ކޮވިޑް-19 ގެ ސަބަބުން ފުރަބަންދު އިއުލާންކުރުމުން ގޭގައި ބަންދުވެފައި ތިބެން ޖެހުނު ވަގުތު ދިވެހިންގެ ހުނަރުތައް ދައްކާލަމުން ދަނީ، ފޭސްބުކްގައި ކަރަންޓީން އާޓްޕޯސްޓިންގެ ނަމުގައި ހިންގަން ފެށި ގްރޫޕްގައެވެ. އެ ގްރޫޕްގައި އާއްމުންގެ ސަމާލުކަން ލިބޭ އެތައް ހުނަރެއް ފެންނަމުން ދާއިރު، އޭގެ ތެރެއިން އަހުމަދު ހާދިފްގެ ކާޓޫންތަކަކީ އަދި ވަކިން ތަފާތު އެއްޗެކެވެ.

މާލެއަށް އުފަން، އުމުރުން 20 އަހަރުގެ ހާދިފްގެ ހުނަރުވެރިކަމަށް އާއްމުންގެ ސަމާލުކަން ހުއްޓުނީ މަޝްހޫރު ޑިޒްނީ ކެރެކްޓަތައް ދިވެހި ހެދުން ލައްވާފައި ގްރޫޕްގައި ހިއްސާކުރި ހިސާބުންނެވެ. ޑިޖިޓަލް އާޓްގެ ހުނަރު ލިބިފައިވާ މި ޒުވާނާ އެ މަސައްކަތް ކުރަނީ އޭނާގެ ފޯނު ބޭނުންކޮށްގެންނެވެ.

އޭނާ ކުރަހާފައިވާ ކާޓޫންތަކުގެ ތެރޭގައި ދިވެހިވަންތަ ރަހަތަށް ހިމެނޭ ޑިޒްނީ ކެރެކްޓާތައް އެއީ އެންމެ ބޮޑަށް އާއްމުންނަށް ކަމުދިޔަ ކުރެހުންތަކެވެ. އޭނާގެ ކުރެހުންތަކުގައި މުލާން އާއި ސިންސްރެއްލާ ފަހަ މަޝްހޫރު ކެރެކްޓަތައް ހިމެނެއެވެ. އެ ކުރެހުންތަކުގައި އޭނާ ވަނީ ދިވެހި މަސައްކަތްތެރި މަންޒަރުތައް ވެސް ހިމަނާފައެވެ. އެގޮތުން ބަނޑިޔާހި ފައިގެން ދާ މަންޒަރާއި، ދާގައި އެއްޗެހި ފުނޑާ މަންޒަަރު ކުރެހުންތަކުގައި ހިމެނެއެވެ.

މި ކުރެހުންތަކުގެ އިތުރުން ތަފާތު އެކި ރަހަތައް އޭނާގެ ކުރެހުންތަކުން ފެންނަން އެބަހުއްޓެވެ. ހާދިފްގެ ހުނަރުތައް ފެންނަ ޚާއްސަ އިންސްޓަގްރާމް އެކައުންޓެއް، ޑިސްޓަބްޑް އައިސްކްރީމްގެ ނަމުގައި އޭނާ ވަނީ އުފައްދާފައެވެ.

https://www.instagram.com/p/B_Zpvy9JsEh/

ހާދިފް "ވަގުތަށް" ބުނި ގޮތުގައި ކުރެހުމުގެ މަސައްކަތް އޭނާ ފެށީ ސްކޫލް ދައުރުގައެވެ. އޭރު ބައެއް ރައްޓެހިންނާއި އެކު ކުރެހުމުގެ މަސައްކަތް ވަރަށް ގިނައިން ކުރާކަން އޭނާ ފާހަގަކުރިއެވެ. އަދި އެކުވެރިންގެ ފަރާތުން އެ މަސައްކަތަށް ވަރަށް ބޮޑަށް އެއްްބާރުލުން ލިބޭ ކަމަށް އޭނާ ބުންޏެވެ.

"ކުރެހުމަކީ އަސްލު ހޮބީއެއް. ބޭނުންވަނީ މެރިން ބައޮލޮޖިސްޓަކަށް ވާން. މިހާރު އެމްއެންޔޫގައި މެރިން ބައޮލޮޖީ ކިޔަވަނީ. އާޓް ޓިއުޓޯރިއަލްތައް ބަލަން ދޭތެރެއަކުން. ދެން މި މަސައްކަތް ކުރަނީ ހުސް ވަގުތުކަމަށް ވާތީ އަދި ގޮންޖެހުމެެއް ދިމައެއްނުވޭ." ހާދިފް ކިޔަދިނެވެ.

ހާދިފްގެ މަސައްކަތްތަކުގެ ތެރެއިން އޭނާ އަށް އެންމެ ކަމުދާ ކުރެހުމަކީ ހުދު ދޫންޏަކާ އެކު ހުރި އަންހެނެއް ހިމެނޭހެން އޭނާ ކުރަހާފައިވާ ކުރެހުމެވެ.

https://www.instagram.com/p/CAYGAmrJS_9/

ހާދިފްއަށް އެންމެ ކަމުދާ ކުރެހުމަކީ އޭނާ ދޮންހިޔަލަ ވާހަކަ ކިޔުމަށް ފަހު ކުރެހި ކުރެހުމެކެވެ. އެއީ ރީތިވުމުގެ ސަބަބުން ރަސްގެފާނު، އެ އަންހެން މީހާގެ ފިރިމީހާ އާއި އޭނާ ދުރުކުރާ އަންހެނެއްގެ ވާހަކަ ފެންނަ ކުރެހުމެކެވެ.

އެ ކުރެހުމުގައި އޭނާ ފިރިމީހާ އަށް ސިޓީ ފޮނުވަން ގެންގުޅުނު ހުދު ކާޅެއް ވެސް ފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޑަމީ

    މި ހުރިހާ ކަނބަލުން ވެސް އަދި ބުރުގާ އަޅާނެ ކަމަށް އުށްމީދު ކުރަން.

    7
    3
  2. Anonymous

    ރޫހަ ހުންނަ ތަކެތި ކުރުމުގެ ނުބައިކަމުން ދުރުވާށޭ

    5
    2
  3. އޫޕްސް

    މީހުން ބުނެ އުޅޭ ލޯ ހުންނަ އެއްޗެސް ކުރަހާކަށް ނުވާނޭ... ގިޔާމަށް ދުވަހު ކުރެހި އެއްޗެހީގައި ފުރާނަ އަޅުވަން ޖެހޭނޭ...

    9
    2
  4. ޙަސަނާތުތަރި

    ހިންމަތާއެކު މަސައްކަތްކުރާ މީހަކަށް އުނދަގޫ ކަމެއް ނެތެވެ. ވަރަށް ރަނގަޅު.

    3
    1