ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ފައްސިވެގެން ފަރުވާދެމުން ދަނިކޮށް، ބޮލީވުޑްގެ މަޝްހޫރު މިއުޒީޝަން އަދި ލަވަކިޔުންތެރިޔާ، ވާޖިދް ޚާން މަރުވެއްޖެ އެވެ.

އިންޑިއާގެ ނޫސްތައް ބުނާގޮތުން ވާޖިދް ޚާން މަރުވެފައި ވަނީ މުމްބާއީގެ ހޮސްޕިޓަލެއްގައި ހާލުދެރަވެގެން ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ. އޭނާ މަރުވިއިރު ފަރުވާދެމުން ދިޔައީ ވެންޓިލޭޓަރުގެ އެހީގައެވެ.

އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ، ވާޖިދް ޚާން މަރުވީ ކޮވިޑް-19 އަށް ފައްސިވި ފަހުން އިތުރު ސިއްޙީ މައްސަލަތަކެއް ވެސް ކުރިމަތިވެފައި ވަނިކޮށް ކަމަށެވެ. އެގޮތުން ހިތާއި ކިޑްނީގެ މައްސަލަތައްވެސް އޭނާއަށް ކުރިމަތިވެފައިވާ ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

ކޮވިޑް-19 އަށް ފައްސިވެފައިވާކަން އެނގުމުގެ ކުރިން ވާޖިދް ޚާން ވަނީ ސަލްމާން ޚާންގެ "ބާއީ ބާއީ" އާއި "ޕްޔާރ ކަރޯނާ" ފަދަ ލަވަތަކުގެ މަސައްކަތް ކޮށްފައެވެ. މީގެ ތެރެއިން އެންމެ ފަހުން ނެރުނު "ބާއީ ބާއީ" ރިލީޒްކޮށްފައި ވަނީ މިދިޔަ ފިތުރު އީދު ދުވަހާއި ދިމާކޮށެވެ. މިއުޒިކްގެ ދާއިރާއިން އެންމެ ފުރަތަމަ ވާޖިދް ޚާން ނިކުތީވެސް ސަލްމާނާއެކު އެވެ.

އެންމެ ފުރަތަމަ މިއުޒިކީ ދާއިރާގައި ވާޖިދް ޚާން މަސައްކަތް ފަށާފައި ވަނީ 1998 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ގިނަ ލަވަތަކެއްގެ މަސައްކަތް ކޮށްފައި ވާއިރު، މަޝްހޫރު އެތައް ލަވައެއްގެ މިއުޒިކް ހަދާފައި ވެއެވެ. އޭގެތެރެއިން 2003 ވަނަ އަހަރު ނެރުނު "ތޭރޭ ނާމް" އާއި 2009 ވަނަ އަހަރު ނެރުނު "ވޯންޓެޑް" އާއި 2010 ވަނަ އަހަރު ނެރުނު "ވީރު"ގެ އިތުރުން އެ އަހަރު ނެރުނު "ދަބަންގް" ގެ ލަވަތައްވެސް ހިމެނެއެވެ.

މިއުޒިކީ ދާއިރާގައި ވާޖިދު ޚާން ވަނީ "ބެސްޓް މިއުޒިކް ޑިރެކްޓަރ" އެވޯޑާއި އެނޫންވެސް ގިނަ ކާމިޔާބީތައް ހާސިލްކޮށްފައެވެ. އޭނާގެ ބައެއް ލަވަތަކަކީ ބޮލީވުޑް ލަވަތަކުގެ ތެރެއިން ގިނަ ބައެއްގެ މަޤުބޫލުކަން ލިބިގެންގޮސްފައިވާ ލަވަތަކެކެވެ.

ވާޖިދް ޚާންގެ ކުއްލި މަރުގެ ޚަބަރާއެކު ބޮލީވުޑްގެ މަޝްހޫރު ތަރިންނާއި މިއުޒީޝަނުން ދަނީ ހިތާމަ ފާޅުކޮށް، މީސްމީޑިއާގައި ޝުޢޫރު ފާޅުކުރަމުންނެވެ. ވާޖިދް ޚާން މަރުވިއިރު އޭނާގެ އުމުރުން 42 އަހަރެވެ.

ކޮވިޑް-19 ގެ ބަލީގައި ވާޖިދް ޚާން މަރުވިއިރު، އިންޑިއާއަކީ މި ބަލީގެ ނުރައްކާ އެންމެ ބޮޑު އެއް ޤައުމެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 190,609 މީހަކަށް މި ބަލި ޖެހިފައިވާއިރު، އޭގެތެރެއިން 5,408 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރިމް

    ވާޖިދު މަޝްހޫރުވީ އޭނަގެ ބޭބެ ސާޖިދު އާ އެކު 'ސާޖިދުވާޖިދު' ނަމުން މިޔުޒިކް ޑިރެކްޓަރެއްގެ ގޮތުގައި!!

    14
  2. ރަނގަޅަށް ލިޔެބަލަ

    ކިޑްނީ އިންފެކްޝަނަކުން އޭނަ ނިޔާވިކަމަށްވަނީ. އޭނަޔަށް ހުރީ ކޮވިޑްވެސް ޖެހިފައި.

    3
    1