މީސް މީޑިއާގައި މީގެ ދެ ދުވަހެއް ވަރު ކުރިން ދައުރުވަމުން ދިޔަ ފޮޓޯގަނޑަކަށް ބަލާލުމުން ފުރަތަމަ އެއީ ކޮން އެއްޗެއް ކަމެއް ނޭނގުނެވެ. މަގްބޫލް ބައެއް ޕޭޖްތަކުގައި ދައުރުވަމުން ދިޔަ ފޮޓޯއަކީ ށ. ފޭދޫއަށް އުފަން އައިޝަތު މުސްތަގީމާ އާންމުކުރި ފޮޓޯތަކެކެވެ. އެންމެ ފުރަތަމަ ބަލާލުމުން އެއީ އެކި ކުލަ ކުލައިގެ މިރުސްތަކެއްހެން ހީވި ނަމަވެސް އެއީ ކުށްހީއެކެވެ. ހަގީގަތުގައި އެއީ އެކި ކުލަ ކުލައިގެ ކަނޑޫތަކެކެވެ.

އޭގައި ހިމެނުނު ކުލަ ތަކުގެ ފުރިހަމަކަމުން އާއްމުންގެ ބޮޑު ސަމާލުކަމެއް އެ ފޮޓޯތަކަށް ލިބުނެވެ. އަދި އެތައް ސަތޭކަ ބަޔަކު ވަނީ އެ ފޮޓޯތައް މީސްމީޑިއާގައި ހިއްސާކޮށްފައެވެ. އެއްވަރަކަށް އަތްމަތީގައި އަތުރާލާފައިވާ ކަނޑޫތައް ތަރުތީބުވެފައިވާ ކުލަތަކުން ގުދުރަތުގެ ފުރިހަމަކަން ކިތަންމެހާވެސް ރަނގަޅަކަށް ފެނެއެވެ. ޚާއްސަކޮށް ހަމަ ލޮލުން ކަނޑޫ ފެނުމުގެ ފުރުސަތު ލިބިފައި ނެތް އެތައް ދިވެހިންނަކަށް މި ފޮޓޯ ވެގެން ދިޔައީ ހައިރާން ކުރުވަނިވި ފޮޓޯއަކަށެވެ. މީސްމީޑިއާގައި 200 އަށް ވުރެ ގިނަ މީހުން ވަނީ މުސްތަގީމާގެ އެ ފޮޓޯ ޝެއާކޮށްފައެވެ.

ކަނޑޫ( Black mangrove)އަކީ ޗަސް ބިމުގައި ތެދަށް ހެދޭ ގަހަކަށް ކިޔާ ނަމެކެވެ. މިއީ އެއްވަރަކަށް ގޮފިލަމުން ހެދޭ ގަހަކަށް ވާއިރު ކަނޑޫގަހުގެ ލަކުޑި އަށް ވެސް ކަނޑޫ ކިޔައެވެ.

ހަމައެހެންމެ ކަނޑޫ ގަހުގެ ވަކަށް ވެސް ކިޔަނީ ކަނޑޫއެވެ. މިވަކަކީ، މަލުން ނުކުންނަ ހިމަދިގުކޮށް ދެކޮޅަށްތޫރިކޮށް ހުންނަ ތޮޅިއެކެވެ. މިވައް ދޮންނުވާ އިރު، ހުންނަނީ ފެހި ކުލައިގައެވެ. ދޮންވުމުން ރަތް ފެހިކުލައަކަށް ބަދަލުވެއެވެ. ގަދަ އޮރެންޖާއި ރަތް ކުލައިގައި ކަނޑޫ ހުންނަ ތަން ފެންނާނީ މަދު ފަހަރެއްގައެވެ. މިވަކަކީ، ފަލަމަޑީގެ ގޮތުގައި ކެއުމަށްވެސް ބޭނުންކޮށް އުޅޭ އެއްޗެކެވެ.

ދިވެހި ކެއުމުގެ ތެރެއިން ކަނޑުލަކީ އުތުރުގެ ހިސާބުތަކުގައި ވަރަށް މަޝްހޫރު ކެއުމެކެވެ. އާއްމުކޮށް ކަނޑޫ ކަނީ ހުންޏާއި ގަރުދިޔައާ އެކުގައެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގައި ވެސް ކަނޑޫ ފާތައް ހުންނަކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަލީޝާ

    ކަނޑޫ ކޮޅެއް ވަރަށް ބޭނުން. ގަންނަށް ލިބޭނެގޮތެއް ބުނެލަދެއްވުން އެދެން. ޢައިޝާ.

  2. Anonymous

    ނޫނު ލަންދޫ
    ނ. ޅޮހި
    ނ. މަނަދޫ
    މިރަށްތަކުގައި ކަނޑޫ އަދި ރަނޑޫ ހުންނާނެ

    4
    2
  3. ގ

    ހއ، ހދ ވަރަށް ގިނަ ރަށްރަށުގަވެސް ކަނޑޫ ހުރޭ. ވަރަށް މީރު ގަރުދިޔަޔާ މޮޑެގެން. މާލޭ މީހުން ހައިރާން ވާނެ.