ކޮވިޑް-19 ޖެހިގެން އިރާނުގައި ފަރުވާ ހޯދަމުން ދިޔަ 107 އަހަރުގެ އަންހެނަކު ބަލިން ރަނގަޅުވެއްޖެއެވެ.

އީރާންގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ސަލްތަނަތް އަކްބަރީ ނަމަކަށް ކިޔާ އެ އަންހެން މީހާ އެޑްމިޓް ކޮށް ފަރުވާ ދީފައިވަނީ އެގައުމުގެ ސިޓީއެއް ކަމަށްވާ އަރަކްގެ އަންސާރީ ހޮސްޕިޓަލުގައެވެ.

އޭނާ ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ ބަލިން ރަނގަޅުވި ނަމަވެސް ދުވަސްކޮޅަކަށް އައިސޮލޭޝަންގައި ބޭއްވުމަށްފަހުގައެވެ.

އޭނާ ބަލިން ރަނގަޅުވެފައިވަނީ ހޮސްޕިޓަލުގައި ތިބި ޑޮކްޓަރުންނާއި ނަރުހުންގެ ބުރަ މަސައްކަތުން ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އިރާނުން ކޮވިޑް-19 ޖެހިގެން 154,445 މީހަކު ވަނީ ރިޕޯޓް ކޮށްފައެވެ. މީގެ ތެރެއިން 7,878 މީހަކު ވަނީ މަރުވެފައެވެ. މި ބަލި ޖެހިގެން އެގައުމުން މިހާތަނަށް 121,004 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި ހާލު ދެރަވެގެން 2,578 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް-19 އަކީ ނުރައްކާތެރި ބައްޔެއް ނަމަވެސް މި ބަލި ޖެހޭ ކޮންމެ މީހަކު މަރުވާ މީހެއް ނޫނެވެ. މިހާތަނަށް 213 ގައުމަކާއި ސަރަހައްދު ހިމެނޭހެން ބަލި ފެތުރި، 6 މިލިއަނަށްވުރެ ގިނަ މީހުން ފައްސިވެފައިވާއިރު އޭގެ ތެރެއިން 2 ލައްކައަށްވުރެ ގިނަ މީހުންވަނީ ބަލިން ރަނގަޅުވެފައި ކަމަށް އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ބަލި ޖެހިގެން އެންމެ ނުރައްކާތެރި ވަނީ އުމުރުން ދުވަސްވެފައިވާ މީހުންނާއި ނޭވާލާ ނިޒާމުގެ މައްސަލަ އުޅޭ މީހުންގެ އިތުރުން ދާއިމަށް އެކި ކަހަލަ ބޭސް ކާ މީހުން ކަމަށް ކަމުގެ މާހިރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަރިޔަމް ޟިބާ

    އާމީން