަނީ ދުނިޔޭގެ ވައިގެ ފަށަލަތަކުން ބޭރުވެފައެވެ. ރޮކެޓްގެ ފުރަތަމަ ސްޓޭޖް ކާމިޔާބުކަމާއެކު ފުރިހަމަވެފައި ވާއިރު، ދެވަނަ ސްޓޭޖުގައި އޭގެ އިންޖީނުގެ އެހީގައި ދެން މިސްރާބު ޖަހާނީ ޖައްވުގައިވާ ނާސާގެ ޖައްވީ އިދާރާއަށް ދިއުމަށެވެ.

ނާސާގެ ސްޕޭސް ސްޓޭޝަނަށް މި އުޅަނދު ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ. މި މިޝަންގައި ބައިވެރިވަނީ އެސްޓްރޮނޯޓް ޑޯގް ހާލީ އަދި ބޮބް ބެންކެން އެވެ.

ފެލްކަން-9

ނާސާ އާއި ސްޕޭސް އެކްސްގެ ޓީމުން ވަނީ މިދިޔަ ބުރާސްފަތި ދުވަހުވެސް މި ރޮކެޓް ލޯންޗުކުރުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ލޯންޗު ކުރުމަށް ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް މޫސުން ގޯސްވުމުގެ ސަބަބުން ލޯންޗުކުރުން ވަނީ މެދުކަނޑާލާފައެވެ.

މިއީ ފާއިތުވެދިޔަ ނުވަ އަހަރުގެ ތެރޭގައި އެމެރިކާއިން ޖައްވަށް ކާމިޔާބުކަމާއެކު އެސްޓްރޮނޯޓުންތަކެއް ފޮނުވާލި ފުރަތަމަ ފަހަރެވެ. އަދި މިއީ އަމިއްލަ ކުންފުންޏަކުން ރޮކެޓެއްގައި އެސްޓްރޮނޯޓުން ޖައްވަށް ފޮނުވާލި ފުރަތަމަ ފަހަރުވެސް މެއެވެ.

ފެލްކަން-9

މީގެ ކުރިން އެމެރިކާއިން ޖައްވަށް އެސްޓްރޮނޯޓުން ގެންދަނީ ރަޝިޔާގެ ޖައްވީ އުޅަނދުތަކުގައެވެ. ނަމަވެސް ސްޕޭސް އެކްސްގެ މިޝަން ކާމިޔާބުވެއްޖެ ނަމަ އެމެރިކާއިން ދެން ރަޝިޔާގެ އެހީތެރިކަން މިކަމުގައި ބޭނުމެއް ނުވާނެއެވެ.