ރޭގެ ވަގުތެއްގައި އެމެރިކާގެ ފަސްގަނޑުން ޖައްވަށް އުދުއްސައިލި އެމެރިކާގެ ރޮކެޓު ކަމުގައިވާ ފެލްކަން 9 ޖައްވުގައި އެނބުރޭ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ގައި ބަނދަރު ކޮށްފިއެެވެ.

ފެލްކަން 9 ކާމިޔާބު ކަމާއި އެކު މިކަން ކުރުމާއި އެކު މިއީ 2011 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ނާސާ އިން ސްޕޭސް ޝަޓްލް ބޭނުން ކުރުން ހުއްޓާލި ފަހުން އެ ގައުމުގެ އަމިއްލަ ރޮކެޓެއްގައި އެމެރިކާގެ އެސްޓްރޯނޯޓުން ޖައްވަށް ފޮނުވި ފުރަތަމަ ފަހަރެވެ. އަދި މިއީ އެމެރިކާގެ ތާރީހުގައިވެސް އަމިއްލަ ކުންފުންޏަކުން އުފެއްދި ރޮކެޓެއްގައި ނާސާ އެސްޓްރޯނޯޓުން ޖައްވަަށް ފޮނުވި ފުރަތަމަ ފަހަރު ކަންވެސް ފާހަގަކޮށްލެވެއެވެ.

އެލަން މަސްކުގެ ސްޕޭސް އެކްސްގެ މި ރޮކެޓަކީ އަމިއްލަ އަށް ސްޕޭސް ސްޓޭޝަންގައި ބަނދަރު ކުރުމުގެ ގާބިލްކަން ހުރި ރޮކެޓެއް ނަމަވެސް، މިއީ ޑެމޯ މިޝަން އަކަށް ވުމާއި، ކޮމްޕިއުޓަރުތައް ފެއިލް ވެއްޖެ ހާލަތެއްގައި އެސްޓްރޯނޯޓުންނަށް ރޮކެޓު އަމިއްލަ އަށް ބަނދަރު ކުރެވޭނެކަން ސާބިތު ކޮށްދޭން އެކަން ކޮށްފައި ވަނީ ކޮމްޕިއުޓަރުގެ އެހީ އާއި ނުލައެވެ.

މި މިޝަން އަކީ ސްޕޭސް އެކްސް އިން ޖައްވަށް ރޮކެޓުތައް ފޮނުވަން ނާސާގެ ކޮމާޝަލް ކްރޫ ސެޓިފިކޭޝަން ހޯދަން އެ ކުންފުނިން ކުރަން ޖެހުނު އެންމެ ފަހު ކަންތެކެވެ.

އެލަން މަސްކު ބުނެފައި ވަނީ މިވަގުތު އޭނާ އަށް އިހްސާސްތައް ބަޔާން ކޮށްދޭންވެސް ނޭނގޭ ކަމަށާއި މިއީ 18 އަހަރުވީ ދިގު ހުވަފެނެއް ކަމަށެވެ. އަދި މިއީ އިންސާނުން މާސްގައި އާބާދު ކުރުމާއި ހަނދުގައި އިންސާނުންގެ ބޭސް އެއް އެޅުމަށް އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށެވެ.