އެމެރިކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން މަރުވި ޖޯޖް ފްލޮއިޑްގެ މަރާއި ގުޅިގެން އެމެރިކާގައި ވަރުގަދަ މުޒާހަރާތަކެއް ކުރަމުން ގެންދާއިރު، މިމައްސަލައިގައި އެއް ފުލުހެއްގެ މައްޗަށް ވަނީ މަރުގެ ދައުވާ އުފުލާފައެވެ. ހުކުރު ދުވަހު ދައުވާ އުފުލާފައި ވަނީ ފްލޮއިޑް ހައްޔަރުކޮށް، އޭނާގެ ކަރުގައި ކަކޫ އަޅައިގެން އިން ޑެރެކް ޗައުވިން އެވެ.

ޗައުވިންގެ މައްޗަށް ފްލޮއިޑް މަރުގެ މައްސަލައިގައި ހުކުރު ދުވަހު ދައުވާ އުފުލާފައި ވާއިރު އޭނާގެ އަނބިމީހާ ކެލީ ވަނީ އޭނާ ކައިރިން ވަރިވާން ކޯޓަށް މައްސަލަ ހުށަހަޅާފައި ކަމަށް މީޑިއާތަކުން ރިޕޯޓް ކުރެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޗައުވިން ކައިރިން ވަރިވާން ކެލީ ކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ ހޯމަ ދުވަހު އެވެ. އެއީ ފްލޮއިޑްގެ މަރުގެ މައްސަލައިގައި ޗައުވިން ފުލުހުންގެ ވަޒީފާ އިން ވަކިކުރި ދުވަހެވެ.

ކެލީގެ ޤާނޫނީ ވަކީލް އެމެރިކާގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ފްލޮއިޑްގެ މަރާއި ގުޅިގެން ކެލީ ވަރަށް ބޮޑަށް ހިތާމަ ކުރާކަމަށާއި، ފްލޮއިޑްގެ އާއިލާ މެންބަރުންނާއި، ރަހުމަތްތެރިންގެ ހިތާމައިގައި އޭނާ ބައިވެރިވާ ކަމަށެވެ.

ކެލީ އާއި ޗައުވިންގެ ކައިވެންޏަށް ކުއްޖަކު ލިބިފައެއް ނުވެއެވެ. ނަމަވެސް ކެލީ ކުރިން ކައިވެންޏަކަށް ކުދިން ލިބިފައި ވެއެވެ.

ފްލޮއިޑް މަރުވީ އޭނާ 20 ޑޮލަރުގެ ވަގު ނޫޓެއް ގެންގުޅޭ ކަމަށް ތުހުމަތު ކުރެވިގެން ފުލުހުން އޭނާ ހައްޔަރުކޮށް، ކުރި އަނިޔާގެ ސަބަބުންނެވެ. ޗައުވިންގެ އިތުރުން އިތުރު ތިން ފުލުހަކު ފްލޮއިޑްގެ ގައި މައްޗަށް އަރައި ތިބޭ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާއްމު ވެފައެވެ. ނަމަވެސް ފްލޮއިޑްގެ މަރާއި ގުޅިގެން ޗައުވިންގެ އިތުރުން އަދި އިތުރު މީހަކުގެ މައްޗަށް ދައުވާ އުފުލާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަނިޔާ

    އަނބި މީހައަށްވެސް ހުންނާނީ އަނިޔާ ކޮށްފަ.

    51
  2. ކޮވިއްޑާބެއްޔާގެ ފުތު.

    ކަނބުލޮ ބަހީ އަވަހަށް ލޮކްޑައުން ނިމެންވާއިރަށް. މިހުރީ އިންނަން.

    11
  3. ތާކިހާ

    ދިވެހި އަންހެންކަނބަލުން ވެސް ވިސްނާލުންބުއްދިވެރި. ބުޅި ކެނޑޭނީ ކެޔޮޅުންގެ އަތުން ނަމަވެސް ދެއްތޯ. ފުލުހުންވެސް ޕޮރޮފެސަނަލް ސްޓޭންޑަރޑް ހިފަހައްޓަންޖެހޭ. މިރާއްޖޭގައިވެސް ބައެއްފަހަރު ކަންބޮޑުވާންޖެހޭދަފަ މިފާޑުގެ މަންޒަރު މަދުންނަމަވެސް ފެންމުންދޭ. ދެންއޮތީ މިކަމުގެ އިސްޤީފަސްބައި ދެއްތޯ. ފަހަރެއްގައި ފިރިމީހާ ކައިރިން ދެމިގަންނަން ހޯދި ތަންވަޅަކަށްވުންވެސް ވަރަށް ކައިރި. އެއީ ކުރީގެ ފިރިމީހާއަށް ދަރީން ލިބިފައިވާތީ. މި ރާއްޖޭގައިވެސް ބައެއްފަހަރު ދެއްތޯ. އަންހެނުން މިފާޑުގެ ދަނޑިވަޅުގެ ބޭނުން މަދުންނަމަވެސް ހިފަމުންދޭ ދެއްތޯ. ނަމަވެސް އަންހެންމީހާގެ ހިތްވަރަށްވެސް ސާބަސް.